Roadha Mihaaru
ޑޮމެސްޓިކް ފަސިންޖަރުންނަށް ވެސް ލައުންޖު އެކްސެސް

މޯލްޑިވިއަންގެ އެތެރޭގެ އުދުހުންތަކުގައި ވެސް މިހާރު ލައުންޖު އެކްސެސް ހޯދޭނެ

02 އޯގަސްޓް 2024

މޯލްޑިވިއަން އެއާލައިންގެ އެތެރޭގެ އުދުހުންތަކުގައި ދަތުރުކުރާ ފަސިންޖަރުންނަށް ލައުންޖު އެކްސެސް އެޑް އޮން ތައާރަފު ކޮށްފި އެވެ.

އައިޝަތު ޖަޒްލީ އައިޝަތު ޖަޒްލީ

މޯލްޑިވިއަން އެއާލައިންގެ އެތެރޭގެ އުދުހުންތަކުގައި ދަތުރުކުރާ ފަސިންޖަރުންނަށް ލައުންޖު އެކްސެސް އެޑް އޮން ތައާރަފު ކޮށްފި އެވެ.

އެ އެއާލައިން ހިންގާ އައިލެންޑް އޭވިއޭޝަނުން ބުނީ، ޑޮމެސްޓިކް ފަސިންޖަރުންނަށް ލައުންޖު އެކްސެސް އިހުތިޔާރު ކުރުމުގެ ފުރުސަތު ތައާރަފްކުރީ ފްލައިޓަށް މަޑުކުރާއިރު، އެ ފަސިންޖަރުންނަށް ވެސް ހަމަޖެހިލައިގެން ތިބެވޭ، ހިތްގައިމު ތަނެއްގެ ފުރުސަތު ދިނުމަށް ކަމަށެވެ.

މޯލްޑިވިއަންގެ ލައުންޖެއް.

މޯލްޑިވިއަންގެ ލައުންޖެއް.

މޯލްޑިވިއަންގެ ލައުންޖުތަކުން ހިލޭ ވައިފައިގެ އިތުރުން އެކި ވައްތަރުގެ ކާނެ ތަކެއްޗާއި ބުއިންތައް ފޯރުކޮށްދެ އެވެ. އަދި ބައެއް ލައުންޖުތަކުގައި ފެންވެރޭނެ އިންތިޒާމު ވެސް ހުރެ އެވެ.

މޯލްޑިވިއަންގެ ޑޮމެސްޓިކް ފަސިންޖަރުންނަށް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ ޑޮމެސްޓިކް ޓާމިނަލުގައި ހުންނަ މޫނިމާ ލައުންޖާއި ދަރަވަންދޫ ޑޮމެސްޓިކް އެއާޕޯޓުގެ ކަށިމާ ލައުންޖާއި އިފުރު ޑޮމެސްޓިކް އެއާޕޯޓުގެ ކާނި ލައުންޖު ބޭނުން ކުރުމުގެ ފުރުސަތު ލިބޭނެ އެވެ.

އައިލެންޑް އޭވިއޭޝަނުން ބުނީ، ލައުންޖު އެކްސެސް ބޭނުންވާ ފަސިންޖަރުންނަށް ފްލައިޓު ފުރުމުގެ ހަތަރު ގަޑިއިރު ވަންދެން ލައުންޖު ބުކް ކުރެވޭނެ ކަމަށެވެ. މޯލްޑިވިއަންގެ ކޯލް ސެންޓަރާއި ޓިކެޓިން އޮފީސްތަކާއި ވައިބާ މެދުވެރިކޮށް އަދި ސޭލްސް އެޖެންޓުން މެދުވެރިކޮށް ލައުންޖު ބުކް ކުރެވޭނެ އެވެ.