Roadha Mihaaru
ސަރުކާރުން ޓެކްސް ރޭޓުތައް މުރާޖައާ ކުރަނީ

ސަރުކާރުން ޓެކްސް ރޭޓުތައް މުރާޖައާ ކުރަނީ

27 ޖޫން 2024

ސަރުކާރުގެ އެންމެ ބޮޑު އާމްދަނީއެއް ވަންނަ ޓެކްސް ނިޒާމުގެ މުހިއްމު ޓެކްސްތަކެއްގެ ރޭޓުތައް މުރާޖައާ ކުރަން ޓައިމްލައިނެއް އެކުލަވައިލައިފި އެވެ.

ފާތިމަތު ޝަނާ މުހައްމަދު ފާތިމަތު ޝަނާ މުހައްމަދު

ސަރުކާރުގެ އެންމެ ބޮޑު އާމްދަނީއެއް ވަންނަ ޓެކްސް ނިޒާމުގެ މުހިއްމު ޓެކްސްތަކެއްގެ ރޭޓުތައް މުރާޖައާ ކުރަން ޓައިމްލައިނެއް އެކުލަވައިލައިފި އެވެ.

ފިނޭންސް މިނިސްޓްރީން އާންމުކުރި "މީޑިއަމް ޓާމް ރެވެނިއު ސްޓްރެޓެޖީ" ގައިވާ ގޮތުން މި އަހަރުގެ ތެރޭގައި އެއާޕޯޓު ޓެކްސަސް އެންޑް ފީސް (އޭޓީއެފް) ތަކުގެ ރޭޓުތައް ރިވިއު ކުރާނެ އެވެ. އޭޓީއެފްގެ ތެރޭގައި ހިމެނެނީ ޑިޕާޗާ ޓެކްސް އާއި އެއާޕޯޓު ސާވިސް ޗާޖާއި އެއާޕޯޓު ޑިވެލޮޕްމެންޓް ފީ އެވެ.

އެ ރިޕޯޓުގައިވާ ގޮތުން އަންނަ އަހަރު ގިނަ ޓެކްސްތަކެއް ރިވިއު ކުރާނެ އެވެ. އޭގެ ތެރޭގައިި ގްރީން ޓެކްސް އާއި އިމްޕޯޓު ޑިއުޓީ އާއި ކޯޕަރޭޓް އިންކަމް ޓެކްސް އާއި ޖީއެސްޓީ އާއި ޓޫރިޒަމް ލޭންޑް ރެންޓް ގެ ރޭޓުތައް ރިވިއު ކުރުން ވެސް ހިމެނެ އެވެ.

މިކަމާ ގުޅޭ ގޮތުން ފިނޭންސް މިނިސްޓަރު ޑރ މުހައްމަދު ޝަފީގު ވިދާޅުވީ، ޓެކްސް ރިވިއު ކުރި ނަމަވެސް އެ ޓެކްސްތައް ބޮޑު ކުރާނެ ކަމެއް އަދި އެނގިވަޑައިނުގަންނަވާ ކަމަށެވެ. ޓެކްސް ރޭޓުތަކަށް ގެންނާނެ ބަދަލުތައް އެނގިވަޑައިގަންނަވާނީ ރިވިއު ކުރުމަށް ފަހު ކަމަށް އޭނާ ވިދާޅުވި އެވެ.

ރޭޓުތައް ރިވިއު ކުރުމުގެ އިތުރުން، ޓެކްސް ބޭސް ފުޅާކުރުމުގެ މަސައްކަތްތައް ކުރުމަށް ފިނޭންސް މިނިސްޓްރީން ވަނީ ކަނޑައަޅައިފަ އެވެ. ޖީއެސްޓީ ބޭސް ފުޅާކުރުމަށްޓަކައި އަޅަން ޖެހޭ ފިޔަވަޅުތައް އަންނަ އަހަރު އެޅުމަށް ވެސް ވަނީ ޕްލޭންގައި ހިމަނައިފަ އެވެ.

ދައުލަތުގެ މި އަހަރުގެ ބަޖެޓުގައި ވެސް ޓެކްސް އާމްދަނީގެ ގޮތުގައި 26 ބިލިއަން ރުފިޔާ ލިބޭނެ ކަމަށް ލަފާކޮށްފައި ވެ އެވެ. މި އަހަރުގެ މިހާތަނަށް ވަނީ އެ އަންދާޒާގެ ތެރެއިން ގާތްގަނޑަކަށް 50 ޕަސެންޓު ލިބިފަ އެވެ.

"މީޑިއަމް ޓާމް ރެވެނިއު ސްޓްރެޓެޖީ" ރިޕޯޓުގައިވާ ގޮތުން ދައުލަތުގެ ކެޕިޓަލް ހަރަދު ބޮޑުވެ، ދަރަނި އަދާކުރަން ޖެހޭ ވަރު އިތުރުވެފައިވާ އިރު ޓެކްސް އާމްދަނީ ބޮޑުކުރުމަށްޓަކައި ފިޔަވަޅުތައް އަޅަން ޖެހެ އެވެ.

ސަރުކާރުން ވަނީ ގައުމުގެ މާލީ ހާލަތު ހަމަޔަކަށް އަޅުވަން މުހިއްމު ފިޔަވަޅުތަކެއް އަޅަން ނިންމައިފަ އެވެ.

އެ ފިޔަވަޅުތަކުގެ ތެރެއިން އެންމެ ފުރަތަމަ މަސައްކަތް ފަށަނީ ހަރަދުގެ ތެރެއިން ހުރި ބޮޑެތި އިސްރާފުތައް ހުއްޓުވުމަށެވެ. ސަރުކާރުން ވަނީ ސަބްސިޑީ ޓާގެޓު ކުރުމާއި އެސްއޯއީތަކަށް ބޮޑެތި ބަދަލުތަކެއް ގެންނަން ނިންމައިފަ އެވެ. އަންނަ ހަފުތާ އިން ފެށިގެން އިސްލާހީ ފިޔަވަޅުތައް އެޅުމުގެ މަސައްކަތްތައް ފަށާނެ އެވެ.