Roadha Mihaaru
ހަރަދު ކުޑަކުރަން އަޅާ ފިޔަވަޅުން އުނދަގުލެއް ނުޖެހޭނެ

ހަރަދު ކުޑަކުރަން އަޅާ ފިޔަވަޅުން ރައްޔިތުންނަށް އުނދަގުލެއް ނުޖެހޭނެ: ނާޒިމް

30 ޖުލައި 2024

ރާއްޖެ އަށް މިހާރު ކުރިމަތި ވެފައިވާ އިގުތިސާދީ ދަތިތަކާ ގުޅިގެން ހަރަދު ކުޑަކުރުމަށް ސަރުކާރުން އަޅާ އެއްވެސް ފިޔަވަޅެއްގެ ސަބަބުން ރައްޔިތުން އޭގެ އުނދަގޫ ތަހައްމަލު ކުރަން ނުޖެހޭނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ނައިބް ރައީސް އަދި ދިއްގަރު ދާއިރާގެ މެމްބަރު އަހުމަދު ނާޒިމް މިރޭ ވިދާޅުވެއްޖެ އެވެ.

މާއިދާ މުހައްމަދު ރަޝާދު މާއިދާ މުހައްމަދު ރަޝާދު

ރާއްޖެ އަށް މިހާރު ކުރިމަތި ވެފައިވާ އިގުތިސާދީ ދަތިތަކާ ގުޅިގެން ހަރަދު ކުޑަކުރުމަށް ސަރުކާރުން އަޅާ އެއްވެސް ފިޔަވަޅެއްގެ ސަބަބުން ރައްޔިތުން އޭގެ އުނދަގޫ ތަހައްމަލު ކުރަން ނުޖެހޭނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ނައިބް ރައީސް އަދި ދިއްގަރު ދާއިރާގެ މެމްބަރު އަހުމަދު ނާޒިމް މިރޭ ވިދާޅުވެއްޖެ އެވެ.

ޕީއެންސީގެ ޖަގަހަ ޖަލްސާގައި ނާޒިމް ވިދާޅުވީ، ސަރުކާރުން އިގްތިސާދީ ކަންކަން އިސްލާހުކުރުމަށް ފަށައިފައިވާ ޕްރޮގްރާމުގެ ދަށުން ކުރަންޖެހޭ ކަމަކީ އާމްދަނީ އިތުރުކޮށް، ހަރަދުތައް ކުޑަކުރުން ކަމަށެވެ.

ފިޔަވަޅުތަކެއް އެޅި ނަމަވެސް ރައްޔިތުންނަށް މިހާރު ވެސް ފޯރުކޮށްދެމުންދާ ހިދުމަތްތައް އެންމެ ފުރިހަމަ ގޮތުގައި ލިބޭނެ ކަމަށް ސަރުކާރު ހިންގާ ޕާޓީ ޕީއެންސީގެ އިސް މެމްބަރު ނާޒިމް ވިދާޅުވެ އެވެ.

"އެގޮތުން ހަރަދުތައް ކުޑަކުރުމަށް އަޅާ އެއްވެސް ފިޔަވަޅެއްގެ ސަބަބުން ރައްޔިތުންގެ ދިރިއުޅުމުގެ ފެންވަރަށް އެެއްވެސް ކަހަލަ އުނިކަމެއް ނާންނާނެ ކަމުގެ ފުރިހަމަ ޔަގީންކަން އަޅުގަނޑުމެންނަށް އެބަ އޮތް،" ނާޒިމް ވިދާޅުވި އެވެ.

ހަރަދު ކުޑަކުރަން ފިޔަވަޅުތަކެއް އެޅިޔަސް ރައްޔިތުންގެ ތެރެއިން ބޭނުން ޖެހިފައިވާ މީހުންނަށް، އެއީ އާސަންދަ ވިޔަސް ހަމަ އެ ކަންކަން ފުރިހަމަވާނެ،"--- ނާޒިމް

ނާޒިމް ވިދާޅުވި ގޮތުގައި، ދައުލަތުގެ އަންނަ އަހަރުގެ ބަޖެޓް އެކުލަވާލާއިރު އެންމެ ބޮޑަށް ކަންކަން ބޭނުންވެފައިވާ މީހުންގެ ބޭނުންތަކަށް އުނިކަން ނާންނާނެ ގޮތަށް ބަޖެޓް އެކުލަވައިލުމުގެ މަސައްކަތް އަންނަނީ ކުރަމުންނެވެ. އެންމެ އަވަހަށް ނިންމެން އޮތް މަޝްރޫއުތައް އަވަހަށް ނިންމުމަށް ސަރުކާރުން ކަނޑައަޅާފައިވާއިރު، އެގޮތަށް ތަރުތީބު ކުރުމުގެ ސަބަބުން މަޝްރޫއުތައް ނިމޭ ވަރު އަވަސް ވާނެ ކަމަށް ނާޒިމް ވިދާޅުވެ އެވެ.

