Roadha Mihaaru
އުތުރު ތިލަފަޅުގެ ޖަލާއެކު އެހެން ތަންތަން ބަންދުކުރަނީ

އުތުރު ތިލަފަޅުގައި ޖަލެއް އިމާރާތްކޮށް، އެހެން ތަންތަން ބަންދުކުރަނީ

28 ޖުލައި 2024

ކުށްވެރިން ބަންދުކުރަން އުތުރު ތިލަފަޅުގައި ޖަލެއް އިމާރާތްކޮށް، އެހެން ހުރިހާ ޖަލުތަކެއް ބަންދުކުރަން ނިންމާފައިވާ ކަމަށް ހޯމްލޭންޑު ސެކިއުރިޓީ މިނިސްޓަރު އަލީ އިހުސާން ވިދާޅުވެއްޖެ އެވެ.

ކުށްވެރިން ބަންދުކުރަން އުތުރު ތިލަފަޅުގައި ޖަލެއް އިމާރާތްކޮށް، އެހެން ހުރިހާ ޖަލުތަކެއް ބަންދުކުރަން ނިންމާފައިވާ ކަމަށް ހޯމްލޭންޑު ސެކިއުރިޓީ މިނިސްޓަރު އަލީ އިހުސާން ވިދާޅުވެއްޖެ އެވެ.

މިނިސްޓަރު މިދިޔަ ބުރާސްފަތި ދުވަހު "މިހާރު" އަށް ދެއްވި އިންޓަވިއުގައި ވިދާޅުވީ ސަރުކާރުގެ ވިސްނުމަކީ މާފުށީ ޖަލާއި ހިންމަފުށި އަދި ހުޅުމާލެ ޖަލު އުވާލައި މައި އެއް ޖަލު ހެދުން ކަމަށެވެ. އެ ތަން ގާއިމްކުރަން، ސިފައިންގެ ދަށުގައި އޮންނަ އުތުރު ތިލަފަޅު ހަމަޖައްސާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

ސެންޓްރަލް ޕްރިޒަން އުތުރު ތިލަފަޅުގެ ކޮޅުގައި އަޅަން ހުއްދަ ލިބި، އެ ތަނަށް މިހާރު ބިން ހިއްކުމުގެ މަސައްކަތް ފަށަން އެ އުޅެނީ. ފައްޓާ ނިމުނީމަ އެއް ޖަލަށް ބަދަލުކޮށް، އެ ޖަލަކީ ބައިނަލްއަގުވާމީ މިންގަނޑުތަކުން ބަލާއިރު ސްޓެންޑާޑް ޖަލެއް ގޮތަށް ހަދާފައި މި ދަންނަވާ ކަންކަން ނުހިނގާ ވަރުގެ ސެކިއުރިޓީ ފީޗާސްތައް ލާފައި އެ ޖަލު ހަދާނީ

އިހުސާން ވިދާޅުވި ގޮތުގައި އުތުރު ތިލަފަޅުގައި ހަދާ ސެންޓްރަލް ޖަލުގެ ޖާގަ އަކީ 3،000 މީހުންނެވެ. ޖަލުގައި އެހާ ބައިވަރު މީހުން ބަންދުކޮށްގެން ގެންގުޅުމަކީ އުއްމީދުކުރާ ކަމަކަށް ނުވިއަސް ރަނގަޅު ކަރެކްޝަނަލް ފެސިލިޓީއަކާއެކު މީހުން އަނބުރާ މުޖުތަމައުއަށް ނެރުމަށް މަސައްކަތްކުރަންޖެހޭ ކަމަށް އޭނާ ވިދާޅުވި އެވެ.

މިނިސްޓްރީން މިހާރު އަންނަނީ ސެންޓްރަލް ޖަލު ކުރެހުމުގެ މަސައްކަތް ކުރަމުންނެވެ. ތިން އަހަރުގެ ތެރޭގައި އެ ތަން ނިމޭއިރު ޖަލުގެ ހިދުމަތްދޭ އޮފީހަކާއި ސްޓާފް އެކޮމޮޑޭޝަން އަދި ހުރިހާ ވަސީލަތްތަކެއް ފުރިހަމަވާނެ އެވެ.

