ޣައިރު ގާނޫނީ ހަރަކާތްތަކުން އާންމުން ދުރުވެ، އެ ކަންކަމުގައި ބައިވެރި ނުވުމަށް ހޯމް މިނިސްޓްރީން މިރޭ ގޮވާލައިފި އެވެ.
27 ޖުލައި 2017
ޣައިރު ގާނޫނީ ހަރަކާތްތަކުން އާންމުން ދުރުވެ، އެ ކަންކަމުގައި ބައިވެރި ނުވުމަށް ހޯމް މިނިސްޓްރީން މިރޭ ގޮވާލައިފި އެވެ.
ރާއްޖޭގެ ސިޔާސީ މަސްރަހު ހޫނުވެ، އިދިކޮޅު ފަރާތްތަކުގެ އެއްވުންތައް އިތުރުކޮށްފައިވާ މި ދަނޑިވަޅުގައި ހޯމް މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނީ، ޣައިރު ގާނޫނީ ހަރަކާތްތަކުގައި ބައިވެރިވާ ނަމަ ފިޔަވަޅު އަޅާނެ ކަމަށެވެ. އަދި ގަވާއިދުތައް ތަންފީޒު ކުރުމުގައި އެއްވެސް މީހަކު އިސްތިސްނާ ނުވާނެ ކަމަށް ބުންޏެވެ.
ހޯމް މިނިސްޓްރީން ބުނީ ރާއްޖޭގެ 52 ވަނަ މިނިވަން ދުވަހާއި ޕާކިސްތާނުގެ ބޮޑުވަޒީރު ނަވާޒް ޝަރީފް ރާއްޖެ އަށް ކުރެއްވި ދަތުރުފުޅާ ދިމާކޮށް، އާންމުންގެ މެދުގައި އެކުވެރިކަމާއި އެއްބައިވަންތަކަން ނެތް ކަމާއި ހަގީގަތާ ޚިލާފު މަންޒަރުތަކެއް ބޭރުގެ ފަރާތްތަކަށް ދެއްކުމަށް ދިވެހިންގެ މަދު ބަޔަކު މަގުތަކަށް ނުކުމެ ހިންގީ ނާތަހުޒީބު އަމަލުތަކެއް ކަމަށެވެ.
އިއްޔެ ފާހަގަކުރި މިނިވަން ދުވަހުގެ ހަރަކާތްތަކަށް ހުރަސްއެޅޭ ފަދަ ގޮތް ގޮތަށް ކަންކަން ކުރުމަށް އިދިކޮޅު ފަރާތްތަކުން މަސައްކަތް ކޮފައިވާ ކަމަށާއި މިފަދަ ނާތަހުޒީބު އަމަލުތަކަކީ ރައްޔިތުން ބަލައިގަންނަ ކަންކަމެއް ނޫން ކަމަށް ބަޔާނުގައިވެ އެވެ.
މިދިޔަ ހޯމަ ދުވަހު ރައްޔިތުންގެ މަޖިލިހުގެ އިދާރާ އަށް ވަޑައިގަންނަވަން އުޅުއްވި އިދިކޮޅު މެމްބަރުންނަށް ހުރަސް އެޅުމަށް ފުލުހުން އެތުރިގެން.---މިހާރު ފޮޓޯ: ހުސެއިން ވަހީދު
"ރާއްޖޭގެ އިސް މަގާމުތައް އަދާކުރައްވައި އިއްޒަތާއި ގަދަރު ލިބިވަޑައިގެން ތިއްބެވި ބައެއް ބޭފުޅުންގެ ފަރާތްޕުޅުން އެފަދަ ނާތަހުޒީބު ގާނޫނާ ހިލާފު ކަންކަން ކުރުމަށް ހިތްވަރު ލިބޭ ފަދަ ގޮތް ގޮތަށް ވާހަކަ ދައްކަވާ އެފަދަ ކަންކަމުގައި އަމަލީ ގޮތުން ބައިވެރިވެވަޑައިގަންނަވާ ކަމީ ސަރުކާރުން އެކަމާ ނުހަނު ކަންބޮޑުވެ ހިތާމަކުރާ ކަމެއް ކަމުގައި ދަންނަވަމެވެ. އަދި މިފަދަ ކަންކަންކަމަށް މިއަދު ރައްޔިތުން ތާއީދު ނުކުރާކަން ވެސް ފާހަގަ ކުރަމެވެ،" ހޯމް މިނިސްޓްރީން ބުންޏެވެ.
އެ މިނިސްޓްރީން ބުނި ގޮތުގައި ގާނޫނާ ޚިލާފު ނާތަހުޒީބު އަމަލުތަކަށް ހިތްވަރު ދޭ މީހުންނާއި އެފަދަ ކަންކަމުގައި އަމަލީ ގޮތުން ބައިވެރިވެ ގައުމުގެ ހަމަޖެހުމަށް ބުރޫއަރާ ގޮތަށް އަމަލުކޮށް މަގުތަކުގެ އަމާންކަން ނަގާލުމަށް މަސައްކަތް ކުރާ ފަރާތްތަކާ މެދު ގާނޫނުގައިވާ ގޮތުގެ މަތިން ފިޔަވަޅު އަޅާނެ އެވެ.
