Roadha Mihaaru
މިނިވަން ދުވަހުގެ ހެވިކަމާއި ކުޅިވަރުތައް ބާއްވައިފި

މިނިވަން ދުވަހުގެ ހެވިކަމާއި ކުޅިވަރު ހަރަކާތްތައް ބާއްވައިފި

28 ޖުލައި 2018

މި އަހަރުގެ މިނިވަން ދުވަހުގެ މުނާސަބަތުގައި ބާއްވާ ރަސްމީ ކުޅިވަރުތަކާއި ހެވިކަމުގެ ހަރަކާތްތައް ގަލޮޅު ދަނޑުގައި މި ރޭ ބާއްވައިފި އެވެ.

އަހުމަދު ސާއިލް އަލީ އަހުމަދު ސާއިލް އަލީ

މި އަހަރުގެ މިނިވަން ދުވަހުގެ މުނާސަބަތުގައި ބާއްވާ ރަސްމީ ކުޅިވަރުތަކާއި ހެވިކަމުގެ ހަރަކާތްތައް ގަލޮޅު ދަނޑުގައި މި ރޭ ބާއްވައިފި އެވެ.

މި ރަސްމިއްޔާތު ޝަރަފްވެރި ކޮށްދެއްވީ ރައީސް އަބްދުﷲ ޔާމީންގެ ދެ ކަނބަލުންނެވެ. އަދި ދައުލަތުގެ ބާރުތަކުގެ ވެރިންނާއި މިނިސްޓަރުން ވެސް ބައިވެރިވެވަޑައިގަތެވެ. ކުޅިވަރުތައް ބަލައިލުމަށް ގިނަ އަދަދެއްގެ އާންމުން ވެސް، ސަލާމަތީ ކަންކަން ވަރުގަދަ ކޮށްފައިވާ ގަލޮޅު ދަނޑަށް ގޮސް ތިއްބެވެ.

ރަސްމިއްޔާތު ފެށުމުގެ ގޮތުން އޮތީ ސިފައިންނާއި ސްކޫލްތަކުގެ ކެޑޭޓް ކުދިންގެ ފަރާތުން ރައީސަށް ރިޔާސީ ކުރުނީހެއް އެރުވުމެވެ. އޭގެ ފަހުން ސިފައިންނާއި ސްކޫލްތަކުގެ އެއްކޮށްލެވިފައިވާ ބޭންޑްގައި ގައުމީ ސަލާމް ކުޅުނެވެ. އަދި ސިފައިންގެ ލަޝްކަރީންނާ އެކު ސްކޫލްތަކުގެ ކެޑޭޓުން ހިމެނޭ ހެވިކަމުގެ ލަޝްކަރުގެ ޝަރަފުގެ ހިނގާލުން އޮތެވެ.

ތަފާތު ކުލަތަކުން މުޅި ގަލޮޅު ދަނޑު ދިއްލާލާފައި އޮތް އިރު މާލޭގެ ސްކޫލުތަކުންނާއި ސިފައިން ވަނީ ވަކި ވަކި އައިޓަމްތައް ހުށަހަޅައިދީފައިވެ އެވެ. އޭގެ ތެރޭގައި ގިނައީ ތަފާތު ލަވަތަކަށް ހުށަހަޅައިދިން ނެށުންތަކެވެ. އެކި ސްކޫލުތަކުން ނެށުންތައް ހުށަހަޅައިދިނީ އެކި ތީމުތަކަކަށެވެ. އޭގެ ތެރޭގައި ގައުމީ އަދި މިނިވަންކަން ދައްކުވައިދޭ ތީމްތައް ހިމެނެ އެވެ.

މި އަހަރުގެ މިނިވަން ދުވަހުގެ ހަރަކާތުގައި ފުޅަނދު ބުރެއް ނެތެވެ. ނަމަވެސް މި ރޭ މާލޭގައި ހަވާއެރުވުން އޮތެވެ.

މާދަމާ ހަވީރު މާލޭގެ މަގުތަކުގައި ސިފައިންގެ ރޫޓު މާޗު ބޭއްވުމަށް ވަނީ ނިންމާފަ އެވެ.

މިނިވަން ދުވަހުގެ ކުޅިވަރު އައިޓަމްތައް ކުރިން ބާވަން ނިންމީ ރޭގަ އެވެ. ނަމަވެސް މި ރެ އަށް އެކުޅިވަރުތައް ބަދަލުކޮށް އެ ކުޅިވަރުތަކުގައި ގިނަ އަދަދެއްގެ ސްކޫލު ކުދިންނާއި ސަރުކާރު މުވައްޒަފުން ބައިވެރިވާތީ މާދަމާ އަކީ ސަރުކާރު ބަންދު ދުވަހެއްގެ ގޮތުގައި ވަނީ ހަމަޖައްސަވައިފަ އެވެ.