Roadha Mihaaru
ގަވަރުނަރަކަށް މުނައްވަރު އައްޔަން ކުރައްވައިފި

އެމްއެމްއޭގެ ގަވަރުނަރަކަށް މުނައްވަރު އައްޔަން ކުރައްވައިފި

31 ޖުލައި 2024

ރާއްޖޭގެ މަރުކަޒީ ބޭންކް، އެމްއެމްއޭގެ އާ ގަވަރުނަރަކަށް ކުރީގެ ފިނޭންސް މިނިސްޓަރު އަހުމަދު މުނައްވަރު މިއަދު އައްޔަން ކުރައްވައިފި އެވެ.

ރާއްޖޭގެ މަރުކަޒީ ބޭންކް، އެމްއެމްއޭގެ އާ ގަވަރުނަރަކަށް ކުރީގެ ފިނޭންސް މިނިސްޓަރު އަހުމަދު މުނައްވަރު މިއަދު އައްޔަން ކުރައްވައިފި އެވެ.

މިހާރުގެ ފިނޭންސް މިނިސްޓަރު މުހައްމަދު ޝަފީގުގެ އެޑްވައިޒަރަކަށް މި މަހުގެ 22 ވަނަ ދުވަހާ ހަމައަށް ހުންނެވި މުނައްވަރު އެމްއެމްއޭގެ ގަވަރުނަރަކަށް އައްޔަން ކުރެއްވުމުގެ ގޮތުން އޭނާއާ މަގާމުގެ ލިޔުން ހަވާލު ކޮށްދެއްވީ ރައީސް ޑރ. މުހައްމަދު މުއިއްޒެވެ.

ރައީސް އޮފީހުގައި ބޭއްވި ރަސްމިއްޔާތުގައި ރައީސް މުއިއްޒު ވަނީ އާ ގަވަރުނަރު މުނައްވަރާ ބައްދަލުކުރައްވައި ރާއްޖޭގެ އިގުތިސާދީ ހާލަތާ ގުޅޭ ގޮތުން މިއަދު މަޝްވަރާ ކުރައްވައިފަ އެވެ. އަދި މާލީ ދާއިރާއާ ގުޅޭ އެހެން މުވައްސަސާތަކާ ގުޅިގެން މަސައްކަތް ކުރެއްވުމަށް ރައީސް ބާރު އެޅުއްވި ކަމަށް ރައީސް އޮފީހުން ބުންޏެވެ.

"މި ބައްދަލުކުރެއްވުމުގައި ވާހަކަފުޅު ދައްކަވަމުން މޯލްޑިވްސް މަނިޓަރީ އޮތޯރިޓީގެ ގަވަރުނަރު ވިދާޅުވީ ގައުމުގެ އިގުތިސާދު ކުރިއެރުވުމަށް ސަރުކާރުން ކުރައްވާ މަސައްކަތްތަކަށް ފުރިހަމަ އަށް އެއްބާރުލުން ދެއްވާނެ ކަމަށެވެ،" ރައީސް އޮފީގުގެ ވެބްސައިޓުގައި ވެ އެވެ.

އެމްއެމްއޭގެ ގަވަރުނަރަކަށް މުނައްވަރު އައްޔަން ކުރެއްވުމުގެ ގޮތުން، އޭނާއާ ރައީސް މުއިއްޒު މިއަދު ލިޔުން ހަވާލު ކޮށްދެއްވަނީ---ފޮޓޯ: ރައީސް އޮފީސް

އެމްއެމްއޭގެ ގަވަރުނަރަކަށް މުނައްވަރު އައްޔަން ކުރެއްވުމުގެ ގޮތުން، އޭނާއާ ރައީސް މުއިއްޒު މިއަދު ލިޔުން ހަވާލު ކޮށްދެއްވަނީ---ފޮޓޯ: ރައީސް އޮފީސް

މުނައްވަރު ފިނޭންސް މިނިސްޓަރުކަން ކުރެއްވީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގަ އެވެ. އޭނާ ވަނީ 1999 އިން 2014 ވަނަ އަހަރާ ހަމައަށް އެމްއެމްއޭގައި މަސައްކަތް ކުރައްވައިފަ އެވެ.

އެމްއެމްއޭގެ ގަވަރުނަރުގެ މަގާމުގައި އެންމެ ފަހުން ހުންނެވީ އެމްޑީޕީގެ ފުރަތަމަ ސަރުކާރުގައި ފިނޭންސް މިނިސްޓަރުކަން ކުރެއްވި އަލީ ހާޝިމެވެ. އޭނާ މަގާމުން ވަކިކުރެއްވީ، ރާއްޖޭގެ އިގުތިސާދީ ކަންކަމާ ގުޅޭ ގޮތުން ސަރުކާރަށް ލަފާ ނުދެއްވާތީ އާއި އިގުތިސާދީ ހާލަތު ގޯސްވަމުން ދާއިރު އަޅާނުލައްވައި ހުންނަވާ ކަމަށް ވިދާޅުވެ، ރައްޔިތުންގެ މަޖިލިހުގެ ނައިބު ރައީސް އަދި ދިއްގަރު ދާއިރާގެ މެމްބަރު އަހުމަދު ނާޒިމް ރައްޔިތުންގެ މަޖިލިހަށް ހުށަހެޅުއްވި މައްސަލައަކާ ގުޅިގެންނެވެ.

އެންމެ ފަހުން ގަވަރުނަރުކަން ކުރެއްވި އަލީ ހާޝިމް.

އެންމެ ފަހުން ގަވަރުނަރުކަން ކުރެއްވި އަލީ ހާޝިމް.

އެހެންވެ، ނާޒިމް ހުށަހެޅުއްވީ ގަވަރުނަރުގެ މަގާމުން އަލީ ހާޝިމް ވަކިކުރައްވަން ރައީސް މުއިއްޒަށް ލަފާއެރުވުމާ މެދު ރައްޔިތުންގެ މަޖިލިހުން ގޮތެއް ނިންމުމަށެވެ. ސަރުކާރު ހިންގާ ޕީއެންސީގެ ސުޕަ މެޖޯރިޓީ އޮންނަ ރައްޔިތުންގެ މަޖިލިހުން ނިންމީ އަލީ ހާޝިމް މަގާމުން ވަކިކުރަން ރައީސް މުއިއްޒަށް ލަފާއަރުވަން ފެންނަ ކަމަށެވެ.

އެމްއެމްއޭގެ ގަވަރުނަރަކަށް މުނައްވަރު އައްޔަން ކުރަން ފެންނަ ކަމަށް ރައީސް މުއިއްޒަށް ލަފާއަރުވަން ރައްޔިތުންގެ މަޖިލިހުން ފާސްކުރީ އިއްޔެގަ އެވެ. އެ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 78 މެމްބަރުން ވެސް ވޯޓު ދެއްވީ އެ ގޮތަށް ފެންނަ ކަމަށެވެ. މަޖިލީހުގެ ތަޅުމުގައި 85 މެންބަރުން ހާޒިރުވެ ތިއްބެވި ނަމަވެސް އިތުރު މެންބަރުން ވޯޓުގައި ބައިވެރިވެވަޑައެއް ނުގަންނަވަ އެވެ.