"ހަރަދު ކުޑަކުރަން ފިޔަވަޅުތަކެއް އެޅިޔަސް ރައްޔިތުންގެ ތެރެއިން ބޭނުން ޖެހިފައިވާ މީހުންނަށް، އެއީ އާސަންދަ ވިޔަސް ހަމަ އެ ކަންކަން ފުރިހަމަވާނެ،" ނާޒިމް ވިދާޅުވި އެވެ.

ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް ނާޒިމާއި ލޯކަލް ގަވަމެންޓް މިނިސްޓަރު އާދަމް ޝަރީފް މިރޭގެ ޖަލްސާގައި މަޝްވަރާއެއް ކުރައްވަނީ.---ފޮޓޯ: ފަޔާޒު މޫސާ| މިހާރު

ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް ނާޒިމާއި ލޯކަލް ގަވަމެންޓް މިނިސްޓަރު އާދަމް ޝަރީފް މިރޭގެ ޖަލްސާގައި މަޝްވަރާއެއް ކުރައްވަނީ.---ފޮޓޯ: ފަޔާޒު މޫސާ| މިހާރު

ނާޒިމް ވިދާޅުވީ ހަރަދު ކުޑަކުރުމުގެ މަސައްކަތް ކުރަންޖެހެނީ ކަންކަން ކަންބޮޑުވާ ދަރަޖަ އަށް ގޮސްފައިވާތީ އެވެ. މާބޮޑު ތަފުސީލަކަށް ވަޑައިނުގެންނެވި ނަމަވެސް ނާޒިމް ވިދާޅުވީ، ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރު ނިމުނުއިރު އާސަންދަ އިން އެކަނި ވެސް އެކި ފަރާތްތަކަށް 1.1 ބިލިއަން ރުފިޔާ ނުދައްކާ ހުރި ކަމަށެވެ. އެކަމަކު، އާސަންދައިގެ ހިދުމަތްދޭ ތަންތަނަށް މި ސަރުކާރުން ފާއިތުވި 8 މަސް ދުވަހުގެ ތެރޭގައި ވެސް 1.4 ބިލިއަން ރުފިޔާ ދައްކާފައިވާ ކަމަށް ނާޒިމް ވިދާޅުވި އެވެ.

"އެހާ ބައިވަރު [ކުރީގެ ސަރުކާރުން] ބިލް ނުދައްކާ ދިޔައީމާ ވެސް އަޅުގަނޑުމެން ބިލްތައް ދައްކަމުން އެ ހިދުމަތް މެދުނުކެނޑި ދެވުން ވެގެން ދަނީ. ރައްޔިތުންގެ ތެރެއިން ބޭނުންވާ މީހަކަށް އާސަންދަ ނުލިބިގެން އުޅެން ނުޖެހޭ. އެހެންވީމާ ހަރަދު ކުޑަކުރުމުގެ ގޮތުން އަޅަން ޖެހޭ ފިޔަވަޅުތައް އަޅުގަނޑުމެން މި އަޅަން ޖެހެނީ އަދިވެސް އެގޮތަށް ބެކްލޮގް އޮތީމާ،" ނާޒިމް ވިދާޅުވި އެވެ.

އެހެންވެ، ދައުލަތުގެ އަންނަ އަހަރުގެ ބަޖެޓު މި އަހަރުގެ ނޮވެމްބަރު 1 ގައި ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމުން، ރައްޔިތުންނަށް ބޭނުންވާ ކަންކަމަށް ފައިސާ ހަމަޖެއްސުމަށް މަސައްކަތް ކުރައްވާނެ ކަމުގެ ޔަގީންކަން ނާޒިމް ދެއްވި އެވެ. ސަރުކާރުން މަސައްކަތްތައް ކުރާނީ ރައްޔިތުންނާ އެއްހަމައެއްގައި ތިބެގެން ކަމަށް ވިދާޅުވި އެވެ.

ނާޒިމް ވަނީ ރާއްޖޭގެ އިގްތިސާދު ރަނގަޅު ކުރުމަށް ބޭރުން ހޯދަންޖެހޭ އެހީތައް ހޯދުމުގެ މަސައްކަތް ވެސް ކުރަމުން އަންނަ ކަމަށާއި އެ ކަންކަން ތަރުތީބުވުމުން ހާލަތު ރަނގަޅު ވާނެ ކަމަށް ވިދާޅުވެފަ އެވެ.