Roadha Mihaaru
ރިޕޯޓުން ފާހަގަވި ކަންކަން އިސްލާހު ކުރާނަން: ރައީސް

އިންކުއަރީ ރިޕޯޓުން ފާހަގަވި ކަންކަން އިސްލާހު ކުރާނަން: ރައީސް

11 ޖުލައި 2021

ކުރީގެ ރައީސް އަދި ރައްޔިތުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލަން ދިން ޓެރަރިސްޓް ހަމަލާއާ ގުޅިގެން މަޖިލީހުން ހެދި އިންކުއަރީ ރިޕޯޓުން ފާހަގަވި މައްސަލަތައް ވަރަށް އަވަހަށް އިސްލާހު ކުރައްވާނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ވިދާޅުވެއްޖެ އެވެ.

މޫސާ ރަޝީދު މޫސާ ރަޝީދު

ރައީސް، މިހެން ވިދާޅުވީ ނަޝީދުގެ ސެކިއުރިޓީ ބްރީޗްވި ގޮތް ދިރާސާކޮށް މަޖިލީހުން ތައްޔާރު ކުރި 242 ސޮފްހާގެ ރިޕޯޓު އެ މަނިކުފާނަށް އެރުވުމަށް ރައީސް އޮފީހުގައި ބޭއްވި ބައްދަލުވުމުގައި މަޖިލީހުގެ 241 ކޮމިޓީގެ މުގައްރިރު މުހައްމަދު އަސްލަމާއި މަޖިލީހުގެ ބައެއް އިސް ބޭފުޅުންނާ ވާހަކަފުޅު ދައްކަވަމުންނެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވީ، މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކުގެ ކޮމިޓީގެ މެމްބަރުން ވަރަށް ކުރު މުއްދަތެއްގެ ތެރޭގައި ކުރެއްވީ ވަރަށް ބުރަ އަދި މުހިންމު މަސައްކަތެއް ކަމަށާއި ރިޕޯޓުން ފާހަގަ ކުރެވުނު ކަނަކަން ބައްލަވައި، އިސްލާހު ކުރަން ހުރި ކަންކަން އިސްލާހު ކުރައްވާނެ ކަމަށެވެ.

އެ ރިޕޯޓް ނޭޝަނަލް ސެކިއުރިޓީ ކައުންސިލަށް ހުށަހަޅުއްވައި، ގައުމީ ސަލާމަތާ ގުޅުން ހުރި މުހިންމު ކަންކަން ވީހާ ވެސް އަވަހަކަށް ހައްލު ކުރައްވާނެ ކަމުގެ ޔަގީންކަން ވެސް ރައީސް ދެއްވި ކަމަށް ރައީސް އޮފީހުން ބުނެ އެވެ.

ނަޝީދުގެ ސަލާމަތީ ކަންކަން ބްރީޗުވި ގޮތް ބަލައި މަޖިލީހުން އެކުލަވައިލި ރިޕޯޓު ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް، 241 ކޮމިޓީގެ މުގައްރިރު އަސްލަމް މިއަދު އަރުވަނީ.---ފޮޓޯ: މަޖިލިސް

ނަޝީދުގެ ސަލާމަތީ ކަންކަން ބްރީޗުވި ގޮތް ބަލައި މަޖިލީހުން އެކުލަވައިލި ރިޕޯޓު ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް، 241 ކޮމިޓީގެ މުގައްރިރު އަސްލަމް މިއަދު އަރުވަނީ.---ފޮޓޯ: މަޖިލިސް

އެ ބައްދަލުވުމުގައި 241 ކޮމިޓީގެ ފަރާތުން ވަނީ ސަރުކާރުން ދިން އެއްބާރުލުން ފާހަގަކޮށްފަ އެވެ. އަދި ސަރުކާރުން އަޅަންޖެހޭ ފިޔަވަޅުތައް އަޅާނެ ކަމުގެ ފުރިހަމަ ޔަގީންކަން އޮތް ކަމަށް އެ ކޮމިޓީގެ މުގައްރިރު އަސްލަމް ވިދާޅުވި އެވެ.

ގެކޮޅުން ނުކުމެވަޑައިގެން ކާރުކޮޅަށް އަރައިވަޑައިގަންނަވަނިކޮށް މިދިޔަ މެއި ހަ ވަނަ ދުވަހުގެ ރޭ ނަޝީދަށް ދިން ހަމަލާ އާ ގުޅޭ އިންކުއަރީ ރިޕޯޓުގައި ހަމަލާ ދިން ދުވަހާއި އޭގެ ކުރި އާއި ފަހުން ހިނގި ކަންކަން ބަލާފައިވެ އެވެ. އޭގެ އިތުރުން އިންޓެލިޖެންސް މައުލޫމާތު އެއްކުރާ ގޮތާއި ގެންގުޅޭ ގޮތާއި ހިއްސާ ކުރުމުގައި ގެންގުޅޭ ގޮތްތައް އަދި ހަރުކަށި ފިކުރު ފެތުރުމާ ދެކޮޅަށް ދައުލަތުން ކުރާ މަސައްކަތްތައް ވެސް ވަނީ ދިރާސާކޮށްފަ އެވެ.

އެ އިންކުއަރީ އަށް މައުލޫމާތު ދެމުން އެމްއެންޑީއެފުން ތަކުރާރުކޮށް ބުނެފައިވަނީ އެ ރޭ ހަމަލާދިނުމާ ގުޅޭ "ސްޕެސިފިކް" މައުލޫމާތެއް ނުވަތަ އިންޓެލިޖެންސް މައުލޫމާތެއް އެ މުއައްސަސާ އަށް ނުލިބޭ ކަމަށެވެ. ނަމަވެސް އެފަދަ ހަމަލާއެއް ދީފާނެ ކަމުގެ އިޝާރާތެއް ލިބިފައި ނެތް ކަމަށް 241 ކޮމިޓީން ގަބޫލު ނުކުރާ ކަމަށް އެ ރިޕޯޓްގައި ބުނެފައިވެ އެވެ.