Roadha Mihaaru
އެއާޕޯޓުގެ އާ ރަންވޭގެ އަމަލީ މަސައްކަތް ފަށައިފި

400 މިލިއަން ޑޮލަރުގެ އާ ރަންވޭގެ އަމަލީ މަސައްކަތް ރައީސް ފައްޓަވައި ދެއްވައިފި

27 ފެބުރުއަރީ 2017

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު (ވީއައިއޭ) ގައި، 400 މިލިއަން ޑޮލަރު ހަރަދުކޮށްގެން އަޅާ އާ ރަންވޭގެ އަމަލީ މަސައްކަތް ރައީސް އަބްދުﷲ ޔާމީން މިއަދު ހެނދުނު ފައްޓަވައި ދެއްވައިފި އެވެ.

އަބްދުﷲ ޖަމީލު އަބްދުﷲ ޖަމީލު

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު (ވީއައިއޭ) ގައި، 400 މިލިއަން ޑޮލަރު ހަރަދުކޮށްގެން އަޅާ އާ ރަންވޭގެ އަމަލީ މަސައްކަތް ރައީސް އަބްދުﷲ ޔާމީން މިއަދު ހެނދުނު ފައްޓަވައި ދެއްވައިފި އެވެ.

އާ ރަންވޭ އެޅުމަށް ހިއްކި ސަރަހައްދުގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި ރައީސް ޔާމީންގެ އިތުރުން މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް)ގެ މެނޭޖިން ޑިރެކްޓަރު އާދިލް މޫސާ އާއި ވަޒީރުން ބައިވެރިވެވަޑައިގެންނެވި އެވެ.

ޗައިނާ އެގްޒިމް ބޭންކުގެ ލޯނު އެހީގައި ހަދާ 3،400 މީޓަރު ދިގު އަދި 60 މީޓަރު ފުޅާ އާ ރަންވޭގެ މަސައްކަތް ކުރަނީ ޗައިނާގެ އެންމެ ބޮޑު އެއް ކޮންސްޓްރަކްޝަން ކުންފުނި، ބެއިޖިން އާބަން ކޮންސްޓްރަކްޝަން ގްރޫޕް (ބީޔޫސީޖީ) އިންނެވެ. މި މަސައްކަތް އަންނަ އަހަރުގެ ތެރޭގައި ނިމޭނެ ކަމަށް އެމްއޭސީއެލް ބުންޏެވެ.

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓްގެ އާ ރަންވޭގެ އަމަލީ މަސައްކަތް ފެށުމަށް ބޭއްވި ރަސްމިއްޔާތުގައި ރައީސް ޔާމީން (މ) އަދި އެމްއޭސީއެލްގެ އެމްޑީ އާދިލް މޫސާ (ކ) އަދި މިނިސްޓަރު މުހައްމަދު ސައީދު އަދި އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދު (ވ) ބައިވެރިވެވަޑައިގަންނަވަނީ. ފޮޓޯ: ނިޝާން އަލީ /މިހާރު

ދުނިޔޭގައި މިހާރު ގެންގުޅޭ އެންމެ ބޮޑެތި މަތިންދާބޯޓު ކަމަށްވާ އެއާބަސް އޭ 380 މަރުކާގެ ބޯޓު ވެސް ޖެއްސޭ ގޮތަށް ހަދާ އާ ރަންވޭގެ ބިން ހިއްކުމުގެ މަސައްކަތް ފެށީ މިދިޔަ އަހަރުގެ ޖުލައި 25 ވަނަ ދުވަހު އެވެ. އާ ރަންވޭގެ އިތުރުން މި މަޝްރޫއުގައި 45 މިލިއަން ލީޓަރުގެ ތެޔޮ ރައްކާކުރެވޭނެ ފިއުލް ފާމަކާއި 120،000 ޓަނުގެ ކާގޯ ފެސިލީޓީއެއް ހެދުން ވެސް ހިމެނެ އެވެ.

އާ ރަންވޭ އަޅާ ބީޔޫސީޖީން ބިން ހިއްކަން ފެށީ އެއް ޑްރެޖަރުންނެވެ. އަދި އެ ޕްރޮޖެކްޓަށް ފަހުން އިތުރު ދެ ޑްރެޖަރު ގެނެސް، އެއް ފަހަރާ ތިން ޑްރެޖަރުން އަންނަނީ ބިން ހިއްކަމުންނެވެ. މި މަސައްކަތް ނިމޭއިރު، އެއާޕޯޓުގެ ބިމަށް ގާތްގަނޑަކަށް 30 ޕަސެންޓް ނުވަތަ 62 ހެކްޓަރު އިތުރުވެގެން ދާނެ އެވެ.

ބިން ހިއްކުމުގެ މަސައްކަތް އަންނަ މަހުގެ ތެރޭގައި ނިމޭނެ ކަމަށް އެމްއޭސީއެލް އިން ލަފާކުރެ އެވެ.

އާ ރަންވޭގެ އަމަލީ މަސައްކަތް ފުރަތަމަ ކުރާނީ ދެކުނު ފަރާތުންނެވެ.