ސުޕްރީމް ކޯޓުގެ ފަނޑިޔާރު ހުސްނުއްސުއޫދަށް ރައްޔިތުންގެ މަޖިލީހުގެ ޕީއެންސީ ބައެއް މެންބަރުން މިއަދު ފާޑު ވިދާޅުވެއްޖެ އެވެ.
25 ފެބުރުއަރީ 2025
ސުޕްރީމް ކޯޓުގެ ފަނޑިޔާރު ހުސްނުއްސުއޫދަށް ރައްޔިތުންގެ މަޖިލީހުގެ ޕީއެންސީ ބައެއް މެންބަރުން މިއަދު ފާޑު ވިދާޅުވެއްޖެ އެވެ.
ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ބެންޗުން ދެ ފަނޑިޔާރުން ވަކިކުރަން ހޮޅުދޫ ދާއިރާގެ މެންބަރު އަބުދުއްސައްތާރު މުހައްމަދު ކޯޓުތަކުގެ ގާނޫނަށް ހުށަހެޅުއްވި އިސްލާހަށް ބަހުސް ކުރައްވަމުން މަހިބަދޫ ދާއިރާގެ މެންބަރު އަހުމަދު ތޯރިގު ވިދާޅުވީ އެމްޑީޕީގެ ސަރުކާރުން ސުޕްރީމް ކޯޓަށް އެކްޓިވިސްޓުން އައްޔަން ކޮށްފައިވާ ކަމަށެވެ.
އެހެންކަމުން ޝަރުއީ ދާއިރާ އިސްލާހު ކުރުމުގެ ވާހަކަ އެމްޑީޕީގެ މެންބަރުންނަށް ނުދެއްކޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.
"ސުޕްރީމް ކޯޓުގެ ބެންޗުގައި އެކްޓިވިސްޓުންގެ ގޮތުގައި ބޮޑު ބަނޑާރި ހެދިގެން އުޅުނު މީހުން ވެސް އެބަ ތިބި ވާހަކަ ފާހަގަ ކުރަން. އެއީކީ ސުޕްރީމް ކޯޓު އުފެއްދިއިރު މަހުފޫމް އޮތް ގޮތެއް ނޫން. އެކްޓިވިސްޓުން ސުޕްރީމް ކޯޓަށް ލީމަ ދެން އަންނާނެ ނަތީޖާ މިހާރު ވެސް ފެންނަ ކަމުގެ މަލަމަތި ފެންނާތީ އެ ވާހަކަ ދަންނަވާލީ،" ތޯރިގު ވިދާޅުވި އެވެ.
ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އަހުމަދު ނާޒިމް ވެސް ވަނީ ފަނޑިޔާރު ސުއޫދަށް ފާޑު ވިދާޅުވެފަ އެވެ. އޭނާގެ މައްޗަށް ކުރީގެ ސުޕްރީމް ކޯޓުން 25 އަހަރުގެ ޖަލު ހުކުމެއް ބޭ އިންސާފުން އިއްވިއިރު، އޭނާގެ ވަކީލެއްގެ ގޮތުގައި ހުންނެވީ ސުއޫދު ކަމަށާއި އެހެންވެ، ސުޕްރީމް ކޯޓަކުން ކަން ނުކުރަންވީ ގޮތް ސުއޫދަށް ވަރަށް ރަނގަޅަށް އެނގިވަޑައިގަންނަވާނެ ކަމަށް ނާޒިމް ވިދާޅުވި އެވެ.
ނަމަވެސް، މިހާރު ފެނިގެންދަނީ ސިޔާސީ އޮއިވަރުގައި ސުޕްރީމް ކޯޓުގެ ފަނޑިޔާރުން ޖެހިފައިވާ މަންޒަރު ކަމަށް ނާޒިމް ވިދާޅުވި އެވެ. އަދި ސިޔާސީ ކަންކަމުގެ ތެރެއަށް ވަދެ، ސިޔާސީ ހުކުމްތައް ނެރެމުންދާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ނާޒިމް ވަނީ މަޖިލީހުގެ މެންބަރުންގެ ގޮނޑި ގެއްލޭ ގޮތަށް ގާނޫނުއަސާސީއަށް ގެނެސްފައިވާ އިސްލާހު ބާތިލް ކުރަން ހުށަހަޅާފައިވާ މައްސަލަ ސުޕްރީމް ކޯޓުން ކުރިއަށް ގެންދާތީ އެކަމަށް ވެސް ފާޑު ވިދާޅުވެފަ އެވެ. ނާޒިމް ވިދާޅުވީ މަޖިލީހުގެ އިމްތިޔާޒާ މެދު ވެސް ސުޕްރީމް ކޯޓުން ސުވާލު އުފައްދާފައިވާ ކަމަށެވެ. އެކަން އޭނާ ފާހަގަ ކުރެއްވީ ޝަރީއަތުގައި ފަނޑިޔާރު ސުއޫދު ކުރެއްވި ބައެއް ސުވާލުތަކާ ގުޅިގެންނެވެ.
