Roadha Mihaaru

އެމްއެމްއޭގެ ބޯޑުން ޝުހާދު އިސްތިއުފާދީފި

މަރުކަޒީ ބޭންކް، އެމްއެމްއޭގެ ބޯޑުން ޝުހާދު އިބްރާހިމް ވެސް އިސްތިއުފާދެއްވައިފި އެވެ.

އެމްއެމްއޭގެ ބޯޑުން ޝުހާދު އިސްތިއުފާދީފި
ފާތިމަތު ޝަނާ މުހައްމަދު
ފާތިމަތު ޝަނާ މުހައްމަދު

11 މާޗް 2025

މަރުކަޒީ ބޭންކް، އެމްއެމްއޭގެ ބޯޑުން ޝުހާދު އިބްރާހިމް ވެސް އިސްތިއުފާދެއްވައިފި އެވެ.

"މިހާރު" އަށް ލިބުނު ލިޔުމުގައިވާ ގޮތުން އޭނާ އިސްތިއުފާއަށް އެދި ހުށަހެޅީ އިއްޔެ އެވެ. ގަވަރުނަރު އަހުމަދު މުނައްވަރަށް އެޑްރެސް ކުރައްވައި ފޮނުވި އެ ލިޔުމުގައިވާ ގޮތުން ފައިނެންޝަލް ސެންޓަރު އެޅުމަށް ބިން ގަތުމުގެ ޕްރޮޕޯސަލްގައި ކަންބޮޑުވާ ރިސްކުތަކެއް ހުރިކަން ފާހަގަވެފައިވާ ކަމަށެވެ. އަދި އެ ނިންމުން އަނބުރާ ގެންދަން ގަވަރުނަރާއި ބޯޑު މެންބަރުންނާ ހިއްސާކޮށްފައިވާ ކަމަށް ވެސް ބުނެފައިވެ އެވެ.

ފައިނެންޝަލް ސެންޓަރާ ގުޅޭ އެ ނިންމުން މުރާޖާ ކުރުމަށް އޭނާއާ އަދި ބޯޑުގެ އިތުރު ދެ މެންބަރުން ހުށަހަޅާފައިވީ ނަމަވެސް، މިހާތަނަށް އެ ހުށަހެޅުމަށް ޖަވާބެއް ދީފައި ނުވާ ކަމަށް އެ ލިއުމުގައިވެ އެވެ. އަދި އެކަންކަން އެގޮތަށް ހިނގުމުން ބޯޑުގައި ހުންނަން ބޭނުންފުޅު ނުވާ ކަމަށް ލިއުމުގައި އޭނާ ވަނީ ފާހަގަކޮށްފަ އެވެ.

ޝުހާދަކީ އެމްއެމްއޭ ބޯޑުގައި އިކޮނޮމިކް މިނިސްޓްރީ ތަމްސީލު ކުރައްވާ މެންބަރެވެ.

މިކަމާ ގުޅިގެން އެމްއެމްއޭއިން މިހާތަނަށް ޖަވާބެއް ނުދެ އެވެ.

ޝުހާދު އިސްތިއުފާ ދެއްވި އިރު އެމްއެމްއޭ އަށް ހުޅުމާލެ އިން ބިމެއް ގަނެގެން ސަރުކާރަށް ފައިސާ ހޯދުމުގެ މަސައްކަތް ވަނީ ފަށައިފަ އެވެ. ޝުހާދުގެ އިތުރުން ފިނޭންސް މިނިސްޓްރީގައި އެމްއެމްއޭގެ ބޯޑު ތަމްސީލު ކުރައްވާ އަހުމަދު ޒަޔާން މުހައްމަދު ވެސް ވަނީ ފިނޭންސްގެ އިކޮނޮމިސްޓް މަގާމުން ވަކި ވުމަށް އިސްތިއުފާ ހުށަހަޅައިފަ އެވެ. އޭނާ ދެ މަހުގެ ނޯޓިސް ދީފައިވާ އިރު އަދި ހުންނެވީ އެމްއެމްއޭގެ ބޯޑުގަ އެވެ.