Roadha Mihaaru
ބޮޑުގަނޑުވަރުގައި ނާސިރު ކޯރާޑީ ޖެއްސެވީ ކީއްވެ؟

ބޮޑުގަނޑުވަރުގައި ނާސިރު ކޯރާޑީ ޖެއްސެވީ ކީއްވެ؟

26 ޖުލައި 2022

ދުވަހަކީ މާޗު 16، 1963 އެވެ. މާލޭގައި ހުންނަ ހއ. އަތޮޅު ފިހާރައިގެ މުވައްޒަފުން މިއަދު އުޅެނީ މުޅިން ތަފާތު މަސައްކަތެއްގަ އެވެ. ކުރަމުން އަންނަނީ ފިހާރައިގެ އާ އިމާރާތް އެޅުމަށްޓަކައި މާލޭ ހުޅަނގު އުތުރު ސަރަހައްދުގެ ފަޅުތެރެ ހިއްކުމަށް ބޭނުންވާ ގާކުނޑި އެއްކުރުމުގެ މަސައްކަތެވެ. އެކަމަށްޓަކައި، ބޮޑުވަޒީރުގެ އޮފީހުން އަންގައިގެން އެ މުވައްޒަފުން ތަޅާލަން އެ އުޅެނީ، އާއްމު ވިސްނުމުން ބަލާއިރު އެކަމަށް އެންމެ ފަހަށް ތަޅާލަން ހުންނާނެ އެއް އިމާރާތުގެ ފާރެކެވެ. ރާއްޖޭގެ އޭރުގެ ރަދުން އައްސުލްތާން މުހައްމަދު ފަރީދުލްއައްވަލް ދިރިއުޅުއްވަމުން ގެންދެވި ބޮޑުގަނޑުވަރެވެ.

މުހައްމަދު ހަމްދޫން މުހައްމަދު ހަމްދޫން

ދުވަހަކީ މާޗު 16، 1963 އެވެ. މާލޭގައި ހުންނަ ހއ. އަތޮޅު ފިހާރައިގެ މުވައްޒަފުން މިއަދު އުޅެނީ މުޅިން ތަފާތު މަސައްކަތެއްގަ އެވެ. ކުރަމުން އަންނަނީ ފިހާރައިގެ އާ އިމާރާތް އެޅުމަށްޓަކައި މާލޭ ހުޅަނގު އުތުރު ސަރަހައްދުގެ ފަޅުތެރެ ހިއްކުމަށް ބޭނުންވާ ގާކުނޑި އެއްކުރުމުގެ މަސައްކަތެވެ. އެކަމަށްޓަކައި، ބޮޑުވަޒީރުގެ އޮފީހުން އަންގައިގެން އެ މުވައްޒަފުން ތަޅާލަން އެ އުޅެނީ، އާއްމު ވިސްނުމުން ބަލާއިރު އެކަމަށް އެންމެ ފަހަށް ތަޅާލަން ހުންނާނެ އެއް އިމާރާތުގެ ފާރެކެވެ. ރާއްޖޭގެ އޭރުގެ ރަދުން އައްސުލްތާން މުހައްމަދު ފަރީދުލްއައްވަލް ދިރިއުޅުއްވަމުން ގެންދެވި ބޮޑުގަނޑުވަރެވެ.

ފާރު ތަޅާލުންވީ އުނދަގޫ މަސައްކަތަކަށެވެ. ދިޔާ ހަކުރު އަޅައިގެން އުވައިން ރާނާފައިވާ ބޯފާރުގައި ކޯރާޑީން ޖެހުމުން ގުޑާ ވެސް ނުލި އެވެ. ދެން ޖެހުނީ ފާންތިލައިން ވިދުތަކެއް ތޮރުފާށެވެ. އަދި އެ ލޯވަޅުތަކަށް ނަރު ލައްވައި، އޭގެ އަނެއްކޮޅު ޓްރެކްޓަރުގައި އައްސާލީ އެވެ. އެއަށް ފަހު ޓްރެކްޓަރު ދުއްވާލުމުން، އެ ބަރު ބިޔަ ފާރުތައް ބިންގަލުން ލުހިގެންދެ އެވެ.

