Roadha Mihaaru
މަޖިލިސް 77 މެންބަރުންނަށް މަދުކުރުން ރަނގަޅު: އީސީ

އީސީން ހުށަހެޅީ މަޖިލިސް މެމްބަރުންގެ އަދަދު 77 އަށް މަދުކުރަން

29 ޖުލައި 2024

ރައްޔިތުންގެ މަޖިލިސް 77 މެމްބަރުންނަށް މަދުކޮށް، އެ އަދަދު ހިފަހައްޓަން ފެންނަ ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން މިއަދު ބުނެފި އެވެ.

މޫސާ ރަޝީދު މޫސާ ރަޝީދު

ރައްޔިތުންގެ މަޖިލިސް 77 މެމްބަރުންނަށް މަދުކޮށް، އެ އަދަދު ހިފަހައްޓަން ފެންނަ ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން މިއަދު ބުނެފި އެވެ.

އިންތިހާބުތައް ބޭއްވުމުގެ ގާނޫނީ ޒިންމާ އޮތް އީސީން މި ހިޔާލު ހުށަހެޅީ މެންބަރުންގެ އަދަދު ހިފެހެއްޓުމާ ގުޅޭ ގޮތުން މަޖިލީހަށް ހުށަހަޅާފައިވާ ގަރާރަކަށް މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީގައި ވާހަކަ ދައްކަވަމުންނެވެ.

އީސީގެ ރައީސް ފުއާދު ތައުފީގް ވިދާޅުވީ ގާނޫނުގައި މިހާރު އޮންނަ ގޮތުން، ރާއްޖޭގެ އާބާދީ އިތުރުވަމުން އަންނަ ވަރަކަށް މަޖިލީހުގެ ދާއިރާތައް އިތުރުވަމުންދާ ކަމަށެވެ. އެކަމަކު މިއީ އެހެން ގައުމުތަކުން އަމަލުކުރާ ގޮތެއް ނޫން ކަމަށާއި އެ އަދަދު ކެޕް ކުރުން ނުވަތަ ހިފެހެއްޓުމަކީ އެންމެ ރަނގަޅު ގޮތް ކަމަށެވެ.

އެ ކޮމިޝަނުން ދިރާސާތަކެއް ހެދުމަށް ފަހު ހުށަހެޅީ މަޖިލީހުގައި 77 މެމްބަރުން ތަމްސީލްވާ ގޮތަށް ގާނޫނުއަސާސީ އިސްލާހު ކުރުމަށެވެ.

ފުއާދު ވިދާޅުވި ގޮތުގައި އެއީ 2008 ވަނަ އަހަރު ރައްޔިތުންގެ މަޖިލީހުގައި މެމްބަރުން ތިބި އަދަދެވެ.

އެ އަދަދަށް ބަލައިގެން ކޮންމެ އަތޮޅަކަށް ދެ ގޮނޑި ކަނޑައެޅުމުން 35 ގޮނޑިއެއް ބާކީ ވާނެ އެވެ. އެ ގޮނޑިތައް އާބާދީގެ ނިސްބަތުން ބަހާލަން ކޮމިޝަނަށް ފެންނަ ކަމަށް ވެސް ފުއާދު ވިދާޅުވި އެވެ.

"އޭރުން ހއ. އަށް ދެ ގޮނޑިއާ އެކު ޖުމްލަ ހަތަރު ގޮނޑި ލިބޭނެ. މާލެ އަށް ދެ ގޮނޑިއާ އެކު އިތުރު އަށް ގޮނޑި ހާއްސަ ކުރެވޭނެ. އައްޑޫ އަށް ދެ ގޮނޑި އާއި އިތުރަށް ލިބޭ ތިން ގޮނޑިއާ އެކު ޖުމްލަ ފަސް ގޮނޑި ލިބޭނެ." ފުއާދު ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި އަދަދު ލިމިޓް ނުކުރުމުގެ ސަބަބުން ބައެއް އިންތިހާބުތަކުގައި މުޅި ދާއިރާ އެއްކޮށް ބަދަލު ކުރަން ޖެހޭ ހާލަތު ދިމާވެ އެވެ. ނަމަވެސް 77ގެ ނިސްބަތުން ބަހާލުމުން 2050 އާ ހަމައަށް އެއްވެސް ގޮތަކަށް ދާއިރާ ބަދަލުނުކޮށް ރައްޔިތުންނަށް ވޯޓު ލެވޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

