Roadha Mihaaru
މަޑު ޖެހުމަކަށްފަހު އަނެއްކާ ވެސް ޓޫރިސްޓުން އިތުރުވަނީ

މަޑުޖެހުމަކަށް ފަހު، ޓޫރިސްޓުންގެ އަދަދު އިތުރުވާން ފަށައިފި

24 ޖުލައި 2024

ރާއްޖެ އަށް އަންނަ ޓޫރިސްޓުންގެ އަދަދު މިދިޔަ ދެ މަހު ދަށަށް ދިޔަ ނަމަވެސް މިހާރު އެ އަދަދު މައްޗަށް ދާން ފަށައިފި އެވެ.

ފާތިމަތު ޝަނާ މުހައްމަދު ފާތިމަތު ޝަނާ މުހައްމަދު

ރާއްޖެ އަށް އަންނަ ޓޫރިސްޓުންގެ އަދަދު މިދިޔަ ދެ މަހު ދަށަށް ދިޔަ ނަމަވެސް މިހާރު އެ އަދަދު މައްޗަށް ދާން ފަށައިފި އެވެ.

ޓޫރިޒަމް މިނިސްޓްރީގެ ތަފާސހިސާބުތައް ދައްކާ ގޮތުން މި މަހުގެ މިހާތަނަށް ވަނީ 109،000 ޓޫރިސްޓުން އައިސްފަ އެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތަށް ބަލާއިރު 13 ޕަސެންޓުގެ އިތުރުވުމެކެވެ. މިދިޔަ ޖޫން މަހު 123،000 ޓޫރިސްޓުން އައި އިރު އެއީ މިދިޔަ އަހަރުގެ ޖޫން މަހަށް ވުރެ 2.4 ޕަސެންޓުގެ އިތުރުވުމެކެވެ. ނަމަވެސް މިދިޔަ އަހަރުގެ މެއި މަހަށް ވުރެ މި އަހަރުގެ މެއި މަހު އައި ޓޫރިސްޓުންގެ އަދަދު 0.9 ޕަސެންޓަށް ދަށެވެ.

މި އަހަރުގެ ފުރަތަމަ ތިން މަހު އައި ޓޫރިސްޓުންގެ އަދަދު ވަނީ މިދިޔަ އަހަރުގެ ފުރަތަމަ ތިން މަހަށް ވުރެ 15 ޕަސެންޓުގެ ކުރިއެރުމެއް ހޯދައިފަ އެވެ.

މި އަހަރުގެ މިހާތަނަށް އެންމެ ގިނަ ޓޫރިސްޓުން އައީ ފެބްރުއަރީ މަހު އެވެ. އެ މަހު ވަނީ 217،000 ޓޫރިސްޓުން އައިސްފަ އެވެ.

މި ސަރުކާރުގެ އަމާޒަކީ މި އަހަރު ދެ މިލިއަން ޓޫރިސްޓުން ރާއްޖެ ގެނައުމެވެ. އެ އަދަދު ހާސިލުވާނީ ކުރިއަށް އޮތް ފަސް މަހު އެވްރެޖުކޮށް 170،000 އަށް ވުރެ ގިނަ ޓޫރިސްޓުން ރާއްޖެ އަށް ޒިޔާރަތް ކޮށްގެންނެވެ.

މި އަހަރުގެ މިހާތަނަށް ރާއްޖެ އައީ 1.1 މިލިއަން ޓޫރިސްޓުންނެވެ. މިދިޔަ އަހަރުގެ މި މުއްދަތުގައި ރާއްޖެ އަށް އައީ އެއް މިލިއަން ޓޫރިސްޓުންނެވެ. އެހެންވެ، މި އަހަރު އައި ޓޫރިސްޓުން ވަނީ 9.6 ޕަސެންޓަށް އިތުރު ވެފަ އެވެ.

އެންމެ ގިނަ ޓޫރިސްޓުން އައިސްފައިވަނީ ޗައިނާ އިންނެވެ. އެ ގައުމުން މި އަހަރުގެ މިހާތަނަށް ވަނީ 144،000 ޓޫރިސްޓުން އައިސްފަ އެވެ. ދެ ވަނަ އަށް އެންމެ ގިނަ ޓޫރިސްޓުން އައިސްފައިވަނީ ރަޝިއާއިންނެވެ. އެއީ 119،000 ޓޫރިސްޓުންނެވެ. އަދި ތިންވަނައިގައި އޮތް އިނގިރޭސި ވިލާތުން 100،000 ޓޫރިސްޓުން ވަނީ އައިސްފަ އެވެ.