އެއާ އެކު މުޅި ސަރަހައްދު ގުޑުން އަރުވާލައި، ބިމާ ހަމަވެގެން އެދިޔައީ ހަމައެކަނި ފާރެއް ނޫނެވެ. ރާއްޖޭގެ ރަސްކަމުގެ ދިގު ތާރީހު ވެސް މެ އެވެ. ދިވެހި ތާރީހު ދިރާސާކުރެއްވި ކޮލިގޭ ހަސަން އަހުމަދު މަނިކު ލިއުއްވާފައިވާ ފަދައިން، "ދިވެހިއްޔަތުގެ އަމާނާތް، އެތައް ޖީލަކަށް، އެތައް ގަރުނަކަށް، އެންމެ ހާއްސަ ގޮތެއްގައި ރައްކާތެރިކުރެވި، ދެމެހެއްޓެމުން އައި އެ ހަޒާނާ" އެ ދުވަހާ ހަމައިން ތަޅާލަން ފެށި އެތަން ހިޔާލީ ގަނޑުވަރަކަށް ބަދަލުވީ އެވެ.

ބޮޑުގަނޑުވަރުން މިހާރު ފެންނަން ހުރި ހަމައެކަނި އިމާރާތްކަމަށްވާ އުސްގެކޮޅު

ބޮޑުގަނޑުވަރުން މިހާރު ފެންނަން ހުރި ހަމައެކަނި އިމާރާތްކަމަށްވާ އުސްގެކޮޅު

ސުވާލަކީ އޭނާގެ ބަހުން ނަމަ، "ރާއްޖެ މުސްތަގިއްލު ގައުމެއްގެ ގޮތުގައި އޮތުމުގެ ސިއްރު ކަމަށްވި އަބްތާލުންގެ ޒިކުރާ އާކޮށްދޭ އެތައް އާސާރެއް އެކުލެވޭ" އަދި "މާޒީގައި ނުރައްކާތެރި ހާދިސާތައް ދިމާވި ހިނދު ބޮޑެތި އަމުރުތައް ނެރެ، ނާމާންކަން، އަމާންކަމަށް ބަދަލުކޮށްލި އިދާރާ" ތަޅާލަން އޭރުގެ ބޮޑުވަޒީރު ނާސިރު ނިންމެވީ ކީއްވެތޯ އެވެ؟

ނާސިރަކީ، ވަތަނީ ބޭފުޅެއް ނަމަވެސް، އެމަނިކުފާނަކީ ގައުމިއްޔަތުގެ ބައެއް ރުކުންތަކަށް ފަރުވާލެއް ބެހެއްޓެވި ވެރިއެއް ނޫނެވެ. ދިވެހިންގެ ރަމްޒެއް ކަމުގައިވި ތާނަ އަކުރުގެ ބަދަލުގައި ލެޓިން އަކުރު ބޭނުންކުރަން އެންގެވި އެވެ. ދިވެހިންގެ ހިތްތަކުގައި ޖަހަމުން ދިޔަ އިސްލާމީ ވިންދާ ފުށުއަރާ ކަމަކަށްވީ ނަމަވެސް އިސްރާއީލް ބަލައިގަތެވެ. ޖުމްލަކޮށް ތާރީހާއި ސަފާގަތަށް އެމަނިކުފާނު ދެއްވީ ކަނު ލޮލެކެވެ.

ބޮޑުގަނޑުވަރު އެކަންޏެއް ނޫނެވެ. މާލޭގެ ބުރުޒުތައް ތަޅާލެއްވި އެވެ. ގަބުރުސްތާނުތައް ސާފުކޮށް ގޯތި ކެނޑި އެވެ. މުލިއާގޭ ތަޅާލަން ވެސް އުޅުއްވި އެވެ. ނާސިރަށް ތާއީދުކުރާ މީހުން ދެކޭ ގޮތުގައި އެމަނިކުފާނުގެ ހުރިހާ ވިސްނުންފުޅެއް ހުރީ އިގްތިސާދީ ގޮތުން ގައުމު ކުރިއަރުވާށެވެ. އެހެންވެ އެވަގުތު އެކަމުގައި މާބޮޑު މާއްދީ އަގެއް ނެތް ތަންތަނަށް ނައްތާލައްވައި އިގްތިސާދީ މަސައްކަތްތައް ޖާގަ ދެއްވެވީ އެވެ.

