ފ. އަތޮޅަށް ވާން މިއުޅެނީ ކިހިނެއް؟ ހަމަ ވިއްކާލަނީތަ؟ ނޫނީ ބިޔަ އިންވެސްޓްމަންޓެއް ގެންނަން އުޅެނީތަ؟ މި ދުވަސްވަރު ގިނަ ބައެއްގެ ހިތުގައި މި ސުވާލުތައް އުފެދި، އަތޮޅުގެ ބައެއް މީހުންގެ ނުތަނަވަސްކަން ވަނީ ކުރިމަތިވެފަ އެވެ. އެ ސުވާލުތަކުގެ ޖަވާބެއް ނުލިބެ އެވެ. އެއީ ކިހިނެއް ވާން އުޅޭ ކަމެއް ކަން ވެސް އަދި އޭގެ ހަގީގަތެއް ވެސް ރަސްމީ އެއްވެސް ފަރާތަކުން ނުބުނެ އެވެ.
27 ފެބުރުއަރީ 2017
ފ. އަތޮޅަށް ވާން މިއުޅެނީ ކިހިނެއް؟ ހަމަ ވިއްކާލަނީތަ؟ ނޫނީ ބިޔަ އިންވެސްޓްމަންޓެއް ގެންނަން އުޅެނީތަ؟ މި ދުވަސްވަރު ގިނަ ބައެއްގެ ހިތުގައި މި ސުވާލުތައް އުފެދި، އަތޮޅުގެ ބައެއް މީހުންގެ ނުތަނަވަސްކަން ވަނީ ކުރިމަތިވެފަ އެވެ. އެ ސުވާލުތަކުގެ ޖަވާބެއް ނުލިބެ އެވެ. އެއީ ކިހިނެއް ވާން އުޅޭ ކަމެއް ކަން ވެސް އަދި އޭގެ ހަގީގަތެއް ވެސް ރަސްމީ އެއްވެސް ފަރާތަކުން ނުބުނެ އެވެ.
ފ. އަތޮޅަށް ވާން އުޅެނީ ކިހިނެއް ކަމެއް ޚުދު އެ އަތޮޅުގެ މީހުންނަކަށް ވެސް ނޭނގެ އެވެ. އަތޮޅު ކައުންސިލް ތެރޭގައި ވެސް ސަރުކާރާ އިދިކޮޅު މެމްބަރުންނަށް އެކަން އޮތީ ސިއްރުކޮށްފަ އެވެ. އެހެންވެ މިއީ "އަޑި ނޭނގޭ" މަޝްރޫއުއެއްގެ ގޮތުގައި ބައެއް މީހުން ދެކެ އެވެ. އެކި ގޮތްގޮތަށް އަޑުތައް އަރައިގެން އުޅެނީ ވެސް އެ ސަބަބާ ހުރެ އެވެ.
ފ. އަތޮޅުގައި ކޮންމެވެސް ކަންތައްގަނޑެއް ހިންގަން އެބަ އުޅެ އެވެ. ސައުދީ އަރަބިއްޔާ އިން އެ އަތޮޅުގައި ބޮޑު މަޝްރޫއުއެއް ހިންގަން އުޅޭ ވާހަކަ ސީދާ ރައީސް ޔާމީން ވަނީ، އޭގެ ތަފްސީލަކަށް ވަޑައިނުގެން، ވިދާޅުވެފަ އެވެ. ފ. މަގޫދު އަށް މިދިއަ މަހު ރައީސް ޔާމީން ކުރެއްވި ދަތުރުފުޅުގައި ވިދާޅުވީ އެ މަޝްރޫއާ އެކު އެ އަތޮޅު މުޅި ދުނިޔެ އަށް ހުޅުވާލެވި، ވަރަށް ގިނަ އަދަދަކަށް ވަޒީފާގެ ފުރުސަތު ތަނަވަސްވާނެ ކަމަށެވެ. އެ އަތޮޅުގައި ތަރައްގީކުރަނީ އިންޓަގްރޭޓަޑް ޓޫރިޒަމް އެވެ. އެއީ ވަރަށް މަދު ގައުމެއްގައި ނޫނީ ގާއިމްވެފައި ނެތް ވިޔަފާރިއެއް ކަމަށް ސިފަކުރެއްވި އެވެ.