ގައުމުގެ އަމާންކަމާއި ސުލްހަމަސްލަސްކަން ގެއްލި ރައްޔިތުންގެ މެދުގައި ދެކޮޅުވެރިކަމާއި ފިތުނަވެރިކަމާއި ނަފްރަތު އުފެދޭ ފަދަ ޣައިރު ގާނޫނީ އެއްވުންތައް ބާއްވައި ފުލުހުންނާ ކުރިމަތިލުން ފަދަ ކަންކަމަކީ މިއަދުގެ ތުއްތު ކުދިންނަށާއި ޒުވާނުންނަށް ދެއްކޭ ވަރަށް ނޭދެވޭ މަންޒަރުތަކެއް ކަމަށް ބަޔާނުގައިވެ އެވެ.
ހޯމް މިނިސްޓްރީން ބުނީ ސުލްހަވެރިކަމާއެކު އެއްވެ އުޅުމުގެ މިނިވަންކަމުގެ ގާނޫނުގެ ދަށުން އެ މިނިސްޓްރީން ކުރި އިއުލާނުގައި ކަނޑައަޅާފައިވާ ކާނިވާ ސަރަހައްދު ފިޔަވައި އެހެން އެއްވެސް ތަނެއްގައި އެއްވެސް ބާވަތެއްގެ އެއްވުމެއް ނުވަތަ ހިނގާލުމެއް ނުވަތަ އުޅަނދުބުރެއް ފުލުހުންގެ ފަރާތުން ލިޔުމުން ދޭ ހުއްދައަކާ ނުލައި ބޭއްވުމަކީ ކަނޑައެޅިގެން ގާނޫނާ ހިލާފު އަމަލެއް ކަމަށެވެ.
އެ މިނިސްޓްރީން ބުނީ ގާނޫނާ ޚިލާފު އެއްވުންތަކުން ހައްޔަރުކުރާ މީހުންނާ މެދު ގާނޫނީ ފިޔަވަޅު އަޅައި އެމީހުންގެ މައްސަލަ ޝަރީއަތަށް ފޮނުވާނެ ކަމަށެވެ.
ހޯމް މިނިސްޓްރީން އިދިކޮޅު ފަރާތްތަކަށް އިންޒާރުދީ ބަޔާން ނެރުނުއިރު، މިދިޔަ ހޯމަ ދުވަހު ރައްޔިތުންގެ މަޖިލިހުގެ އިދާރާ އަށް ވަޑައިގަންނަވަން އުޅުއްވި އިދިކޮޅު މެމްބަރުންނަށް ފުލުހުން ހުރަސް އަޅައި، އޭގެ ތެރެއިން ބައެއް މެމްބަރުން ފުލުސް އޮފީހަށް ހާޒިރުކޮށް ވަނީ ސުވާލު ކުރަން ފަށައިފަ އެވެ. އެ ބޭފުޅުން ފުލުސް އޮފީހަށް ހާޒިރުކުރަނީ އެ ދުވަހު ފުލުހުންގެ ސަފުތައް ފޫއަޅުވާލި ކަމަށް ބުނެ އެވެ.
ނަމަވެސް އިދިކޮޅު ފަރާތްތަކުން ބުނަނީ ފުލުހުން އަމަލު ކުރަނީ ގާނޫނާއި ގަވައިދުތަކާ ޚިލާފަށް ކަމަށެވެ.
އިދިކޮޅުން ރޭވީ އޮއްޓަރެއް ނެތް ރޭވުމެއް: ޕީޕީއެމް
މައުމޫންގެ ސުވާލެއް ސަރުކާރަށް
ރައީސްގެ މޮޓޯކޭޑް ހުއްޓުވައިފި، ހަތަރު މީހަކު ހައްޔަރު
މުޒާހަރާކުރުމުން ނިމާލާއި މުހައްމަދު އިސްމާއިލް ފުލުހަށް
ސިފައިންނާއި ފުލުހުން އިދިކޮޅަކާ ނުގުޅޭނެ:އަބްދުއްރަހީމް
ހުކުރުދުވަހުގެ ހަރަކާތާ ދެކޮޅަށް އިންޒާރު ދީފި
ފުލުހެއްގެ މައްސަލަ ބަލައިދިނުމަށް ހުށަހަޅައިިފި
އެ ދުވަހު ސިފައިންނާއި ފުލުހުން ވެސް ގޯސް
ހަމަނުޖެހުންތައް މިދަނީ ބަލަމުން: އެންއައިސީ
ގާސިމް ހައްޔަރުކުރި ނަމަވެސް ހަރަކާތްތައް ނުހުއްޓާނެ