އެކަމަކު އޭރުގެ ސިޔާސީ ކަންކަން ދިރާސާކުރައްވާ ބައެއް ބޭބޭފުޅުންގެ ނަޒަރުގައި ބޮޑުގަނޑުވަރު ތަޅާޅުމުގެ ފަހަތުގައި އެހެން ސަބަބެއް ވެސް އޮތެވެ. އެއީ ރަސްކަމުގެ ނިޒާމު ރާއްޖޭން ފޮހެލައްވައި އޭގެ މޫތައް ވެސް ނެތިކޮށްލެއްވުމެވެ. އެތަން ތަޅާލުމުގެ މަސައްކަތް 1963 ގައި ފެށިއިރު ނާސިރު ގެންދެވީ އޭރު އޮތް ރަސްކަން އުވާލެއްވުމުގެ ކަންކަން ރާއްވަވަމުންނެވެ.

ރަދުން މުހައްމަދު ފަރީދުލްއައްވަލް

ރަދުން މުހައްމަދު ފަރީދުލްއައްވަލް

މާޗު 22، 1963 ގައި ގަނޑުވަރަށް ވަންނަން ހުންނަ އެންމެ ރަސްމީ ދޮރާށީ ކަމަށްވާ މަޝްހޫރު ހިއްތަން ދޮރާށީ، ނެގި އެވެ. އެ އަހަރުގެ ނޮވެމްބަރު 2 ގައި ކިލެގެ ބުރުޒާއި ބޮޑުކިބާ އާއި ކުޅިބަލާ ގެކޮޅު ތަޅަން ފެށި އެވެ. އަދި ޖޫން 28، 1966 އިން ފެށިގެން ގަނޑުވަރުގެ ތެރޭގައި ހުންނަ ދަނޑީގެ ބަދަލުގައި ރަދުންގެ ދިދަ، ގުޅަކުޅޭ ފަސްގަނޑުގައި ހުންނަ އާކޯއްޓޭ ދަނޑިއަށް ނަގަން ފެށި އެވެ.

އެއީ ރަދުން މުހައްމަދު ފަރީދަށް، ނާސިރު ދެއްވި ސިގުނަލެކެވެ.

އެކަމަކު ރަދުން އަކީ ސިޔާސީ ކަންކަމާ ބެހިވަޑައިގެންނެވި ބޭފުޅެއް ނޫނެވެ. ގައުމު ހިންގެވުމުގައި ބޮޑުވަޒީރުގެ ހައިސިއްޔަތުން ނާސިރު ކުރައްވަވާ ކަންކަމަށް ފާޑެއް ވިދާޅެއް ނުވެ އެވެ. އެހެންވިޔަސް ދައުލަތުގެ އެންމެ އިސްވެރިޔަކީ ރަދުން ކަމަށްވާތީ ނާސިރު ބޭނުންވީ އޭނާ އަށް ހުރިހާ ބާރެއް ލިބޭ ފަދަ ނިޒާމެއް ގެންނަވާށެވެ. އިނގިރޭސިންގެ މައްސަލަ އުޒުރަކަށް ދައްކަވައިގެން ކުރީގެ ބޮޑުވަޒީރު އިބްރާހިމް ފާމުލަދޭރި ކިލެގެފާނު ބޭރުކުރައްވައި ބޮޑުވަޒީރުކަން ހޯއްދެވި ގޮތަށް ނާސިރު ބޭނުންވީ ރަސްކަން އުވާލާށެވެ. އެގޮތުން 1968 ވަނަ އަހަރު ގާނޫނު އަސާސީއަށް ބަދަލު ގެންނަވައި ރަސްކަން އުވާލައި ޖުމްހޫރިއްޔަތެއް ގެންނަވައި އެ ޖުމްހޫރިއްޔާގެ ރައީސްކަން ނާސިރު ހޯއްދެއްވި އެވެ.

އަދި ނާސިރު ރައީސްކަމުގެ ހުވާ ކުރައްވަވައި މާގިނަ ދުވަސްތަކެއް ނުވަނީސް، ޖެނުއަރީ 2، 1969 ގައި އުސްގެކޮޅު ފިޔަވައި ބާކީ ހުރި ހުރިހާ ތަނެއް ރޫޅާލެއްވެވި އެވެ. އެއާ އެކު ބޮޑުގަނޑުވަރު ބަދަލުވެގެންދިޔައީ މިހާރު ފެންނަން އެހުރި 'ސަލްޓަން ޕާކް' އަށެވެ.

