Roadha Mihaaru
ޓޫރިޒަމް މިނިސްޓަރު ފައިސަލް ވިނޯދް ޗޯޕްރާއާ އެކު

ޓޫރިޒަމް މިނިސްޓަރު ފައިސަލް ބޮލީވުޑްގެ ކުޅަދާނަ ޑައިރެކްޓަރު ވިނޯދް ޗޯޕްރާއާ ބައްދަލުކުރައްވައިފި

03 އޯގަސްޓް 2024

އިންޑިއާގައި ރާއްޖޭގެ ޓޫރިޒަމް ޕްރޮމޯޓްކުރުމުގެ މަސައްކަތުގައި، ޓޫރިޒަމް މިނިސްޓަރު އިބްރާހިމް ފައިސަލް ބޮލީވުޑްގެ ކުޅަދާނަ ޑައިރެކްޓަރު އަދި ޕްރޮޑިއުސަރު ވިދޫ ވިނޯދް ޗޯޕްރާއާ ބައްދަލުކުރައްވައިފި އެވެ.

އިފްރާޒް އަލީ އިފްރާޒް އަލީ

އިންޑިއާގައި ރާއްޖޭގެ ޓޫރިޒަމް ޕްރޮމޯޓްކުރުމުގެ މަސައްކަތުގައި، ޓޫރިޒަމް މިނިސްޓަރު އިބްރާހިމް ފައިސަލް ބޮލީވުޑްގެ ކުޅަދާނަ ޑައިރެކްޓަރު އަދި ޕްރޮޑިއުސަރު ވިދޫ ވިނޯދް ޗޯޕްރާއާ ބައްދަލުކުރައްވައިފި އެވެ.

ފައިސަލް ވިނޯދުއާ ބައްދަލުކުރެއްވީ ރާއްޖޭގެ ޓޫރިޒަމް ޕްރޮމޯޓްކުރުމަށް އޭނާ އިންޑިއާއަށް ކުރެއްވި ހާއްސަ ދަތުރުގަ އެވެ. ފައިސަލް ވަޑައިގަތީ އިންޑިއާގެ ވެރިރަށް ނިއު ދިއްލީގައި ކުރިއަށް ގެންދިޔަ ރޯޑް ޝޯއަކަށެވެ. އެ ދަތުރުގައި އޭނާ ވަނީ އިންޑިއާގެ ފިލްމު ސިޓީ މުމްބާއީއަށް ވެސް ވަޑައިގެންފަ އެވެ.

އެ ބައްދަލުކުރެއްވުމާ ގުޅޭ ގޮތުން ފައިސަލް މިއަދު ވަނީ އެކްސްގައި ޕޯސްޓެއް ކުރައްވައިފަ އެވެ.

ޓޫރިޒަމް މިނިސްޓަރު އިބްރާހިމް ފައިސަލް ބޮލީވުޑްގެ ޑައިރެކްޓަރު އަދި ޕްރޮޑިއުސަރު ވިދޫ ވިނޯދް ޗޯޕްރާއާ ބައްދަލުކުރައްވަނީ.

ޓޫރިޒަމް މިނިސްޓަރު އިބްރާހިމް ފައިސަލް ބޮލީވުޑްގެ ޑައިރެކްޓަރު އަދި ޕްރޮޑިއުސަރު ވިދޫ ވިނޯދް ޗޯޕްރާއާ ބައްދަލުކުރައްވަނީ.

ފައިސަލްގެ ޕޯސްޓުގައި ވިދާޅުވީ ވިނޯދްއާ ބައްދަލުވުމުން ވަރަށް އުފާކުރައްވާ ކަމަށެވެ. އަދި ރާއްޖޭގައި ބައެއް ޕްރޮޖެކްޓުތައް ހިންގުމަށްޓަކައި ވިނޯދާ އެކު ވަރަށް ރަނގަޅު މަޝްވަރާތަކެއް ކުރެއްވި ކަމަށް ވެސް ފައިސަލް ވިދާޅުވި އެވެ.

ވިނޯދަކީ "މުންނާ ބާއީ" އާއި "ތުރީ އިޑިއަޓްސް" އާއި "ޕީކޭ" އަދި "ސަންޖޫ" ކަހަލަ ބޮލީވުޑްގެ މަޝްހޫރު އަދި ކާމިޔާބު ފިލްމުތަކުގެ ޕްރޮޑިއުސަރެވެ. އަދި އެއީ އޭނާގެ އަމިއްލަ ޕްރޮޑަކްޝަން ހައުސް ވިނޯދް ޗޯޕްރާ ފިލްމްސް ކުޑައިގެ ދަށުން ގެނެސްދިން ފިލްމުތަކެވެ.

