Roadha Mihaaru
513 މިލިއަން ޑޮލަރު ހޯދުމުގެ މަސައްކަތް ފަށަނީ

ދައުލަތަށް ލިބެން ޖެހޭ 513 މިލިއަން ޑޮލަރު ހޯދުމުގެ މަސައްކަތް މަޖިލީހުން ފަށަނީ

27 ޖުލައި 2024

ދިވެހި ދައުލަތަށް ލިބެން ޖެހޭ 513 މިލިއަން ޑޮލަރު ހޯދަން ރައްޔިތުންގެ މަޖިލީހުން މަސައްކަތް ފަށަން ތައްޔާރު ވެއްޖެ އެވެ.

ނާޒިމް ހަސަން ނާޒިމް ހަސަން

ދިވެހި ދައުލަތަށް ލިބެން ޖެހޭ 513 މިލިއަން ޑޮލަރު ހޯދަން ރައްޔިތުންގެ މަޖިލީހުން މަސައްކަތް ފަށަން ތައްޔާރު ވެއްޖެ އެވެ.

ދައުލަތަށް ލިބެން ޖެހޭ 513 މިލިއަން ޑޮލަރު އެބަހުރި ކަމަށާއި އެ ފައިސާ އެކަނި ހޯދިޔަސް ރާއްޖޭގެ ދަރަނީގެ މައްސަލަ ހައްލުވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ރޭ ވަނީ ވިދާޅުވެފަ އެވެ.

އެ ފައިސާގެ ތަފުސީލްތަކާ އެކު، ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އަހުމަދު ނާޒިމް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ނުހޯދި ހުރި ފައިސާތަކާ ގުޅޭ ގޮތުން އަންނަ އަންގާރަ ދުވަހު މާލިއްޔަތު ކޮމިޓީން ޓެކްސް އިދާރާ މީރާއާ ބައްދަލު ކުރާނެ ކަމަށެވެ.

"މިކަމުގައި ދެ ގޮތެއް ނެތް. އެ ފައިސާއަކީ ދައުލަތަށް ހޯދަން ޖެހޭ އެއްޗެއް. މީގެ އެންމެ ފުނަށް މަޖިލީހުން ދާނެ،" ނާޒިމް ވިދާޅުވި އެވެ.

ރާއްޖޭގެ 59 ވަނަ މިނިވަން ދުވަހުގެ މުނާސަބަތުގައި ސޯޝަލް ސެންޓަރުގައި ރޭ ބޭއްވި ރަސްމީ ޖަލްސާގައި ރައީސް މުއިއްޒު ވިދާޅުވީ ކުރީގެ ސަރުކާރުތަކުގައި އަތްނުލައި ހުރި ވަރަށް ގިނަ ކަންކަމުގައި އަތްލާން އެބަޖެހޭ ކަމަށާއި ކޮންމެވެސް ސަބަބަކާ ހުރެ އެ ސަރުކާރުތަކުން ފަސޭހަގޮތް ހިޔާރު ކޮށްފައި އެބަހުރި ކަމަށެވެ.

އެއް ކަމަށް ރައީސް ފާހަގަކުރެއްވީ ދައުލަތަށް ލިބެން ޖެހޭ އެތައް ބިލިއަން ރުފިޔާއެއް ނުހޯދައި މިދިޔަ ސަރުކާރުތަކުން ދޫކޮށްލާފައި ވުމެވެ.

"މިއީ ގާނޫނީ ގޮތުން ލިބެންޖެހޭ ފައިސާ، ގާނޫނުތަކުގެ ތެރެއިން ލިބެން ޖެހޭ ފައިސާ. މިގޮތުން ބަލާއިރުގައި، ލޭންޑް ރެންޓުގެ ގޮތުގައި ދައުލަތަށް ލިބެން ޖެހޭ، އަޅުގަނޑުމެން ވެރިކަމާ ހަވާލުވިއިރުގައި ނުހޯދައި، އެކަމަކު ލިބެންޖެހޭ ފައިސާ، ރައްޔިތުންގެ ފައިސާ،" ރައީސް ވިދާޅުވި އެވެ.

