Roadha Mihaaru
ގުދުރަތީ މުއްސަނދިކަން ލިބިފައިވާ 2ތިލަ ހިމާޔަތްކޮށްފި

ގުދުރަތީ މުއްސަނދިކަން ލިބިފައިވާ ބޮޑު ދެ ތިލަ ހިމާޔަތްކޮށްފި

04 އޯގަސްޓް 2024

މާލެ އަތޮޅުގެ ތިލަތަކުގެ ތެރޭގައި ހިމެނޭ ގުދުރަތީ ރީތިކަމާއި މުއްސަނދިކަން ލިބިފައިވާ ބޮޑު ދެ ތިލަ ކަމަށްވާ ބޮޑުހިތި ތިލަ އާއި އޮއްކޮބޭ ތިލަ ސަރުކާރުން ހިމާޔަތްކޮށްފި އެވެ.

އިފްރާޒް އަލީ އިފްރާޒް އަލީ

މާލެ އަތޮޅުގެ ތިލަތަކުގެ ތެރޭގައި ހިމެނޭ ގުދުރަތީ ރީތިކަމާއި މުއްސަނދިކަން ލިބިފައިވާ ބޮޑު ދެ ތިލަ ކަމަށްވާ ބޮޑުހިތި ތިލަ އާއި އޮއްކޮބޭ ތިލަ ސަރުކާރުން ހިމާޔަތްކޮށްފި އެވެ.

ކަނޑުގެ ދިރުންތައް ގިނަ، އެ ދެ ތިލައަކީ ފީނާ މީހުންނާއި ރާއްޖެ އަންނަ ޓޫރިސްޓުންގެ މެދުގައި ވެސް ވަރަށް މަގްބޫލު ތަނެކެވެ.

ތިމާވެއްޓާ ބެހޭ މިނިސްޓްރީން ބުނި ގޮތުގައި، މި ދެ ތިލަ ހިމާޔަތްކުރީ ގުޅިފަޅު ހިއްކުމަށްޓަކައި ހިންގާ ޕްރޮޖެކްޓުގެ ތެރެއިން ކުރިއަށް ގެންދާ ބަޔޯޑައިވާސިޓީ އޮފްސެޓް ޕްލޭން ނުވަތަ އެ ޕްރޮޖެކްޓުގެ ސަބަބުން ތިމާވެއްޓަށް ލިބޭ ގެއްލުމުގެ ބަދަލުގެ ގޮތުގައި ހިންގާ ޕްލޭންގެ ދަށުންނެވެ.

މިނިސްޓްރީން މިދިޔަ ބުރާސްފަތި ދުވަހު ކުރި އިއުލާނުގައި ބުނީ ރާއްޖޭގެ ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމާބެހޭ ގާނޫނުގެ ދަށުން ކ. ބޮޑުހިތި ތިލަ ސަރަހައްދާއި ކ. އޮއްކޮބޭ ތިލަ ސަރަހައްދަކީ ހިމާޔަތްކޮށްފައިވާ ސަރަހައްދެއް ކަމުގައި ހަމަޖައްސާފައިވާ ކަމަށެވެ.

ބޮޑުހިތި ތިލަ

ބޮޑުހިތި ތިލަ އަކީ މާލެ އަތޮޅުގެ ހުޅަނގު ފަރާތުގައި އޮންނަ 127.47 ހެކްޓަރުގެ ސަރަހައްދެކެވެ. އެއީ ކ. ރަސްފަރި އާއި ކ. އުލާނީ ފަޅާއި ދޭތެރޭގައިވާ ކަނޑުއޮޅި މެދުގައިވާ ތިލައެކެވެ. އެއީ ގިނަ އަދަދެއްގެ މުރަކަ އާއި ފަރުމަސް އަދި ކަނޑުމަސް ދިރިއުޅޭ ތަނެކެވެ.

ގާނޫނީ ގޮތުން ހިމާޔަތްކޮށްފައިވާ އަދި ދުނިޔެއިން ނެތިގެން ދިއުމުގެ ބިރުހީވެފައިވާ މާހުޅުނބުލަނޑާ، އެންމަޑި، ކަހަނބު، ވައްބޯ މިޔަރު، ކައްޓަފުޅި މިޔަރު އަދި ފީ މިޔަރު ވެސް އެ ސަރަހައްދުން ފެނެ އެވެ.

ސަރުކާރުން ހިމާޔަތްކުރި ބޮޑުހިތި ތިލަ.

ސަރުކާރުން ހިމާޔަތްކުރި ބޮޑުހިތި ތިލަ.

މި ސަރަހައްދަކީ އިރުވައި މޫސުމުގައި ގިނަ އަދަދެއްގެ އެންމަޑި ސާފުވުމަށް އެއްވެ އުޅޭ ސަރަހައްދެއް ކަމަށް ވަނީ ރެކޯޑް ކުރެވިފަ އެވެ.

އެއީ ދިވެހިންނާއި ޓޫރިސްޓުން ވަރަށް ގިނައިން ފީނަން ވެސް ދާ ސަރަހައްދެކެވެ.

އޮއްކޮބޭ ތިލަ

އޮއްކޮބޭ ތިލި އަކީ މާލެ އަތޮޅުގެ އިރުމަތީ ފަރާތުގައި އޮންނަ 379.31 ހެކްޓަރުގެ ބޮޑު ސަރަހައްދެކެވެ. އެއީ ގިނަ އަދަދެއްގެ ކުދި ހޮހަޅަ އާއި "އޯވާހޭންގްސް" ހެދިފައިވާ ދިރޭ މުރަކައިގެ ޕަސެންޓު ބޮޑު ސަރަހައްދެކެވެ. އެކި ބާވަތްތަކުގެ ފަރުމަހާއި މުރަކަ އާއީ ގަލާ އަދި އެކި ކުލަކުލައިގެ "ސޮފްޓް ކޮރަލް" އެ ސަރަހައްދުގައިވެ އެވެ.

