Roadha Mihaaru
ފިންލޭންޑް ސްކޫލުން ވައްކަންކުރި މީހަކު ހައްޔަރުކޮށްފި

ފިންލޭންޑް ސްކޫލުން ވައްކަންކޮށް، ފުލުހަކަށް ހަމަލާދިން މީހަކު ހައްޔަރުކޮށްފި

31 ޖުލައި 2024

ފިންލޭންޑް އިންޓަނޭޝަނަލް ސްކޫލުން ވައްކަންކޮށް، ފުލުހަކަށް ހަމަލާދިން މީހަކު މީހަކު ހައްޔަރުކޮށްފި އެވެ.

ފާތިމަތު އަޖްފާން ފާތިމަތު އަޖްފާން

ފިންލޭންޑް އިންޓަނޭޝަނަލް ސްކޫލުން ވައްކަންކޮށް، ފުލުހަކަށް ހަމަލާދިން މީހަކު މީހަކު ހައްޔަރުކޮށްފި އެވެ.

ފުލުހުން މިއަދު ބުނީ، މިދިޔަ ހޮނިހިރު ދުވަހުގެ ހެނދުނު އެ ސްކޫލަށް ބަޔަކު ވަދެ ކްލާސް ރޫމްތަކުގައި ހުރި ލެޕްޓޮޕްތަކެއް ވަގަށް ނެގުމަށް ފަހު، ދެން ވަދެގަތީ އެ އިމާރާތާ އިންވެގެން ހުންނަ އެންސީއައިޓީ އިމާރާތުގެ ތެރެއަށް ކަމަށެވެ. އެ މީހުން ހުއްޓުވުމަށް އެ ވަގުތު އެތަނުގައި ޑިއުޓީގައި ހުރި ފުލުސް މީހާ މަސައްކަތް ކުރި ކަމަށް ބުންޏެވެ.

އެ ވަގުތު އެ ފުލުސްމީހާ އަށް ހަމަލާދީ އަނިޔާ ކުރުމަށް ފަހު، ފިލައިގެން ގޮސްފައިވާ މައްސަލަ ހުށަހެޅުމުން އެ މީހާ އަށް ހަމަލާދިން ދެ މީހުންގެ ތެރެއިން އެކަކު ކޯޓު އަމުރުގެ ދަށުން ހައްޔަރު ކޮށްފައިވާ ކަމަށް ފުލުހުން ބުންޏެވެ. އެއީ ނ. މިލަދޫ ސޯސަންގޭ، މުހައްމަދު ނައުޝާދު 42 އެވެ.

ނައުޝާދު 15 ދުވަހުގެ މުއްދަތަށް ބަންދުގައި ބަހައްޓައިގެން ތަހުގީގު ކުރިއަށް ގެންދިއުމުގެ އަމުރު ކޯޓުން ދީފައިވާ ކަމަށް ފުލުހުން ބުންޏެވެ.

ފިންލޭންޑް ސްކޫލުން ވަގަށް ނެގި ތިން ލެޕްޓޮޕްގެ ތެރެއިން ދެ ލެޕްޓޮޕް ހޯދާފައިވާއިރު އެ މައްސަލައާ ގުޅިގެން އިތުރު މީހަކު ހޯދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ވެސް ފުލުހުން ބުންޏެވެ.

ނައުޝާދު އެ ވައްކަން ކުރި މަންޒަރު ދައްކުވައިދޭ ސީސީޓީވީ ފުޓޭޖު ވަނީ ކޯޓަށް ހުށަހަޅައިފަ އެވެ.