ފ. އަތޮޅު ކައުންސިލްގެ ނައިބު ރައީސް އުމަރު ޒާހިރު "މިހާރު"އާ ވާހަކަދައްކަވަމުން ކުރިން ވިދާޅުވެފައި ވަނީ ޓޫރިޒަމް ތަރައްގީކުރުމުގެ ގޮތުން އެ އަތޮޅުގެ ވަކި ސަރަހަދެއް ބަޔަކަށް ކުއްޔަށް ދިނުމަކީ މައްސަލައެއް ނޫން ކަމަށެވެ. އެކަމަކު ވާނުވާއެއް ނޭނގޭ ގޮތަށް، ބަޔަކަށް "ވިއްކާލަން" އުޅޭ ކަމުގެ ވާހަކަތައް ފެތުރޭތީ އެކަމާ ރައްޔިތުން ވަރަށް ކަންބޮޑުވާ ކަމަށް ވިދާޅުވި އެވެ.
"އަޅުގަނޑުމެންނަށް މި އިވެނީ މުޅި އަތޮޅު އެއްކޮށް ހުސްކުރަނީއޭ. އެހެންވެ އޭގެ ވާނުވާ އެއް ނޭނގޭތީ ރައްޔިތުންގެ ތެރޭގައި ކަންބޮޑުވުންތަކެއް އެބަހުރި،" އުމަރު ވިދާޅުވި އެވެ.
އެކަމަކު ފ. ނިލަންދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޚަލީލު އެއަށް ޖަވާބު ދެއްވައި ވިދާޅުވެފައި ވަނީ އަތޮޅު ވިއްކާލަން ސަރުކާރުން ނޫޅޭ ކަމަށެވެ. އޭގެ ބަދަލުގައި އަތޮޅަށް ގެންނަނީ ވަރަށް މަޝްރޫއުއެއް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ބައެއް ފަރާތްތަކުން ބުނާ ގޮތުގައި ފ. އަތޮޅަކީ ރާއްޖޭގެ އެންމެ ހިތްގައިމު ފަޅުތައް އެކުލެވޭ އެއް އަތޮޅެވެ. އެ އަތޮޅުގެ ބޮޑު ބައެއް ހިއްކައިގެން ޓޫރިޒަމް ނުވަތަ އެނޫން ވެސް އިގްތިސޯދީ މަޝްރޫއެއް ހިންގުމަށް ޖާގަ ހޯދިދާނެ އެވެ.
ފ. އަތޮޅުގައި މިހާތަނަށް ތަރައްގީކުރި ހަމައެކަނި ރިސޯޓަކީ ތްރީއޭ ޓްރޭޑިން ކޮމްޕެނީން 1999 ގައި ހުޅުވި 125 ކޮޓަރީގެ ފިލިތެޔޮ އައިލެންޑް ރިސޯޓެވެ. އެ ރިސޯޓުގެ އިތުރުން އެ އަތޮޅު މާފުށީގައި މަތީ ފެންވަރުގެ ޕިކްނިކް އައިލެންޑެއް "ދަ ރާނިއާ އެކްސްޕީރިއެންސް" ނަމުގައި ޕްލެޓިނަމް ކެޕިޓަލް ހޮލްޑިން (ޕިސީއެޗް) އިން ހިންގަ އެވެ.