"513 މިލިއަން އެމެރިކާ ޑޮލަރު ނުޙޯދާ."

ރައީސް ވިދާޅުވި ގޮތުގައި، ޓީޖީއެސްޓީގެ ގޮތުގައި 102 މިލިއަން ޑޮލަރާއި ޖީއެސްޓީގެ ގޮތުގައި 3.3 ބިލިއަން ރުފިޔާ އަދި ކޯޕަރޭޓް އިންކަމް ޓެކްސްގެ ގޮތުގައި އެއް ބިލިއަން ރުފިޔާ ކުރީގެ ސަރުކާރުތަކުގައި ނުހޯދައި އެބަހުއްޓެވެ.

"މި ފައިސާ އެކަނި ހޯދިޔަސް އަޅުގަނޑުމެންގެ ދަރަނީގެ މައްސަލަ ހައްލުވީ، އެ މަސައްކަތް ކުރާނަން، އިދާރަކުރެއްވިއްޔާމުން އެ ފައިސާ ހޯދާނަން. މިހާރު އެ މަސައްކަތް ފަށައިފިން. ވަރަށް ގިނަ ފަރާތްތަކުން ފައިސާ ދައްކަން ވެސް ފަށައިފި. ސިޓީ ފޮނުވާލީމާ ފައިސާ ދައްކާ. އެކަމަކާ އުޅުނީމަ ދެއްތޯ ފައިސާ ދޭނީ ވެސް،" ރައީސް ވިދާޅުވި އެވެ.

ރައީސް މުއިއްޒު ވިދާޅުވީ މިހާރު ވެސް މީގެ ތެރެއިން ބައެއް ފައިސާ ދައްކަން ފަށާފައިވާ ކަމަށެވެ. އަދި ފައިސާ ނުލިބިއްޖެ ނަމަ ކޯޓު މަރުހަލާ އަށް ގޮސްގެން ވެސް އެކަން ކުރައްވާނެ ކަމަށާއި މިފަހަރު ދޫނުދެއްވާނެ ކަމަށް ވިދާޅުވި އެވެ.

ދައުލަތަށް ލިބެންޖެހޭ ފައިސާގެ އަދަދު މިލިއަނުން އަރާފައިވާއިރު، ރާއްޖެ އަށް ބިދޭސީން ގެނެސް ވޯކްޕާމިޓާ ވޯކްވިސާ ނުދައްކައިގެން ޖޫރިމަނާ ވެފައިވާ ފަރާތްތަކުގެ ލިސްޓެއް ވެސް ސަރުކާރުން މިދިޔަ ބުދަ ދުވަހު ވަނީ އާންމުކޮށްފަ އެވެ.

ރާއްޖޭގައި މަސައްކަތް ކުރުވާ ބިދޭސީންގެ ވޯކް ޕާމިޓާއި ވޯކް ވިސާ ފީ ނުދައްކައިގެން ކޮށްފައިވާ ޖޫރިމަނާ އިން ދައުލަތަށް 636 މިލިއަނަށް ވުރެ ގިނަ ރުފިޔާ ލިބެން ޖެހޭ ކަމަށް ދައްކަ އެވެ. ބިދޭސީންގެ މައްސަލަ ހައްލުކުރަން މި ސަރުކާރުން އަޅަމުން އަންނަ ފިޔަވަޅުތަކުގެ ތެރެއިން، ހޯމް މިނިސްޓްރީން އާންމުކުރި ލިސްޓުގައިވާ ގޮތުން ބިދޭސީންގެ ވޯކް ޕާމިޓާއި ކޯޓާ ފީ ނުދައްކައިގެން 1،026 ފަރާތެއް ވަނީ ޖޫރިމަނާ ކޮށްފަ އެވެ. އެ ފަރާތްތަކުން ޖޫރިމަނާގެ ގޮތުގައި ޖުމްލަ 636،534،736ރ. ދައުލަތަށް ދައްކަން ޖެހެ އެވެ.