Roadha Mihaaru
އިންޝުއަރެންސް ރެގިއުލޭޓްކުރަން ފުރަތަމަ ފަހަރަށް ބިލެއް

އިންޝުއަރެންސް ހިދުމަތް ރެގިއުލޭޓް ކުރަން ފުރަތަމަ ފަހަރަށް ބިލެއް

06 އޯގަސްޓް 2024

ރާއްޖޭގައި އިންޝުއަރެންސްގެ ހިދުމަތް ރެގިއުލޭޓް ކުރުމަށް ފުރަތަމަ ފަހަރަށް ގާނޫނެއް ވުޖޫދަށް ގެނައުމަށް އިންޝުއަރެންސްގެ ބިލެއް ރަައްޔިތުންގެ މަޖިލީހަށް މިއަދު ހުށަހަޅައިފި އެވެ.

މާއިދާ މުހައްމަދު ރަޝާދު މާއިދާ މުހައްމަދު ރަޝާދު

ރާއްޖޭގައި އިންޝުއަރެންސްގެ ހިދުމަތް ރެގިއުލޭޓް ކުރުމަށް ފުރަތަމަ ފަހަރަށް ގާނޫނެއް ވުޖޫދަށް ގެނައުމަށް އިންޝުއަރެންސްގެ ބިލެއް ރަައްޔިތުންގެ މަޖިލީހަށް މިއަދު ހުށަހަޅައިފި އެވެ.

ސަރުކާރުގެ ފަރާތުން މި ބިލު މަޖިލީހަށް ހުށަހެޅުއްވީ މަހިބަދޫ ދާއިރާގެ މެމްބަރު އަހުމަދު ތޯރިގެވެ.

މަޖިލީހުގެ މިއަދު ޖަލްސާގައި ތޯރިގު ވިދާޅުވި ގޮތުގައި އިންޝުއަރެންސްގެ ކަންތައް މިހާރު ބަލަހައްޓަމުންދަނީ 1998 ގައި އެކުލަވާލި މަނިޓަރީ ގާނޫނުގެ ދަށުންނެވެ. އޭގެ ފަހުން 2004 ގައި ގެނައި އިސްލާހެއްގެ ދަށުން ދޫކުރާ ހުއްދަތަކާ އެކު އެ ވިޔަފާރި ކުރަމުންދިޔަ ނަމަވެސް މިއީ ކުޑަ ގަވައިދެއް ކަމަށް އޭނާ ވިދާޅުވި އެވެ.

ރާއްޖޭގައި މިވަގުތު އިންޝުއަރެންސްގެ ހިދުމަތް ދިނުމަށް ހުއްދަދީފައި ވަނީ ފަސް ކުންފުންޏަކަށެވެ. އަދި ބްރޯކަރުންގެ ގޮތުގައި 10 ފަރާތަކަށާއި 60 އެޖެންޓަކަށް ވެސް ހުއްދަ ދީފައިވެ އެވެ. މިއީ ނިސްބަތުން ކުޑަ އަދަދެއް ނަމަވެސް ރާއްޖޭގެ ރައްޔިތުންނަށް އޭގެ ސަބަބުން ކުރާ އަސަރު ބޮޑު ކަމަށް ތޯރިގު ވިދާޅުވި އެވެ.

މި ބިލުގެ ބޭނުމަކީ ރާއްޖޭގައި ރައްކާތެރި ގޮތެއްގައި އިންޝުއަރެންސް ވިޔަފާރި ހިންގުމަށް އަމަލު ކުރަންޖެހޭ އުސޫލެއް ކަނޑައެޅުމާއި ރެގިއުލޭޓް ކުރާނެ އުސޫލެއްގެ ގާނޫނީ އޮނިގަނޑެއް އެކުލަވާލުމެވެ. އަދި އިންޝުއަރެންސް ޕޮލިސީ ހޯލްޑަރުންގެ ހައްގުތައް ރައްކާތެރި ކުރުމާއި އިންޝުއަރެންސް ދާއިރާއަށް ނުރަނގަޅު އަސަރު ކޮށްފާނެ ކަންކަމަށް ތައްޔާރުވެ، އެކަމަށް ފިޔަވަޅު އެޅުމާއި އިންޝުއަރެންސް ދާއިރާ ފުޅާކުރުން ހިމެނެ އެވެ.

އެ ބިލް ގާނޫނަކަށްވުމުން އިންޝުއަރެންސް ލައިސެންސް ދޫކުރުން ހަރުކަށިވާނެ ކަމަށް ތޯރިގު ވިދާޅުވި އެވެ. ބިލުގައި ހުށަހަޅާފައިވަނީ އިންޝުއަރެންސް ހިދުމަތް ފެށުމަށް 30 މިލިއަން ރުފިޔާ އާއި 50 ރުފިޔާއާ ދެމެދު އަދަދެއްގެ ޑިޕޮސިޓެއް ބަހައްޓަންޖެހޭ ގޮތަށެވެ. މިހާރު އޮންނަ ގޮތުން ދައްކަނީ 10 މިލިއަން ރުފިޔާ އެވެ.

އެ ބިލުގައި ރެގިއުލޭޓަރީ އޮތޯރިޓީއަށް ގިނަ ބާރުތަކެއް ދީފައިވާތީ ތޯރިގު ވަނީ ކޮމިޓީ މަރުހަލާގައި ބިލް ފާސް ކުރާއިރު، އިންޝުއަރެންސް ހިދުމަތްދޭ ފަރާތްތަކާ މަޝްވަރާ ކުރުމާއި ބިލު އިތުރަށް ހަރުދަނާ ކުރެވޭނެ ކަންކަމަށް ރިއާޔަތް ކުރުމަށް ވެސް އެދިވަޑައިގެންފަ އެވެ.

އެ ބިލުގައިވާ ގޮތުން ހުއްދަ ހޯދުމަކާއި ނުލައި ވިޔަފާރިކުރުމާއި ވިޔަފާރިކުރާ ކަމަށް ދެއްކުމާއި ލައިސެންސް ލިބިފައިވާ ފަރާތަކުން ނޫން އެހެން ފަރާތަކުން އިންޝުއަރެންސް ޕޮލިސީ ނެގުމާއި ސޮލިސިޓްކޮށްފި ނަމަ، 100،000ރ. އާއި ފަސް މިލިއަން ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރެވޭނެ އެވެ.