ސަރުކާރުން ފ. އަތޮޅު ވިއްކާލަން އުޅޭ ކަމަށް ވާހަކަ ދައްކަނީ ހަގީގަތާ ޚިލާފަށް. އޭގެ ބޭނުމަކީ ސިޔާސީ ގޮތުން ވަކި މަގުސަދެއް ހާސިލްކުރުން -ޝައިނީ
"ފ. އަތޮޅު އޮއްވައި ދ. އަތޮޅުގައި އެތައް ރިސޯޓެއް އެދަނީ ހިންގަމުން. އަދި އެއާޕޯޓެއް ވެސް އަޅައިފި. އެހެންކަމުން އެ އަތޮޅުގައި ހިންގަން ޖެހޭނީ ދ. އަތޮޅާ ވާދަކުރޭވަރުގެ ބިޔަ މަޝްރޫއެއް. އެވަރުގެ މަޝްރޫއެއް އާދައިގެ ކުންފުންޏަކަށް ނުހިންގޭނެ،" ޓޫރިޒަމް ދާއިރާގެ ތަޖުރިބާކާރަކު ވިދާޅުވި އެވެ.
ސަރުކާރުގެ އިސް ބައެއް ވެރިންނާ ހަވާލާދީ ބައެއް މީޑިއާތަކުގައި ބުނެފައި ވަނީ ފ. އަތޮޅުގައި ހިންގާ މަޝްރޫއުގެ ދަށުން އިންޓަގްރޭޓެޑް ރިސޯޓް ޕްރޮޖެކްޓަކާއި އެއް މިލިއަން މީހުން އާބާދުކުރެވޭ ފެންވަރުގެ މެގަ ސިޓީއެއް ވެސް ހަދާފާނެ ކަމަށެވެ. އެ ފެންވަރުގެ ސިޓީއެއް ގާއިމްކުރުމުން ރާއްޖޭގެ އިގްތިސާދަށް ކުރިން ނާންނަވަރުގެ ކުރިއެރުން އަންނާނެ ކަމަށް ސަރުކާރަށް ނިސްބަތްވާ މީހުން ބުނެ އެވެ. އެކަމަކު އަނެއް ބަޔަކު ދެކެނީ އެގޮތަށް ރާއްޖޭގައި ބޭރު މީހުން އާބާދުވުމުގެ ފުރުސަތު ދީގެން ނުވާނެ ކަމަށެވެ.
ފ. އަތޮޅު ވިއްކާލަން އުޅެނިއްޔޭ ކިޔައިގެން އާންމުންގެ ތެރޭގައި ވާހަކަ ދައްކަނީ ސަބަބުތަކެއް ވެސް ހުރެގެންނެވެ. ސައުދީ އަރަބިއްޔާގެ ކްރައުން ޕްރިންސް މުހައްމަދު ބިން ސަލްމާން 2014 ގައި ރާއްޖެއަށް ކުރެއްވި ދަތުރުފުޅެއްގައި ފ. ހިމިތީގައި ޓޫރިޒަމަށް އިންވެސްޓްކުރަން ޝައުގުވެރިވެވަޑައިގަންނަވާ ކަމަށް ވިދާޅުވި ކަމަށްވެ އެވެ. އަދި އޭގެ ފަހުން ގާނޫނު އަސާސީގައި ރާއްޖޭގެ ބިން މިލްކުކުރެވޭ ގޮތަށް ގެނައި އިސްލާހަކީ އެކަމަށް މަގުފަހިކުރަން ސަރުކާރުން އެޅި ފިޔަވަޅެއް ކަމަށް ސިޔާސީ ބައެއް ފަރާތްތަކުން ދަނީ ބުނަމުންނެވެ.
ޓީވީއެމްގެ ޕްރޮގްރާމެއްގައި ވާހަކަދައްކަވަމުން އިކޮނޮމިކް ކައުންސިލްގެ ކޯ ޗެއާ އަދި ފިޝަރީޒް މިނިސްޓަރު ޑރ. މުހައްމަދު ޝައިނީ ވިދާޅުވީ ބޭރުގެ ބަޔަކަށް ގައުމުން ބައެއް ވިއްކާލަން ސަރުކާރުން މަސައްކަތް ކުރާކަމަށް ބުނެ ވާހަކަ ދައްކަނީ ހަގީގަތާ ހިލާފަށް ކަމަށެވެ. އޭގެ ބޭނުމަކީ ސިޔާސީ ގޮތުން ވަކި މަގުސަދެއް ހާސިލްކުރުން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ޝައިނީ ވިދާޅުވީ ރާއްޖެއިން ބައެއް ބޭރުގެ ބަޔަކަށް ވިއްކާލުމަކީ ކުރެވޭނެ ކަމެއް ނޫން ކަމަށެވެ. އެހެންކަމުން ސަރުކާރުން އެފަދަ ފުރުސަތެއް ނުދޭނެ ކަމަށް ވެސް ވިދާޅުވި އެވެ.
