Roadha Mihaaru
އިންޓެލިޖެންސް ހިއްސާކުރުމުގެ މައްސަލަތައް ހައްލެއް ނުވޭ

މެއި 6 ގެ ހަމަލާ: އިންޓެލިޖެންސް މައުލޫމާތު ހިއްސާ ކުރުމުގައި ހުރި މައްސަލަތައް ހައްލެއް ނުވޭ!

05 އޯގަސްޓް 2024

ކުރީގެ ރައީސް މުހައްމަދު ނަޝީދަށް އަވަހާރަކޮށްލަން ދިން ހަމަލާއާއެކު، ފެންމަތިވި އިންޓެލިޖެންސް މައުލޫމާތު ހިއްސާ ކުރުމުގެ މައްސަލަތައް އަދިވެސް ހައްލު ނުވާ ކަން ހާމަވެއްޖެ އެވެ.

އައިޝަތު ނުޒުހާ އައިޝަތު ނުޒުހާ

ކުރީގެ ރައީސް މުހައްމަދު ނަޝީދަށް އަވަހާރަކޮށްލަން ދިން ހަމަލާއާއެކު، ފެންމަތިވި އިންޓެލިޖެންސް މައުލޫމާތު ހިއްސާ ކުރުމުގެ މައްސަލަތައް އަދިވެސް ހައްލު ނުވާ ކަން ހާމަވެއްޖެ އެވެ.

ނަޝީދަށް ދިން ހަމަލާ އާ ގުޅިގެން މަޖިލީހުން ހެދި އިންކުއަރީގައި ވަނީ އެ ހަމަލާ ދެވުމުގައި އިންޓެލިޖެންސްގައި މައްސަލަ ހުރިކަން ފާހަގަކޮށްފަ އެވެ.

ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާ ބެހޭ (241) ކޮމިޓީގެ މިއަދުގެ ބައްދަލުވުމުގައި މަޖިލީހުގެ ނައިބު ރައީސް އަހުމަދު ނާޒިމް ވިދާޅުވީ ޔުނިފޯމް އެޅި އިދާރާތަކުގެ މެދުގައި އިންޓެލިޖެންސް ވިލަރެސް ކުރުމުގައި ހުރި މައްސަލަތައް ހައްލު ނުވާ ކަމަށް ނޭޝަނަލް ކައުންޓާ ޓެރަރިޒަމް ސެންޓަރު (އެންސީޓީސީ) އިން އެ ކޮމިޓީގައި ބުނެފައިވާ ކަމަށެވެ.

ސިއްރުކޮށްގެން ކުރިއަށް ގެންދިޔަ ބައްދަލުވުމުގައި އެންސީޓީސީ އިން ދެއްކި ވާހަކަތަކާ ހަވާލާދީ ނާޒިމް ވިދާޅުވީ ނަޝީދަށް ދިން ހަމަލާއާ ގުޅޭގޮތުން ތައްޔާރު ކޮށްފައި އޮތް ސިއްރު ރިޕޯޓުގައި ވެސް ކޮމިޓީން ފާހަގަކުރި އެންމެ ބޮޑު މައްސަލައަކީ އިންޓެލިޖެންސްގެ ކޯޑިނޭޝަންގެ މައްސަލަ ކަމަށެވެ.

ނާޒިމް ވިދާޅުވީ އެ މައްސަލަ ހައްލުކުރަން ސަރުކާރުގެ ސަމާލު ކަމަށް އެކަން ގެނައުމަށް ކޮމިޓީގެ މެންބަރުންގެ މެދުގައި މަޝްވަރާ ކުރެވުނު ކަމަށެވެ. އެކަމާ ގުޅިގެން ކޮމިޓީގެ މުގައްރިރު އޭދަފުށީ ދާއިރާގެ މެންބަރު އަހުމަދު ސަލީމް ވިދާޅުވީ އެކަމުގައި އިދާރާތަކަށް ސިޓީ ފޮނުވުމަށް ތައްޔާރުވަމުންދާ ކަމަށެވެ.

ނަޝީދަށް ހަމަލާ ދީފައިވަނީ އެ މަނިކުފާނު ދިރިއުޅުއްވާ ގެކޮޅު ކައިރީ ޕާކު ކޮށްފައި ހުރި ސައިކަލެއްގައި ގޮވާ އެއްޗެއް ހަރުކޮށްގެންނެވެ. މަޖިލިސް ރައީސްގެ މަގާމުގައި ހުންނަވަނިކޮށް ނަޝީދަށް ދިން ހަމަލާގެ ސަބަބުން އެ މަނިކުފާނަށް ބޮޑެތި އަނިޔާތަކެއް ވެ، ރާއްޖެއިން ބޭރުން ވެސް ބޮޑު އޮޕަރޭޝަނެއް ކުރަން ޖެހިވަޑައިގަތެވެ.

އެފަދަ ހަމަލާއެއް ދޭން ބަޔަކު ރާވަމުންދާ ކަން އޭރުގެ ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީއަށް އޭރުގެ މަޖިލިސް މެމްބަރަކު ހިއްސާ ކުރެއްވި އެވެ. އަދި އެކަމުގައި އޭރުގެ ސަރުކާރުން އެކަށީގެންވާ ފިޔަވަޅު ނާޅާ އޮތް ކަމަށް ބުނެ ފާޑުކިޔުން އަމާޒުވެފައި ވިޔަސް، ސަރުކާރުން އެކަމަށް އިންކާރު ކުރެ އެވެ.

ދައުލަތުން އެ މައްސަލާގައި ޓެރަރިޒަމްގެ ދައުވާކުރަނީ މއ. ފޭރުގޭ މުޖާޒް އަހުމަދާއި ގއ. ކޮނޑޭ ފޮޅޭމާ ތަހުމީން އަހުމަދާއި ނ. މަނަދޫ ނޫރީގޭ އަލީ ހައިޝަމާއި ގއ. ވިލިނގިލީ ހުދުރުވާގޭ ފަހުމީ އަލީގެ އިތުރުން މ. ކުދެހިގޭ އިސްހާގާއި އއ. މާޅޮސް، އަސަރީގޭ މުހައްމަދު ނާޒިމްގެ މައްޗަށެވެ.