އީސީގެ މި ހުށަހެޅުމުގެ ބަދަލުގައި މަޖިލީހުން އެހެން ކޮންމެ ގޮތަކަށް ނިންމިއަސް އެ ކޮމިޝަންގެ އިއުތިރާޒެއް ނެތް ކަމަށް ފުއާދު ވިދާޅުވި އެވެ. ނަމަވެސް 77 މެންބަރުންނަކީ އެ ކޮމިޝަނުން އެކިއެކި ފޯމިއުލާތަކަށް ބެލި އިރު އެންމެ ރަނގަޅު އަދި ބައިނަލްއަގުވާމީ ގޮތުން ވެސް އެންމެ ބަލައިގަންނާނެ އަދަދު ކަމަށް އޭނާ ވިދާޅުވި އެވެ.

"ކެޕް އެޅުވިފައި އިނުން އެއީ އަޅުގަނޑުމެންގެ ސްޓޭންޑަކީ. 77 ވިޔަސް 65 ވިޔަސް އަދި 75 ވިޔަސް. ކެޕް ވެފައި ކޮންމެ އަތޮޅަކަށް ދެ ސީޓް ލިބިފައި އާބާދީގެ ނިސްބަތުން ކަނޑައެޅުން،" އޭނާ ވިދާޅުވި އެވެ.

އީސީގެ ނައިބު ރައީސް އަލީ ނަޝާތު ވިދާޅުވީ އެ މައްސަލަ ކޮމިޝަނުން ދިރާސާ ކުރިއިރު އެންމެ ބޮޑަށް ބަލާފައި ވާނީ އެމެރިކާގެ ހައުސް އެކުލަވާލާފައި އޮތް ނިޒާމަށް ކަމަށެވެ.

މަޖިލިސް މެންބަރުން ކަނޑައަޅާ ގޮތް ބަދަލު ކުރާއިރު ރާއްޖޭގެ ސިފަ ނުގެއްލޭ ގޮތަށް ހުރިހާ އަތޮޅެއް ތަމްސީލް ވެފައި އޮތުން މުހިންމު ކަމަށާއި އެހެންކަމުން މަދުވެގެން ކޮންމެ އަތޮޅަކުން ދެ މެންބަރުން ކަނޑައެޅުން މުހިންމު ކަމަށް ނަޝާތު ވިދާޅުވި އެވެ.

ނަޝާތު ވިދާޅުވީ ރާއްޖޭގެ ގާނޫނުއަސާސީގައި މަލްޓި ޕާޓީ ނިޒާމެއް އޮންނަން ޖެހޭ ކަމަށް ބުނި ނަމަވެސް ގާނޫނީ ނިޒާމް ބައްޓަން ވެފައި އޮންނަނީ އެގޮތަށް ނޫން ކަމަށެވެ.

މަޖިލިސް މެންބަރުންގެ އަދަދު ކަނޑައަޅާއިރު ބައެއް ގައުމުތަކުން ޕާޓީތަކަށް ވެސް ވަކި އަދަދަކަށް ގޮނޑިތައް ދީފައިވާ ކަމަށާއި އެގޮތަށް ހެދުމާ މެދު ވެސް ކޮމިޓީން ވިސްނުން ރަނގަޅު ކަމަށް ނަޝާތު ވިދާޅުވި އެވެ.

"މިސާލަކަށް ފިޖީގައި މަޖިލިސް އެއްކޮށް އެލޮކޭޓް ކޮށްފައި އޮންނަނީ ޕާޓީތަކަށް. ޕާޓީތަކަށް ރައްޔިތުން ވޯޓު ލާން ޖެހޭނީ. ބައެއް ގައުމުތަކުގައި އެއްބައި ވެސް އެލޮކޭޓް ކޮށްފައި އެބަ އޮވޭ." ނަޝާތު ވިދާޅުވި އެވެ.

މި މައްސަލާގައި މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީން ވަނީ ޕީއެންސީ އާއި އެމްޑީޕީ އާ ބައްދަލުކޮށްފަ އެވެ. އެ ބައްދަލުވުމުގައި ދެ ޕާޓީން ވެސް ވަނީ އަދަދު ހިފަހައްޓަން ތާއީދު ކޮށްފަ އެވެ. ނަމަވެސް ކަނޑައަޅާ ވަކި އަދަދެއް ދެ ޕާޓީން ނުބުނެ އެވެ.