ދިވެހި ތާރީހު ދިރާސާކުރައްވާ އަބްދުﷲ ސައީދު ވިދާޅުވި ގޮތުގައި ނާސިރުގެ އަމަލުފުޅުތަކާއި ވާހަކަފުޅުތަކުން ތަރުޖަމާކުރެވޭ މާނަތަކަށް ބަލާއިރު، އެމަނިކުފާނު ގެންދެވީ ރަސްކަމެއް އަލުން އިއާދަވުމުގެ ހުރިހާ ފުރުސަތެއް ބަންދުކުރައްވަމުން ކަމަށެވެ. އެހެންވެ ބެލެވޭ ގޮތުގައި ބޮޑުގަނޑުވަރު ތަޅާލުމުގެ ފަހަތުގައި އޮތް ސަބަބަކީ ރަސްކަން އޮތް ދުވަސްވަރުގެ ކުލަތަލާއި އަސަރުތައް ފޮހެލެއްވުން ކަމަށް އޭނާ ވިދާޅުވި އެވެ.

"އަލުން ރަސްކަމެއް އިއާދަވެދާނެ ފަދަ ކަންކަން ނެތިކޮށްލެއްވުމުގެ ވިސްނުންފުޅު ހުންނެވީ،" ސައީދު ވިދާޅުވި އެވެ.

ތާރީހު ދިރާސާކުރައްވާ އެހެން ބޭފުޅެއް ކަމަށްވާ މުހައްމަދު ޝާތިރު ވިދާޅުވި ގޮތުގައި ބޮޑުގަނޑުވަރު ތަޅާލީ އެއީ އޭރު ކޮންމެހެން ކުރައްވަންވެއްޖެ ކަމެއް ކަމަށް ނާސިރަށް ފެނިވަޑައިގަތުމުން ކަމަށާއި ބޭނުންފުޅަކީ ޒަމާނީ ތަރައްގީ އާއި ކުރިއެރުން ގެންނެވުން ކަމަށެވެ.

"އެކަމަށް ހުރަސްއެޅޭ ކަންކަން އަދި ތަންތަން ނެތިކޮށްލެއްވުން ބޭނުމަކީ،" ޝާތިރު ވިދާޅުވި އެވެ.

ޝާތިރު ވިދާޅުވި ގޮތުގައި ދެމެހެއްޓެނެވި ޖުމްހޫރިއްޔާތެއް ރާއްޖޭގައި ގާއިމްކުރެވެން އޮތީ ނާސިރު ދެކެވަޑައިގެންނެވި ގޮތުގައި، ރަސްކަމާ ގުޅުން ހުރި ކަންކަން ނެތިގެންނެވެ.

ބޮޑުގަނޑުވަރުގެ އުސްގެކޮޅު

ބޮޑުގަނޑުވަރުގެ އުސްގެކޮޅު

ނާސިރަކީ، އެމަނިކުފާނުގެ ވެރިކަން ދެމެހެއްޓެވުމަށް ވަރަށް ގިނަ އެހެން ފިޔަވަޅުތައް ވެސް އެޅުއްވި ބޭފުޅެކެވެ. ނާސިރުގެ ވެރިކަމުގައި ބޮޑުބޭބޭފުޅު ވެލާނާގޭ އިބްރާހިމް މުހައްމަދު ދީދީ ރާއްޖެ ވަޑައިނުގެންނެވޭ ގޮތަށް ސްރީ ލަންކާގައި ހުންނަވަން ޖެހިވަޑައިގަތީ ވެސް އެއް ބަޔަކު ދެކޭ ގޮތުގައި އެމަނިކުފާނުގެ ރޭއްވެވުމެއްގެ މަތީންނެވެ. ފުރަތަމަ ރައީސް މުހައްމަދު އަމީނުގެ ވެރިކަން އިންގިލާބުކޮށްލެއްވި ލީޑަރު ރާއްޖެ ވަޑައިގެންފި ނަމަ ނާސިރުގެ ވެރިކަމާ ވެސް ތޮޅިދާނެ ފެނިވަޑައިގަތީ އެވެ.

އެކަމަކު ބޮޑުގަނޑުވަރު ތަޅާލުމަކީ، ސިޔާސީ ގޮތުން ވިޔަސް ނާސިރު އެޅުއްވި ގޯސް ފިޔަވަޅެއް ކަމަށް ގަބޫލުކުރެވެ އެވެ. އެތަން ތަޅާލުމަކީ ގައުމީ ވިސްނުން ހުރި ކޮންމެ މީހަކަށް އެއީ އަސަރުކުރާނެ ކަމެކެވެ.