އޭނާ ޑައިރެކްޓުކޮށްފައިވާ އެންމެ މަޝްހޫރު ފިލްމުތަކުގެ ތެރޭގައި 1989 ގައި ގެނެސްދިން "ޕަރިންދާ" އާއި 1994 ގައި ގެނެސްދިން "1942: އަ ލަވް ސްޓޯރީ" އަދި 2000 ވަނަ އަހަރު ގެނެސްދިން "މިޝަން ކަޝްމީރް" ހިމެނެ އެވެ.

އުމުރުން 71 އަހަރުގެ ވިނޯދަށް ވަނީ ހަތަރު ފަހަރެއްގެ މަތިން އިންޑިއާގެ ގައުމީ ފިލްމު އެވޯޑާއި 10 ފިލްމުފެއާ އެވޯޑު ލިބިފަ އެވެ. އޭނާ ވަނީ އޮސްކާ އެވޯޑަށް ވެސް އެއް ފަހަރަކު ނޮމިނޭޓްވެފަ އެވެ. އެއީ 1978 ވަނަ އަހަރު ގެނެސްދިން ޑޮކިއުމެންޓްރީ "އޭން އެންކައުންޓާ ވިތު ފޭސް" އިންނެވެ.

ޓޫރިޒަމް މިނިސްޓަރު އިބްރާހިމް ފައިސަލް ބޮލީވުޑްގެ ޑައިރެކްޓަރު އަދި ޕްރޮޑިއުސަރު ވިދޫ ވިނޯދް ޗޯޕްރާއާ ބައްދަލުކުރައްވަނީ.

ޓޫރިޒަމް މިނިސްޓަރު އިބްރާހިމް ފައިސަލް ބޮލީވުޑްގެ ޑައިރެކްޓަރު އަދި ޕްރޮޑިއުސަރު ވިދޫ ވިނޯދް ޗޯޕްރާއާ ބައްދަލުކުރައްވަނީ.

ވިނޯދް މިފަހުން ގެނެސްދިން އެންމެ ކާމިޔާބު ފިލްމަކީ މިދިޔަ އަހަރު ރިލީޒްކުރި އަދި ގިނަ ބައެއްގެ ލޯބި ލިބުނު "ޓުވެލްތު ފެއިލް" އެވެ.

ޓޫރިޒަމް މިނިސްޓަރު ފައިސަލް ވަޑައިގެންނެވީ އިންޑިއާގެ ވެރިރަށް ނިއުދިއްލީގައި ކުރިއަށްދާ ރޯޑް ޝޯއަކަށެވެ. އިންޑިއާއިން ރާއްޖެއަށް އަންނަ ޓޫރިސްޓުންގެ އަދަދު ދަށްވަމުން ދާތީ އެ ގައުމުގައި ރާއްޖެ ޕްރޮމޯޓް ކުރަން އަންނަނީ އެކި ހަރަކާތްތައް ބާއްވަމުންނެވެ.

މިދިޔަ އަހަރު އިންޑިއާއަކީ ރާއްޖެއަށް އެންމެ ގިނަ ޓޫރިސްޓުން އައި ގައުމެވެ. މިދިޔަ އަހަރު އެ ގައުމުން ދެ ލައްކައަށް ވުރެ ގިނަ ޓޫރިސްޓުން ރާއްޖެއަށް ޒިޔާރަތްކުރި އެވެ. މިއަހަރުގެ މިހާތަނަށް އިންޑިއާއިން އައިސްފައިވަނީ 71،000 ޓޫރިސްޓުންނެވެ. މިވަގުތު އިންޑިއާ އޮތީ ރާއްޖެއަށް އެންމެ ގިނަ ޓޫރިސްޓުން އަންނަ ލިސްޓުގެ ހަ ވަނައިގަ އެވެ.

މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓްރެވަލް އޭޖެންޓްސް އެންޑް ޓުއާ އޮޕަރޭޓާސް (މަޓާޓޯ) އާއި ގެސްޓް ހައުސް އެސޯސިއޭޝަނާއި އެމްއެމްޕީއާރްސީއާ ގުޅިގެން މުހިންމު ތިން ރޯޑްޝޯއެއް އިންޑިއާގައި ބާއްވާނެ ކަން އިއުލާނު ކުރީ މިދިޔަ މަހު އެވެ. މި ރޯޑްޝޯތައް ބާއްވަނީ އިންޑިޔާގެ ބެންގަލޫރާއި މުމްބާއީ އާއި ނިއުދިއްލީގަ އެވެ.