Roadha Mihaaru
މިނިވަން ދުވަހުގެ ޕެރޭޑު ފަސްކޮށްފި

މިނިވަން ދުވަހުގެ ޕެރޭޑު ފަސްކޮށް، ވެހިކަލް ދުއްވުން މަނާ ނޯޓިސް ކެންސަލްކޮށްފި

26 ޖުލައި 2024

މިއަދު ފާހަގަކުރާ ރާއްޖޭގެ 59 ވަނަ މިނިވަން ދުވަހުގެ އުފަލުގައި މާލޭގައި ހަވީރު ބާއްވަން އުޅުނު އެމްއެންޑީއެފްގެ ޝަރަފުގެ ހިނގާލުމާއި ކެޑޭޓުންގެ ޕެރޭޑު މޫސުން ގޯސްވުމުގެ ސަބަބުން ފަސްކޮށްފި އެވެ.

މިއަދު ފާހަގަކުރާ ރާއްޖޭގެ 59 ވަނަ މިނިވަން ދުވަހުގެ އުފަލުގައި މާލޭގައި ހަވީރު ބާއްވަން އުޅުނު އެމްއެންޑީއެފްގެ ޝަރަފުގެ ހިނގާލުމާއި ކެޑޭޓުންގެ ޕެރޭޑު މޫސުން ގޯސްވުމުގެ ސަބަބުން ފަސްކޮށްފި އެވެ.

އެ ހަރަކާތް ދެން ބާއްވާނެ ދުވަހެއް ނުބުނެ އެވެ.

މިނިވަން ދުވަހުގެ ޕެރޭޑް މިއަދު ހަވީރު މާލޭގައި ބާއްވާތީ ހަވީރު 4 އިން 6 އިންޖީނުލީ އުޅަނދު ދުއްވުން މަނާކޮށްފައި އޮތް އޮތުން ވެސް މިހާރު ވަނީ ނިމުމަކަށް ގެނެސްފަ އެވެ.

ރާއްޖޭގެ އިގުތިސާދީ ހާލަތު މި ދުވަސްވަރު ގޯސްވެފައި ވާތީ މި ފަހަރުގެ މިނިވަން ދުވަހުގެ ކުޅިވަރު ހަރަކާތްތައް ނުބާއްވަން ސަރުކާރުން ވަނީ ނިންމައިފަ އެވެ. އެހެންވެ، މި ފަހަރު ދެން އޮންނާނީ މިނިވަންދުވަހުގެ ރަސްމީ ޖަލްސާ އެކަންޏެވެ. އެ ޖަލްސާ ވެސް ބާއްވަނީ ހަރަދު ކުޑަކުރުމަށް ވަރަށް ބޮޑަށް އިސްކަންދީގެން ކަމަށް ސަރުކާރުން ވަނީ ބުނެފަ އެވެ.

މިނިވަން ދުވަހުގެ ރަސްމީ ޖަލްސާ އޮންނާނީ މިރޭ ސޯޝަލް ސެންޓަރުގަ އެވެ. އެ ޖަލްސާގައި އެންމެ ހާއްސަ އެއް ކަމަކަށް އޮންނާނީ ދައުލަތަށް ދިގު މުއްދަތަކަށް ހިދުމަތް ކުރެއްވުމުގެ އިނާމު މި އަހަރު ހާސިލް ކުރައްވާ 138 ބޭފުޅަކަށް އިނާމު ދެއްވުމެވެ.

މިއީ، ދައުލަތަށް 35 އަހަރަށް ވުރެ ދިގު މުއްދަތަކަށް ހިދުމަތްކޮށްފައިވާ މުވައްޒަފުންގެ ތެރެއިން، މަގާމުގެ މަސްއޫލިއްޔަތު އަދާކުރުމުގައި ގާބިލުކަމާއި އިހުލާސްތެރިކަމާ އެކު ކޮށްފައިވާ ހިދުމަތްތަކަށާއި އަަދި އެ މުއައްސަސާއެއްގެ ކުރިއެރުމަށް ކޮށްދީފައިވާ ހިދުމަތްތަކުގެ އަގުވަޒަން ކުރުމުގެ ގޮތުން ދޭން ފެށި އިނާމެކެވެ.

މި އަހަރު އެ އިނާމަށް ނަން ހުށަހެޅި މީހުންގެ ތެރެއިން، އިނާމު ލިބޭ ބޭފުޅުން ކަނޑައެޅީ އެކަމަށްޓަކައި ރައީސް ޑރ. މުހައްމަދު މުއިއްޒު އެކުލަވާލައްވާފައިވާ ގައުމީ އިނާމާ ބެހޭ ކޮމިޓީން ކަމަށް ރައީސް އޮފީހުން ބުންޏެވެ.