ކޮލިގޭ ހަސަން އަހުމަދު މަނިކު ލިއުއްވާފައިވާ ފަދައިން އެއީ ހަމައެކަނި ދިވެހި ރަސްކަމުގެ ދަރުބާރެއް ނޫނެވެ.

"އެއީ ދިވެހި މިނިވަންކަން ރައްކާތެރިކުރި ކިއްލާ އެވެ. ދިވެހި ސަގާފަތް ދިރުވަމުން އާކުރަމުން ގެންދިޔަ އިސް މަރުކަޒެވެ. އެތަނުގެ ކޮންމެ ދޮރާއްޓަކީ، ކޮންމެ ވަޅަކާއި ވެވަވީ އޭގެ އަމިއްލަ ތާރީހެއް އެކުލެވިގެންވާ އެއްޗެކެވެ،"

ބޮޑުގަނޑުވަރުގެ ބޮޑުކިބާ ގެކޮޅުތެރެ

ބޮޑުގަނޑުވަރުގެ ބޮޑުކިބާ ގެކޮޅުތެރެ

މީލާދީން 1602 ވަނަ އަހަރު ރާއްޖެ ވަޑައިގެންނެވި ފްރާންސްގެ ދަތުރުވެރިއެއް ކަމަށްވާ ފްރާންސްވާ ޕިރާޑް ލިއުއްވާފައިވާ ގޮތުގައި ބޮޑުގަނޑުވަރަކީ އޭރު ވެސް ޝަރަފްވެރި، ރީތި ބިނާއެކެވެ. އެތަނުގެ އެތެރޭގައި އެތައް އިމާރާތްތަކެއްވެ އެވެ. ވަށަވަށައިގެން ބަގީޗާތަކާއި މޭވާ އަޅާ ގަސްގަހާއި ވަޅުތަކާއި ވެއޮތައް ހުއްޓެވެ.

"ގަނޑުވަރުގެ ގޯތިތެރޭގައި ކިތަންމެ ގެއަކާއި ހުސްބިންވެ އެވެ. މިއިން ކޮންމެ ތަނެއްގައި ހިރިގަލުން ހަދާފައިވާ ވަޅު ހުރެ އެވެ. މީގެ ތެރެއިން ހުސް ދެތަނެއްގައި ވަނީ ރަސްކަމުގެ ހަތިޔާރު ރައްކާކުރާ ދެގުދަނެވެ. އެތަނުން އެއް ގުދަނުގައި ރަދުން ބޮޑުބަޑި ރައްކާކުރައްވާފައިވެ އެވެ. އަނެއް ގުދަނުގައި އެހެން ބާވަތް ބާވަތުގެ ހަތިޔާރު ބަހައްޓަވަ އެވެ." ޕިރާޑް ލިއުއްވާފައިވެ އެވެ.

ބޮޑުގަނޑުވަރު ބެހެނީ ތިން ބަޔަކަށެވެ. އެއީ ބޮޑުކިބާ، ކުޑަކިބާ އަދި ވެޔޮގެ އެވެ. ބޮޑުކިބާ އަކީ ރަސްކަން ހިންގަވަން ރަދުން ހުންނަވާ ތަނެވެ. ރަދުން ދަރުބާރުކުރައްވަނީ މަތިގޭގަ އެވެ. އެތަނުގެ ފެންޑާއަކީ ކަޓަކަރާމަތި އެވެ. އެއީ ހައިވަކަރު ލަކުޑިން ހަދައި ފުރާޅުގައި ތާންލޯޖަހައި އޭގެ އެކި ބައިތައް ވަކިން މަލަރުކޮށް ފުރާޅެއްގެ ސިފަގެނެސްފައިވާ ތަނެކެވެ.