ފ. މަގޫދުއަށް ރައީސް ޔާމީން ވަޑައިގެންނެވި ދަތުރަށް ރަށުތެރެ ޒީނަތްތެރިކޮށްފައި..-- ފޮޓޯ: ރައީސް އޮފީސް
އެކަމަކު ތަރައްގީކުރާ ތަނެއްގެ 70 ޕަސެންޓް ހިއްކައިގެން ރާއްޖޭގައި ބިން މިލްކުކުރެވޭ ގޮތަށް ގާނޫނުއަސާސީ އަށް ބަދަލު ގެނައީ ކޮންމެވެސް ސަބަބެއް އޮވެގެންނެވެ. ބޭރު މީހުންނަށް ބިން މިލްކުކުރެވުމަކީ ވިއްކާލުން ކަމަށް، އެއް ބަޔަކު ދެކެ އެވެ. އެހެންކަމުން، މިސާލަކަށް، ފ. އަތޮޅުގެ ބޮޑު ދެ ފަޅު ހިއްކައިގެން ބޮޑު މަޝްރޫއުއެއް ހިންގާ ނަމަ، އެއީ އެކަން ކުރާ ބަޔަކަށް މިލްކުކޮށްދޭ ސަރަހައްދެކެވެ.
ފ. އަތޮޅަށް ކުރަން އުޅޭ ކަމެއް ސަރުކާރުން ރައްޔިތުންނަށް ސާފުކޮށްދޭން ޖެހެ އެވެ. ފ. އަތޮޅުގެ ރައްޔިތުންގެ ކުރިމަގަކީ ކޮބައިތޯ ވެސް އޮޅުންފިލުވަދޭން ޖެހެ އެވެ. ފަހަރެއްގައި ސައުދީގެ ރަސްގެފާނު ރާއްޖެ އަށް ކުރައްވާ ދަތުރުފުޅުގެ ތެރެއިން އެކަން އިއުލާންކުރުން ވެސް، އެއް ބައެއްގެ ނަޒަރުގައި، އެކަށީގެންވެ އެވެ.
ފ. މަޝްރޫއު އަށް ހެދިގޮތް ދެން ނުހެދޭނެ: ޝުޖާއު
ސަގާފީ ޓޫރިޒަމަށް ވިސްނަން ރައީސް އެދިވަޑައިގެންފި
ޓޫރިސްޓުން ގެންނަން ރާއްޖެ ހާއްސަ މަޝްވަރާތަކެއްގައި
ޓޫރިސްޓުން ގެނައުމުގެ ގައިޑްލައިނަށް ބަދަލު ގެންނަނީ
ސަރުކާރަށް މިކަން ކުރަން ކެރެން އެބަ ޖެހޭ!
އޭޕްރީލް މަހުގެ އާމްދަނީ 65 ޕަސެންޓު ދަށަށް
މަޓީގެ ބަޔާނަކީ ސަރުކާރުގައި ކޮޅުފައިންޖެހުން: ފައްޔާޒް
އިކޮނޮމިކް ސްޓިމިއުލަސް އަކީ ކޮބާ؟
ގާނޫނާ ޚިލާފަށް މުވައްޒަފުން ވަކިކުރާތީ ކަންބޮޑުވެއްޖެ
ހަރަދު ކުޑަކުރުމުގެ ފިޔަވަޅުތައް އަޅަން އަންގައިފި