"މިހާރު މިއޮތް ސުޕްރީމް ކޯޓުން ސުވާލު އުފެއްދި ތަން ފެނިގެންދިޔަ. އެ ސުވާލަކީ ދައުލަތުގެ ދީނަކީ އިސްލާމް ދީން ކަމަށް ގާނޫނުއަސާސީގައި ބަޔާންކޮށްފައި ވަނިކޮށް އެ ދީނަކީ އިސްލާމް ދީން ނޫން ކަމަށް މަޖިލީހުން ނިންމައިފި ކަމަށްވާ ނަމަ ދެން ވެސް އެ މައްސަލަ ސުޕްރީމް ކޯޓަށް ނުބެލޭނެތޯ. އެ ބާބުގައި ވެސް އެބަ ބުނޭ އިސްލާމް ދީނާ ހިލާފުނުވާ ގޮތުގެ މަތިން ގާނޫނު ހެދުމާއި ގާނޫނު އިސްލާހު ކުރުމަކީ މަޖިލީހުގެ ބާރެއް ކަމަށް،" ނާޒިމް ވިދާޅުވި އެވެ.
ނާޒިމް ވިދާޅުވީ އެފަދަ ސުވާލުތައް ސުޕްރީމް ކޯޓުން އުފެއްދުމަކީ ވިސްނާލަން ޖެހޭ ކަމެއް ކަމަށެވެ. އަދި ސުޕްރީމް ކޯޓުގެ ބެންޗަށް ބަދަލު ގެންނަން މިއީ އެންމެ މުނާސަބު ދަނޑިވަޅު ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"ސިޔާސީ ވެރިން ޖަހާ ބެރުތަކަށް ނެށުމަށް ތައްޔާރަށް ތިބިކަމުގެ ސިގްނަލްތައް ދެމުންދާ ތަން ފެންނަނީ،" ނާޒިމް ވިދާޅުވި އެވެ.
ފަނޑިޔާރުންގެ ބެންޗްގެ އަދަދު ފަހަކަށް މަދުކުރަން ހުށަހެޅި ބިލްގެ ބަހުސްގައި މިއަދު ވާހަކަ ދައްކަވާފައިވަނީ ޕީއެންސީއަށް ނިސްބަތްވާ އެންމެ ތިން މެންބަރުންނެވެ. އެއީ ނާޒިމްގެ އިތުރުން ބާރަށު ދާއިރާގެ މެންބަރު އިބްރާހިމް ޝުޖާއު އަދި މަހިބަދޫ ދާއިރާގެ މެންބަރު އަހުމަދު ތޯރިގެވެ. އެ ތިން ބޭފުޅުން ވެސް ވަނީ ބިލަށް ތާއިދު ކުރައްވައިފަ އެވެ.
އެމްޑީޕީގެ ގިނަ މެންބަރުން ބަހުސްގައި ބައިވެރިވިއިރު، އެ ހުރިހާ މެންބަރުން ވެސް ވަނީ ބިލާ ދެކޮޅަށް ވާހަކަ ދައްކަވައިފަ އެވެ. މެންބަރުން ވިދާޅުވި ގޮތުގައި މަޖިލިސް މެންބަރުންނާ ގުޅޭ މައްސަލައެއް ސުޕްރީމް ކޯޓުން ބަލަމުން ދަނިކޮށް ބެންޗް ބަދަލުކުރުން ވާނީ ސީދާ ނުފޫޒު ފޯރުވުމަށެވެ.
މުއުތަސިމާއި ސުއޫދު ސުޕްރީމް ކޯޓަށް އައްޔަންކޮށްފި
ފަނޑިޔާރު ސުއޫދު އިސްތިއުފާ ދެއްވައިފި
މައްސަލަތައް ބެލުމުގައި އެއްވެސް ނުފޫޒެއް ނެތް: އޭސީސީ
ބެންޗް ކުޑަކުރުން ގާނޫނުއަސާސީއާ ހިލާފު:ބާ ކައުންސިލް
ސުޕްރީމް ކޯޓުގެ ބެންޗު ބަދަލުކުރާ ބިލް ބަލައިގެންފި
ފަނޑިޔާރުން ތިބީ ސިޔާސީ އޮއިވަރުގައި ޖެހިފައި: ނާޒިމް
"ބެންޗު ބަދަލުކުރުމަކީ ނުފޫޒުފޯރުވުމުގެ އަމަލެއް"
ޖުޑިޝަރީ ގަޑުބަޑުކުރުމުގެ ތާރީހެއްއޮތީ އެމްޑީޕީގަ:ޝުުޖާއު
"ބެންޗު ބަދަލުކުރުމަކީ މުޅި ޖުޑިޝަރީއަށްދޭ ހަމަލައެއް"
ސުޕްރީމް ކޯޓުގެ ފަނޑިޔާރުން 5 އަށް މަދުކުރަން ބިލެއް