Roadha Mihaaru
ސީޒަން ހުޅުވާ މެޗުގެ ކުރިން ޔުނައިޓެޑް ބަލި އެނދަށް

ސީޒަން ހުޅުވާ މެޗުގެ ކުރިން ޔުނައިޓެޑަށް އަނިޔާގެ މައްސަލަތަކެއް

09 އޯގަސްޓް 2024

ލަންޑަން (އޮގަސްޓް 9) އިނގިރޭސި ފުޓްބޯޅައިގެ އާ ސީޒަން ފެށުމުގެ ގޮތުން ކުޅޭ އެފްއޭ ކޮމިއުނިޓީ ޝީލްޑް މެޗުގެ ކުރިން، މެންޗެސްޓާ ޔުނައިޓެޑަށް އަނިޔާގެ ގިނަ މައްސަލަތަކެއް ކުރިމަތިވެއްޖެ އެވެ.

ލަންޑަން (އޮގަސްޓް 9) އިނގިރޭސި ފުޓްބޯޅައިގެ އާ ސީޒަން ފެށުމުގެ ގޮތުން ކުޅޭ އެފްއޭ ކޮމިއުނިޓީ ޝީލްޑް މެޗުގެ ކުރިން، މެންޗެސްޓާ ޔުނައިޓެޑަށް އަނިޔާގެ ގިނަ މައްސަލަތަކެއް ކުރިމަތިވެއްޖެ އެވެ.

މާދަމާ ރޭ ރާއްޖެ ގަޑިން 7 ޖަހާއިރު ޔުނައިޓެޑް ނުކުންނާނީ ލީގު ޗެމްޕިއަން މެންޗެސްޓާ ސިޓީއާ ދެކޮޅަށެވެ. ޔުނައިޓެޑުން މިއަހަރުގެ އެފްއޭ ކަޕް ފައިނަލް ކާމިޔާބު ކޮށްފައި ވަނީ ސިޓީ ބަލިކޮށްގެންނެވެ.

"ކޮންމެ ކުޅުންތެރިއަކު ވަކިވަކިން ބަލާނަން ގޮތެއް ނިންމުމުގެ ކުރިން. އެއަށް ފަހު ނިންމާނީ އެ ކުޅުންތެރިއަކު މެޗުގައި ފުރަތަމަ 11 އިން ފަށާނެތޯ ނޫނީ ބެންޗުންތޯ އަރާނީ ނޫނީ ނުކުޅޭނެތޯ ވެސް،" ޓެން ހާގް ބުންޏެވެ.

"އަހަރެމެން އަބަދުވެސް މޮޅުވާން ބޭނުމީ. ރަހުމަތްތެރިކަމުގެ މެޗެއް ވިޔަސް ހެޔޮ. މުހިއްމީ ލިބޭ ޓްރޮފީ. އަހަރެމެން ނެރޭނަން ތަށި ކާމިޔާބު ކުރެވޭ ވަރުގެ ވާދަވެރި ޓީމެއް. އެކަމަކު މިއީ ޕްރީ ސީޒަން ތެރެ ވެފައި މާ ބޮޑު ރިސްކެއް ނެގޭކަށް ވެސް ނެތް."

ޝީލްޑް މެޗަށް ޔުނައިޓެޑް ނުކުންނާނީ، ޑިފެންޑަރު ހެރީ މެގުއާ އާއި ވިކްޓާ ލިންޑެލޯފް އަދި ލޫކް ޝޯ އާއި އާރޮން ވެން ބިސާކާ ނުލައެވެ.

ނަމަވެސް އާޖެންޓީނާއާ އެކު ކޮޕާ އެމެރިކާ ކާމިޔާބު ކުރުމަށް ފަހު، ސެންޓަ ބެކް ލިސަންޑްރޯ މާޓިނޭޒް މިދިޔަ ހަފްތާ ޓީމާ ގުޅިފައި ވުމަކީ ލިބޭނެ ހިތްހަމަޖެހުމެކެވެ.

މީގެ އިތުރުން އުރުގުއޭ އާއެކު ކޮޕާ އެމެރިކާގެ ތިންވަނަ ހޯދި ފަކުންޑޯ ޕެލިސްޓްރީ އާއި އިންގްލެންޑާ އެކު ޔޫރޯ ފައިނަލް ކުޅުނު ކޮބީ މެއިނޫ ވެސް ވަނީ މިދިޔަ ހަފްތާ ޓީމުގެ ފަރިތަކުރުންތަކުގައި ބައިވެރިވާން ފަށައިފަ އެވެ.

ޔުނައިޓެޑުން މި ޓްރާންސްފާ ބާޒާރުގައި ބޮޑު އަގުގައި ގެނައި ޑިފެންޑަރު ލެނީ ޔޯރޯ ވަނީ، ޕްރީސީޒަން މެޗެއްގައި ލިބުނު އަނިޔާއަކާ ގުޅިގެން މިދިޔަ ހަފްތާ ފައިގެ ސާޖަރީއެއް ކޮށްފަ އެވެ. މިއާ އެކު އޭނާއަށް ވަނީ ތިން މަސް ދުވަހަށް ކުޅުމާ ދުރުގައި ހުންނަން ޖެހިފަ އެވެ.

ޔުނައިޓެޑުން ވަނީ މިހާތަނަށް ރެކޯޑް 21 ފަހަރު ކޮމިއިނިޓީ ޝީލްޑް ކާމިޔާބު ކޮށްފަ އެވެ. ސިޓީ އަށް އަދި ޝީލްޑް ކާމިޔާބު ކުރެވިފައި ވަނީ ހަ ފަހަރު އެވެ.