Roadha Mihaaru
ހަމާސްގެ ލީޑަރު ހަނިއްޔާ އީރާންގައި އަވަހާރަކޮށްލައިފި

ހަމާސްގެ ލީޑަރު ހަނިއްޔާ އީރާންގައި އަވަހާރަކޮށްލައިފި

31 ޖުލައި 2024

އީރާންގެ އާ ރައީސް ހުވާކުރެއްވުމުގެ ރަސްމިއްޔާތަށް ވަޑައިގެން އުޅުއްވަނިކޮށް ހަމާސްގެ ސިޔާސީ ގޮފީގެ ވެރިޔާ އިސްމާއިލް ހަނިއްޔާ އަވަހާރަކޮށްލައިފި އެވެ.

އީރާންގެ އާ ރައީސް ހުވާކުރެއްވުމުގެ ރަސްމިއްޔާތަށް ވަޑައިގެން އުޅުއްވަނިކޮށް ހަމާސްގެ ސިޔާސީ ގޮފީގެ ވެރިޔާ އިސްމާއިލް ހަނިއްޔާ އަވަހާރަކޮށްލައިފި އެވެ.

ހަމާސްއިން ބުނީ ހަނިއްޔާ އަވަހާރަކޮށްލީ އީރާންގެ އާ ރައީސް ހުވާކުރެއްވުމުގެ ރަސްމިއްޔާތަށް ވަޑައިގަތުމަށް ފަހު އީރާންގައި ހުންނަ މަރުކަޒަކަށް ވަޑައިގެން އުޅުއްވަނިކޮށް ދިން ހަމަލާއެއްގައި ކަމަށެވެ. ހަމަލާދިނީ ހަނިއްޔާ ހުންނަވާ ގޭގައި ކަމަށް ބުންޏަސް އެކަމަކު އެއީ ކިހިނެއް ދިން ހަމަލާއެއް ކަމެއް ނުބުނެ އެވެ.

އީރާން ސިފައިން ވެސް ވަނީ ތެހެރާންގައި ހަނިއްޔާ ހުންނެވި ގެޔަަށް ހަމަލާދިނުމުން އޭނާ އަވަހާރަވެފައިވާ ކަމަށާއި އޭނާއާ އެކު އޭނާގެ ބޮޑީގާޑެއް ވެސް މަރުވި ކަމަށް ބުނެފަ އެވެ. ސިފައިން ބުނީ މި ހާދިސާ ހިނގި ގޮތް އަދި ސާފުނުވާ ކަމަށާއި އެކަމުގެ ތަހުގީގު ކުރިއަށްދާ ކަމަށެވެ.

މިއީ އިޒްރޭލުގެ އަމަލެއް ކަމަށާއި އެކަމުގެ ބަދަލު ނުހިފާ ދޫކޮށްނުލާނެ ކަމަށް ބުނެ ހަމާސް އިން ވަނީ އިންޒާރުގެ ބަޔާނެއް ނެރެފަ އެވެ. އެކަމަކު މި ހަމަލާއާ ގުޅޭ ގޮތުން އިޒްރޭލުން އަދި އެއްވެސް ވާހަކައެއް ނުދައްކަ އެވެ. ހަމާސްއާ ހިޔާލު ތަފާތު، ފަލަސްތީނުގެ ރައީސް މަހްމޫދު އައްބާސް ވެސް ވަނީ މި އަމަލު ކުށްވެރި ކުރައްވައިފަ އެވެ.

ހަމާސްގެ ލީޑަރު އިސްމާއިލް ހަނިއްޔާ: އީރާނަށް ވަޑައިގެން އުޅުއްވަނިކޮށް ދިން ހަމަލާއެއްގައި އޭނާ އަވަހާރަކޮށްލާފައި ވާއިރު ހަމަލާ ދިން ގޮތެއް އަދި ސާފެއް ނުވޭ. -- ފޮޓޯ: އޭއެފްޕީ

ހަމާސްގެ ލީޑަރު އިސްމާއިލް ހަނިއްޔާ: އީރާނަށް ވަޑައިގެން އުޅުއްވަނިކޮށް ދިން ހަމަލާއެއްގައި އޭނާ އަވަހާރަކޮށްލާފައި ވާއިރު ހަމަލާ ދިން ގޮތެއް އަދި ސާފެއް ނުވޭ. -- ފޮޓޯ: އޭއެފްޕީ

ފަލަސްތީނުގެ ބިންތައް ޔަހޫދީންގެ އަތްދަށުން ސަލާމަތްކުރުމަށް ހަނގުރާމަކުރާ ހަމާސްގެ ލީޑަރު ހަނިއްޔާ އަކީ އިޒްރޭލުން ނައްތާލަން ބޭނުންވާ މީހުންގެ ލިސްޓުގެ އެންމެ ކުރީގައި ހިމެނޭ ބޭފުޅެކެވެ. އެހެންވެ އޭނާ އާންމުކޮށް ދިރިއުޅުއްވަނީ ގަތަރާއި ތުރުކީގަ އެވެ. އިޒްރޭލުގެ އެކި ހަމަލާތަކުގައި އޭނާގެ ބޭފުޅުންނާއި އާއިލާގެ ގިނަ ބަޔަކު ވަނީ މީގެ ކުރިން ޝަހީދުކޮށްލައިފަ އެވެ.

މިދިޔަ އަހަރުގެ އޮކްޓޫބަރު 7 ވަނަ ދުވަހު ހަމާސް އިން އިޒްރޭލަށް ހަމަލާދީ ހާހަކަށްވުރެ ގިނަ މީހުން މަރާލައި އެތައް ބަޔަކު ރަހީނުކުރުމާ އެކު ހަމާސް ނައްތާލުމުގެ ނަމުގައި އިޒްރޭލުން ޣައްޒާއަށް ދޭން ފެށި ހަަމަލާތަކުގައި މިހާތަނަށް ފަލަސްތީނުގެ 39،000 މީހަކު ވަނީ ޝަހީދުކޮށްލައިފަ އެވެ. މީގެ ތެރޭގައި ގިނައީ އާންމުންނެވެ. އިޒްރޭލުން ބުނަމުންދަނީ ހަމާސް އެއްކޮށް ނައްތާލާފައި ނޫނީ ހަމަލާތައް ހުއްޓާނުލާނެ ކަމަށެވެ.

ހަނިއްޔާ އަވަހަރާކޮށްލާފައި މި ވަނީ ލުބްނާންގެ ވެރިރަށް ބައިރޫތުގައި ދިން ހަމަލާއެއްގައި ހިޒްބުﷲ ގެ އިސް ކޮމާންޑަރަކު ވެސް އަވަހަރާކޮށްލާފައިވާ ކަމަށް އިޒްރޭލުން ބުނިތާ މާ ގިނައިރުތަކެއް ނުވެ އެވެ.