Roadha Mihaaru
ބަންގްލަދޭޝްގެ ހާލަތު ގޯސްވާތީ ސަމާލުވާން އެދިއްޖެ

ބަންގްލަދޭޝްގެ ހާލަތު އަނެއްކާވެސް ގޯސްވެ، އެ ގައުމުގައި ތިބި ދިވެހިން ސަމާލުވާން އެދިއްޖެ

04 އޯގަސްޓް 2024

ބަންގްލަދޭޝްގެ ހާލަތު އަނެއްކާވެސް ގޯސް ވަމުންދާތީ، އެ ގައުމުގައި ދިރިއުޅޭ ދިވެހިން އިތުރަށް ސަމާލުވާން ފޮރިން މިނިސްޓްރީން އެދިއްޖެ އެވެ.

އައިޝަތު ނުޒުހާ އައިޝަތު ނުޒުހާ

ބަންގްލަދޭޝްގެ ހާލަތު އަނެއްކާވެސް ގޯސް ވަމުންދާތީ، އެ ގައުމުގައި ދިރިއުޅޭ ދިވެހިން އިތުރަށް ސަމާލުވާން ފޮރިން މިނިސްޓްރީން އެދިއްޖެ އެވެ.

ބަންގްލަދޭޝްގައި ސިވިލް ސާވިސް ވަޒީފާ އަށް މީހުން ނެގުމުގައި ހާއްސަ ކޯޓާތަކެއް ކަނޑައެޅުމާ ދެކޮޅަށް ފެށި މުޒާހަރާތައް ހޫނުވެ، ބޮޑު ހަމަނުޖެހުމަކަށް ބަދަލުވެ 200 އަށް ވުރެ ގިނަ މީހުން ވަނީ މަރުވެފަ އެވެ. އެ މުޒާހަރާތައް މެދުކެނޑުމަކަށް ފަހު އަލުން ފަށައި، އެތައް ހާސް ބަޔަކު އަނެއްކާވެސް ގެންދަނީ ވެރިރަށް ޑާކާގެ މަގުމައްޗަށް އެއްވެ ބޮޑުވަޒީރު ޝައިހް ހަސީނާގެ އިސްތިއުފާއަށް ގޮވަމުންނެވެ. އެކަމާ ގުޅިގެން ކާފިއު އިއުލާންކޮށް، ސިފައިން ވެސް މަގުތަކަށް ވަނީ ނެރެފަ އެވެ.

މިކަމާ ގުޅިގެން ރާއްޖޭގެ ފޮރިން މިނިސްޓްރީން މިއަދު ނެރުނު ބަޔާނުގައި ބުނީ މިހާރު ހިނގަމުންދާ އެއްވުންތަކާ ގުޅިގެން، ބަންގްލަދޭޝްގައި ދިރިއުޅޭ އަދި އެ ގައުމަށް ދަތުރުކުރާ ދިވެހީން މިދުވަސްވަރު އިތުރަށް ސަމާލުވުމަށް އެދޭ ކަމަށެވެ.

ބަންގްލަދޭޝްގައި މިހާރު ދިރިއުޅޭ އަދި އެ ގައުމަށް ދަތުރުކޮށްފައިވާ ދިވެހީންގެ ހާލު، ބަންގްލަދޭޝްގައި ހުންނަ ދިވެހިރާއްޖޭގެ ހައިކޮމިޝަނުން ބަލަމުންދާ ކަމަށާއި އެގޮތުން ޗިޓަގޮންގްގައި ތިބި 83 ދަރިވަރުންނާއި، ޑާކާގައި ތިބި ހަތް ދަރިވަރުންނާއި ކޮމިލާގައި ތިބި ދަރިވަރުންގެ ހާލު ބަލަމުންދާ ކަމަށް ފޮރިން މިނިސްޓްރީން ބުންޏެވެ.

ފޮރިން މިނިސްޓްރީން ވަނީ ބަންގްލަދޭޝް ސަރުކާރުން އިރުޝާދު ދީފައިވާ ގޮތަށް ކަންތަށް ކުރުމަށް އިލްތިމާސް ކޮށްފަ އެވެ. އެގޮތުން ކާފިއު އިއުލާނު ކޮށްފައިވާތީ އެ ވަގުތުތަކުގައި ބޭރަށް ނުކުމެ ނޫޅުމަށާއި ބަންގްލަދޭޝްގެ ސަރުކާރުން ދީފައިވާ އިރުޝާދާ އެއްގޮތަށް އަމަލު ކުރުމަށް ވަނީ އެދިފަ އެވެ.