Roadha Mihaaru
މޯލްޑިވިއަނުން މާލެ އާއި ހުޅުމާލޭގައި ޗެކިން ފަށަނީ

މޯލްޑިވިއަންގެ ފްލައިޓްތަކަށް މާލެ އާއި ހުޅުމާލޭގެ ބަސް ޓާމިނަލުން ޗެކިން ފަށަނީ

14 އޯގަސްޓް 2018

މާލެ/ހުޅުލޭ ބްރިޖް ހުޅުވުމާ އެކު ބަސް ދަތުރުތަކަށް އެމްއީއެލް އިން ހަދާ ބަސް ޓާމިނަލްތަކުން މޯލްޑިވިއަންގެ ފްލައިޓްތަކަށް ޗެކިންކުރެވޭ އިންތިޒާމް ހަމަޖައްސާނެ ކަމަށް އައިލެންޑް އޭވިއޭޝަނުން މިއަދު ބުނެފި އެވެ.

އަބްދުﷲ ޖަމީލު އަބްދުﷲ ޖަމީލު

މާލެ/ހުޅުލޭ ބްރިޖް ހުޅުވުމާ އެކު ބަސް ދަތުރުތަކަށް އެމްއީއެލް އިން ހަދާ ބަސް ޓާމިނަލްތަކުން މޯލްޑިވިއަންގެ ފްލައިޓްތަކަށް ޗެކިންކުރެވޭ އިންތިޒާމް ހަމަޖައްސާނެ ކަމަށް އައިލެންޑް އޭވިއޭޝަނުން މިއަދު ބުނެފި އެވެ.

ވައިގެ ހިދުމަތް ދޭ ސަރުކާރުގެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަބްދުލް ހާރިސް ވިދާޅުވީ ބްރިޖްގައި އެމްޕީއެލް އިން ބަހުގެ ހިދުމަތްދޭން ފަށާއިރު މޯލްޑިވިއަންގެ ހުރިހާ ފްލައިޓްތަކަށް މާލެ އާއި ހުޅުމާލެ އިން ޗެކިން ކޮށްދޭނެ ކަމަށެވެ.

"މާލެ އާއި ހުޅުމާލޭގައި ހުންނަ ބަސް ޓާމިނަލުން ޗެކިން ނިންމާލުމަށް ފަހު ބަހުގައި ނުވަތަ ކާރުގައި ވިޔަސް ބޯޑިން ކާޑު ހިފައިގެން އެއާޕޯޓަށް ދާންވީ. ޗެކިން ކޮށްދޭން ހާއްސަ ކައުންޓަރު ވެސް ހުންނާނެ،" އޭނާ ވިދާޅުވި އެވެ.

ހާރިސް ވިދާޅުވީ މޯލްޑިވިއަންގެ ޑޮމެސްޓިކް ފްލައިޓްތަކަށާއި އިންޓަނޭޝަނަލް ފްލައިޓްތަކަށް ވެސް ޗެކިންކޮށްދޭނެ ކަމަށެވެ.

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ފުރާ ފްލައިޓްތަކަށް މިހާރު ޗެކިންކުރެވެނީ އެއާޕޯޓުން އެކަންޏެވެ.

އެމްޕީއެލް އިން ވާހަކަދެއްކެވި އޮފިޝަލަކު ވިދާޅުވި ގޮތުގައި ހުޅުލެއަށް ދަތުރުކުރަން 50 މީހުންގެ ޖާގައިގެ ކޯޗު ބަސް ބޭނުންކުރާނެ އެވެ.

"ބަހުގެ ހިދުމަތް ފުރަތަމަ ފަށައިގަންނަ ދުވަހު ވެސް ފްލައިޓް ޗެކިންގެ ހިދުމަތް ދޭނެ. އެކަމަށް ހާއްސަ ބަސްތަކުގެ ދަތުރުތައް ވެސް ފަށާނެ،" އޭނާ ވިދާޅުވި އެވެ.

އެ އޮފިޝަލް ވިދާޅުވީ އެއާޕޯޓަށް މީހުން އުފުލަން ދެ ކޯޗު ބަސް މިހާރު ވެސް ގެނެސްފައިވާ ކަމަށެވެ. އަދި އިތުރު ފަސް ބަސް މި މަހުގެ ފަހުކޮޅު ރާއްޖެ ގެންނާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އެމްޕީއެލް އިން ބުނީ މާލެ އާއި ހުޅުމަލެއިން ޗެކިން ނިންމުމަށް ފަހު އެއާޕޯޓަށް ފުރަން ދާ މީހުންނަށް ހާއްސަ ހަތް ކޯޗު ބަސް ބޭނުންކުރާނެ ކަމަށެވެ.