ބޮޑުގަނޑުވަރަކީ ދުޝްމިނުންގެ ހަމަލާތައް ވަރަށް ގިނައިން އަމާޒުވި ތަނެކެވެ. އެގޮތުން ކަލާފާނުގެ ރަސްކަމުގައި މީލާދީން 1609 ގައި މަލާބާރީން ރާއްޖެ އަރައި އެތަނުގެ އެތެރެކޯލު ވަރަށް ބޮޑަށް ހަލާކުކުރި އެވެ. ފަހުން އެތެރެކޯލު އަލުން ބިނާކޮށް ވަށައި ފާރުލައި ބަޑިދޮރު ކަނޑައި ބޭރުން ކަންޒުކޮނުނީ މަލާބާރީންގެ އަސީރަކަށް ވެ ކަންނަންނޫރުގައި ހައްޔަރުވި އެކަމަކު ފަހުން ރާއްޖެ ވަޑައިގެން ރަސްކަން ކުރެއްވި ސުލްތާން މުހައްމަދު އިމާދުއްދީނު (އެއްވަނަ) ނުވަތަ މަޝްހޫރު ކަޅުތުއްކަލާގެ ރަސްކަމުގަ އެވެ.

ބޮޑުގަނޑުވަރުގެ މެދުމާ ދޮރާށި

ބޮޑުގަނޑުވަރުގެ މެދުމާ ދޮރާށި

އޭގެ ފަހުން 1752 ގައި ހޮޅީންގެ ބަޔަކު މާލެ އަރައި ވެސް ބޮޑުގަނޑުވަރަށް ހަމަލާ ދިނެވެ. އަދި ނާބުސްހާނުގައި ރޯކުރި އެވެ. ބޮޑުގަނޑުވަރު ފޮތުގައިވާ ގޮތުގެ އެ ފަހަރު އެތެރެ ކޮއިލުގައި ހުރި ހުރިހާ ގެތަކާއި، ދޮރޯށިތައް އަނދާ އަޅިއަށްވި އެވެ.

ހޮޅިން ރާއްޖޭގައި ތިބި ދުވަސްވަރު ވެރިކަން ކުރަމުން ގެންދިޔައީ ވެޔޮދޮށު ގަނޑުވަރު (މިހާރުގެ ބަނޑޭރިގޭ) ގަ އެވެ. ފަހުން ބޮޑުގަނޑުވަރު މަރާމާތުކުރައްވައި ދިރުން ގެނެސްދެއްވީ ހޮޅިން މި ރާއްޖޭން ފައްސާލެއްވި ބަތަލު ދޮން ބަންޑާރައިންނެވެ. ތާރީހު ބުނާ ގޮތުގައި ބޮޑުގަނޑުވަރުގައި އެންމެ ފަހަށް ހުރި ގިނަ އިމާރާތްތަކީ ދޮންބަންޑާރައިން ބިނާކުރެއްވި ތަންތަނެވެ. އޭގެ ފަހުން އައްސުލްތާން މުހައްމަދު ޝަމްސުއްދީން ތިން ވަނައިގެ ރަސްކަމުގައި ހަތަރު ފުރާޅަށް ޓިނު ޖަހާ އަލުން ހަދައި، ހައިވަކަރު ސިޑިއެއް ބެހެއްޓެވި އެވެ.

ޝަމްސުއްދީނުގެ ފަހުން ރާއްޖޭގައި ރަސްކަން ކުރެއްވި ހަސަން ނޫރައްދީނާއި މުހައްމަދު ފަރީދުގެ ރަސްކަމަކީ ވެސް ރަމްޒީ ރަސްކަންތަކެކެވެ. އެކަމަކު ބޮޑުގަނޑުވަރަށް އިއްޒަތް އޮތެވެ. ނަމަވެސް ނާސިރުގެ ބޮޑުވަޒީރުކަމުގައި ތަން ވުޖޫދުން ގެއްލުނީ އެވެ. "ޒަމާނުއްސުރެ ދިވެހިންގެ ކީރިތިކަމާއި މޫރިތިކަން ދަމަހައްޓަމުން ވަޑައިގެންނެވި އެކިއެކި ރަސްކަލުން ދިރިއުޅުއްވަމުން ގެންދެވި" ބޮޑުގަނޑުވަރަށް ވުރެ އެ ދުވަހު އެމަނިކުފާނަށް މުހިއްމުވީ އެހެން ކަމެކެވެ.

ނާސިރު ފަހުން ވަނީ ބޮޑުގަނޑުވަރު ތަޅާލެވުމަކީ އެމަނިކުފާނަށް ދެރަކޮށް ކުރެއްވުނު ކަމެއް ކަމަށް ވިދާޅުވެފަ އެވެ.