ދިރާސާތަކުން ދައްކާ ގޮތުގައި، އެ ސަރަހައްދުން 73 ބާވަތުގެ މަސް ދިރިއުޅެ އެވެ.

ސަރުކާރުން ހިމާޔަތްކުރި އޮއްކޮބޭ ތިލަ.

ސަރުކާރުން ހިމާޔަތްކުރި އޮއްކޮބޭ ތިލަ.

ނެތި ދިއުމުގެ ބިރުހީވެފައިވާ ދިރުންތައް ކަމަށްވާ ވައްބޯ މިޔަރު، އޮޅުފަތި މިޔަރު، މާހުޅުނބު ލަނޑާ އަދި ކަހަނބު ވެސް އެ ސަރަހައްދުން ފެންނަ ކަމަށް ރެކޯޑު ކުރެވިފައިވެ އެވެ.

އޮއްކޮބޭ ތިލައަކީ ވެސް ފީނާ މީހުންގެ މެދުގައި މަގުބޫލު ސަރަހައްދެކެވެ.

އެ ސަރަހައްދުތަކުގައި ކުރުން މަނާ ކަންކަން

• ތެޔޮ، ގޭސް ނުވަތަ އެއްވެސް ބާވަތެއްގެ މައުދަނެއް ހޯދުމަށް ދިރާސާކުރުމާއި މައިންކުރުން.

• އެއްވެސް ބާވަތެއްގެ ކުނި އެޅުން.

• ބިން ހިއްކުމާއި ފަޅު ފުންކުރުން.

• ގަލާއި ވެއްޔާއި މުރަކަ އަދި އަކިރި ނެގުން.

• ނަގިލި ލުން.

• އުމްރާނީ ތަރައްގީގެ މަސައްކަތެއް ނުވަތަ އިންފްރާސްޓްރަކްޗާ ގާއިމްކުރުން.

• އެއްވެސް "ޕޮލިއުޓެންޓެއް" ދޫކުރުން ނުވަތަ ބޭރުވާ ގޮތަށް އައުޓްފޯލް ބެހެއްޓުން.

• އެކުއާކަލްޗާ ނުވަތަ މެރިކަލްޗާގެ މަސައްކަތްކުރުން.

• ދެމެހެއްޓެނިވި ގޮތެއްގައި ކުރާ އެންވެރިކަން ފިޔަވައި އެއްވެސް އެއްޗެއް ނުވަތަ ދިރުމެއް ނެގުމާއި މެރުމާއި ގޯނާކުރުމާއި ހިފުން.

• އެއްވެސް ދިރުމެއްގެ ބިސް ނެގުން ނުވަތަ ހާއްޔަށް ގެއްލުން ދިނުން.

• އެއްވެސް ބާވަތެއްގެ ދިރުމެއް ތައާރަފުކުރުން.

• މަސްމަހާމެއްސާއި ދޫނިސޫފާސޫފި ހިމެނޭ ގޮތަށް އެއްވެސް ދިރޭ އެއްޗަކަށް ކާން ދިނުން ނުވަތަ ކާން އެޅުން.

• އެ ސަރަހައްދު އަލިވާގޮތަށް ރޭގަނޑު ދިއްލުން.

• އެތަނުގައިވާ ދިރުންތަކުގެ އާދަކާދައަށް ބުރޫއަރާގޮތަށް އަޑުގަދަކުރުން.

• ރާއްޖޭގެ އެމުގެ ގޮތުގައި ބޭނުންކުރާ މަސް ފިޔަވައި އެހެން އެއްވެސް ބާވަތެއްގެ ކުދި މަސް ހިފުން. (އޭގެ ތެރޭގައި އެކުއޭރިއަމްތަކާއި ޓޭންކްތަކުގައި ގެންގުޅޭ މަހާއ، ފަރުމަހުގެ ހުރިހާ ބާވަތެއްގެ "ޖުވެނައިލް" މަސް ހިމެނެ އެވެ.)

• ދިއްލައިގެން ރޭގަނޑު މަސް ތިލަކުރުން. (އޭގެ ތެރޭގައި މަސްވެރިކަމުގެ ގާނޫނުގެ ދަށުން މަސްވެރިކަމާއި އަތުނަނުގެ ބޮޑު ކަންނެލީގެ މަސްވެރިކަމަށް ދޫކޮށްފައިވާ ސައްހަ ލައިސަންސެއް އޮތް އުޅަނދަކުން ދިއްލައިގެން އެންވެރިކަން ކުރުން އިސްތިސްނާ ވާނެ އެވެ.)

މިނިސްޓްރީން ބުނީ ކަނޑައެޅިފައިވާ އުސޫލުގެ ދަށުން، ހިމާޔަތްކޮށްފައިވާ އެ ސަރަހައްދުތަކަށް ޒިޔާރަތްކުރުމާއި ދިރާސާ ކުރުމާއި ރީސްޓޮރޭޝަން ނުވަތަ ރީހެބިލިޓޭޝަންގެ ބޭނުމަށް މަސައްކަތްކުރުމުގެ ހުއްދަ ދޭނެ ކަމަށެވެ.