ނަފްސާނީ ބަލި މީހަކު ޖަލަށް ލިއަސް އެ މީހަކަށް ބޭނުންވާ އެހީތެރިކަން ފުރިހަމައަށް ނުދެވެ އެވެ. އެކަމަކު އަލަށް ހަދާ ތަނުގައި މެންޓަލް ކެއާ ފެސިލިޓީ ހުންނާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ހޯމް މިނިސްޓަރު އިހުސާން، މިދިޔަ ބުރާސްފަތި ދުވަހު "މިހާރު" އަށް އިންޓަވިއު ދެއްވަނީ.-- ފޮޓޯ: ފަޔާޒު މޫސާ/ މިހާރު

ހޯމް މިނިސްޓަރު އިހުސާން، މިދިޔަ ބުރާސްފަތި ދުވަހު "މިހާރު" އަށް އިންޓަވިއު ދެއްވަނީ.-- ފޮޓޯ: ފަޔާޒު މޫސާ/ މިހާރު

ސެންޓްރަލް ޖަލު އިމާރާތްކޮށް އެތަނަށް ކުށްވެރިން ބަދަލުކުރެވުމުން، ޖަލަށް ފޯނާއި މަސްތުވާތަކެތި ވެއްދުން ކޮންޓްރޯލްވެގެންދާނެ ކަމަށް ހޯމް މިނިސްޓްރީން އުއްމީދުކުރެ އެވެ.

އިހުސާން ވިދާޅުވީ މިހާރު ހުރި ޖޭމަރުތައް ޖައްސައިފި ނަމަ ސެލް ޓަވަރުތައް އެއްކޮށް ބްލޮކްވާ ކަމަށެވެ. އޭގެ އުނދަގޫ އާއްމުންނަށް ވެސް ފޯރާތީ ޓާގެޓް ކުރާ ވަކި ތަނެއް ޖޭމް ކުރެވޭނެ ގޮތެއް ހޯދަމުން އަންނަކަން އޭނާ ފާހަގަކުރެއްވި އެވެ.

ޓެކްނޮލޮޖީގެ ވަސީލަތްތަކާއެކު ފޯނު އޮތް ތަން ހޯދޭނެ ވަސީލަތްތައް ހުއްޓަސް، މިނިސްޓަރު ވިދާޅުވީ، މާފުށީ ޖަލު ހަދާފައި ހުރީ ޖަލެއް ހުންނަން ޖެހޭ ފެންވަރުގައި ނޫން ކަމަށެވެ.

"މިކަމަށް ދާއިމީ ހައްލު މި އަންނަނީ ސެންޓްރަލް ޕްރިޒަން އެޅޭ ހިސާބުން. އަޅުގަނޑުމެންނަށް މިހާރު ސެންޓްރަލް ޕްރިޒަން އުތުރު ތިލަފަޅުގެ ކޮޅުގައި އަޅަން ހުއްދަ ލިބި، އެ ތަނަށް މިހާރު ބިން ހިއްކުމުގެ މަސައްކަތް ފަށަން އެ އުޅެނީ. ފައްޓާ ނިމުނީމަ އެއް ޖަލަށް ބަދަލުކޮށް، އެ ޖަލަކީ ބައިނަލްއަގުވާމީ މިންގަނޑުތަކުން ބަލާއިރު ސްޓެންޑާޑް ޖަލެއް ގޮތަށް ހަދާފައި މި ދަންނަވާ ކަންކަން ނުހިނގާ ވަރުގެ ސެކިއުރިޓީ ފީޗާސްތައް ލާފައި އެ ޖަލު ހަދާނީ." އޭނާ ވިދާޅުވި އެވެ.

"ދާއިމީ ހައްލަކީ އެ ހިސާބުން. އޭރުން މާފުށީ ޖަލު ވެސް ހިންމަފުށީ އަދި ހުޅުމާލެ ޖަލު ވެސް ބަންދުކުރާނެ."