Roadha Mihaaru
ޝަންގްރިއްލާ ރިސޯޓު ހުޅުވޭނެ ތާރީހެއް ކަނޑައަޅަނީ

އަމާޒަކީ ޝަންގްރިއްލާ ރިސޯޓު އަލުން ހުޅުވޭނެ ތާރީހެއް 2-3 މަސް ތެރޭގައި ކަނޑައެޅުން: މިނިސްޓަރު

05 ޖުލައި 2024

އައްޑޫގައި ހިންގި އެންމެ ފެންވަރު ރަނގަޅު އަދި އެންމެ ބޮޑު ރިސޯޓު، ޝަންގްރިލާ ވިލިނގިލި އައިލެންޑް ރިސޯޓު ނުހުޅުވި ދިގުލައިގެން ގޮސްފައިވާ މައްސަލަ ހައްލުކޮށް، އަމާޒަކީ އެ ތަން އަލުން ހުޅުވޭނެ ތާރީހެއް 2-3 މަސް ތެރޭގައި ކަނޑައެޅުން ކަމަށް ޓޫރިޒަމް މިނިސްޓަރު އިބްރާހިމް ފައިސަލް މިއަދު ވިދާޅުވެއްޖެ އެވެ.

ފާތިމަތު ޝަނާ މުހައްމަދު ފާތިމަތު ޝަނާ މުހައްމަދު

އައްޑޫގައި ހިންގި އެންމެ ފެންވަރު ރަނގަޅު އަދި އެންމެ ބޮޑު ރިސޯޓު، ޝަންގްރިލާ ވިލިނގިލި އައިލެންޑް ރިސޯޓު ނުހުޅުވި ދިގުލައިގެން ގޮސްފައިވާ މައްސަލަ ހައްލުކޮށް، އަމާޒަކީ އެ ތަން އަލުން ހުޅުވޭނެ ތާރީހެއް 2-3 މަސް ތެރޭގައި ކަނޑައެޅުން ކަމަށް ޓޫރިޒަމް މިނިސްޓަރު އިބްރާހިމް ފައިސަލް މިއަދު ވިދާޅުވެއްޖެ އެވެ.

އޭނާ އެހެން ވިދާޅުވީ، ކޮވިޑް-19 ގެ ދުވަސްވަރު ކުރިމަތިވި އިގުތިސާދީ ދަތިތަކާ އެކު، އޮގަސްޓް 2020 ގައި ބަންދުކުރި ގޮތަށް ޝަންގްރިއްލާ ރިސޯޓު ނުހުޅުވި އެތައް ދުވަހެއްވި މައްސަލާގައި އެ ރިސޯޓުގެ މެނޭޖުމަންޓުގެ ބޭފުޅުންނާ އިއްޔެ ބައްދަލުކުރައްވައި ކުރެއްވި މަޝްވަރާތަކަށް ފަހު "މިހާރު" އާ ވާހަކަ ދައްކަވަމުންނެވެ.

ފައިސަލް ވިދާޅުވީ، އައްޑޫގެ ގިނަ ބަޔަކަށް ވަޒީފާގެ ފުރުސަތު ފަހިވި އެ ރިސޯޓު ވީ އެންމެ އަވަހަކަށް ހުޅުވުމަކީ މި ސަރުކާރުން ވަރަށް ބޮޑު ބޭނުންވާ ކަމެއް ކަމަށެވެ. އެހެންވެ، އެކަން ކުރުމަށްޓަކައި ޝަންގްރިލާގެ ބްރޭންޑްގެ މައި މެނޭޖްމެންޓާ އެކު ކުރިއަށް އޮތް ތަނުގައި މަޝްވަރާތައް ބާއްވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވިގޮތުގައި، ޓޫރިޒަމް މިނިސްޓްރީން މިހާރު ކުރާ މަސައްކަތާ އެކު، އަމާޒަކީ ދެ ތިން މަސް ތެރޭގައި ޝަންގްރިއްލާ ރިސޯޓު ހުޅުވޭނެ ދުވަހެއް ކަނޑައަޅައި މަސައްކަތް ފެށުން ކަމަށެވެ.

އިއްޔެ ބޭއްވި ބައްދަލުވުމުގައި އައްޑޫގެ އެކި ދާއިރާތަކަށް ނިސްބަތްވާ ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނާއި ޝަންގްރިލާ މޯލްޑިވްސްގެ ޖެނެރަލް މެނޭޖަރު ބްރައިސް ލުނޯ ބައިވެރިވެވަޑައިގަތެވެ.

ހޮންގްކޮންގްގައި ހޮޓާ ވިޔަފާރީގެ އެންމެ ބޮޑު އެއް ކުންފުނި، ޝަންގްރިއްލާއާ ގުޅިގެން ސ. ވިލިނގިލި ތަރައްގީކޮށް ހުޅުވީ 2005 ގަ އެވެ. ނަމަވެސް ކޮވިޑަށް ފަހު އެ ތަނުގެ ހިދުމަތް ވަނީ ހުއްޓާލައިފަ އެވެ. އެކަމުގެ ތެރޭގައި ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން ވަނީ އެ ރިސޯޓުގައި އޮތް ސަރުކާރުގެ 30 ޕަސެންޓު ވެސް ދޫކޮށްލުމުގެ އެއްބަސްވުމެއްގައި މިދިޔަ އަހަރުގެ ރިޔާސީ އިންތިހާބާ ދިމާކޮށް އޮގަސްޓް މަހު ސޮއިކޮށްފަ އެވެ.

އެއީ އެ ރިސޯޓު އަލުން ނުހުޅުވާތީ އައްޑޫގެ ރައްޔިތުން ކަންބޮޑުވުންތައް ހައްލުކޮށް، އެ ތަން ހުޅުވޭނެ މަގުފަހި ކުރަން އޭރުގެ ސަރުކާރުން ކުރި ކަމެކެވެ. ޝަންގްރިއްލާގައި އޮތް ދިވެހި ސަރުކާރުގެ ހިއްސާ ދޫކޮށްލުމުގެ އެއްބަސްވުމުގައި ސޮއިކުރުމަކީ އަލުން އެ ތަން ހުޅުވުމަށް އެންމެ ބޮޑަށް މަގުފަހިވި ކަންތައް ކަމަށް އޭރުގެ ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމް އެ ރަސްމިއްޔާތުގައި ވިދާޅުވިޔަސް އެ ވެރިކަން ނޮވެމްބަރު މަހު ނިމުނީ އިތުރު އެއްވެސް ކުރިއެރުމެއް ނުލިބި އެވެ

ޝަންގްރިއްލާ ވިލިނގިލި ރިސޯޓް އެންޑް ސްޕާ އަކީ ގަން އިންޓަނެޝަނަލް އެއާޕޯޓުން ސްޕީޑް ލޯންޗެއްގައި ގާތްގަނޑަކަށް ފަސް ވަރަކަށް މިނިޓުން ދެވޭހާ ކައިރީގައި އޮންނަ ރިސޯޓެކެވެ. އެ ތަން އޭރު މަޝްހޫރުވީ މުއްސަނދި ޓޫރިސްޓުން ޒިޔާރަތްކުރާ ތަނެއްގެ ގޮތުގަ އެވެ. ޝަންގްރިއްލާ ހިންގި ދުވަސްވަރު އައްޑޫގެ ވިޔަފާރި ވެސް ރަނގަޅުވެ، ވަރަށް ގިނަ ޕްރައިވެޓް ޖެޓްތައް ވެސް އައްޑު އަށް ދަތުރުކުރި އެވެ.