Roadha Mihaaru
ރާއްޖެ-ލަންކާ ގުޅިގެން ޓޫރިޒަމް ކުރިއެރުވޭނެ: މަސްއޫދު

ރާއްޖެ އާއި ލަންކާ ގުޅިގެން ޓޫރިޒަމް ކުރިއެރުވޭނެ: ހައި ކޮމިޝަނަރު

09 އޯގަސްޓް 2024

ރާއްޖެ އާއި ސްރީ ލަންކާގެ ޓޫރިޒަމް ކުރިއަރުވަން ދެ ގައުމު ގުޅިގެން ގިނަ މަސައްކަތް ކުރަންޖެހޭ ކަމަށް ސްރީ ލަންކާގައި ހުންނަވާ ރާއްޖޭގެ ސަފީރު މަސްއޫދު އިމާދު ވިދާޅުވެއްޖެ އެވެ.

މޫސާ ރަޝީދު މޫސާ ރަޝީދު

ރާއްޖެ އާއި ސްރީ ލަންކާގެ ޓޫރިޒަމް ކުރިއަރުވަން ދެ ގައުމު ގުޅިގެން ގިނަ މަސައްކަތް ކުރަންޖެހޭ ކަމަށް ސްރީ ލަންކާގައި ހުންނަވާ ރާއްޖޭގެ ސަފީރު މަސްއޫދު އިމާދު ވިދާޅުވެއްޖެ އެވެ.

އޭނާ މިހެން ވިދާޅުވީ ސްރީ ލަންކާ-މޯލްޑިވްސް ބިޒްނަސް ކައުންސިލްގެ 16 ވަނަ އަހަރީ އާންމު ޖަލްސާގައި އިއްޔެ ވާހަކަ ދައްކަވަމުންނެވެ.

މަސްއޫދު ވިދާޅުވީ، ރާއްޖެ އާއި ލަންކާއާ ދެމެދު އޮތް ތާރީހީ ގުޅުމަކީ ދެ ގައުމު ދެމެދު އިގްތިސާދީ ގޮތުން ގުޅުން އިތުރަށް ވަރުގަދަ ކުރުމަށް އެޅިފައިވާ ބިންގަލެއް ކަމަށެވެ.

ލަންކާގެ އުފެއްދުންތަކާއި ޓޫރިޒަމާއި ޓެކްސްޓައިލް ވިޔަފާރި އާއި ކޮންސްޓްރަކްޝަން ފަދަ ދާއިރާތަކުގައި ދިވެހިންގެ މާކެޓު ވަރަށް ބޮޑަށް ފުޅާވަމުން އަންނަ ކަމަށާއި އޭގެ ބޭނުން އެންމެ ފުރިހަމަ ގޮތުގައި ހިފުމަށް އިތުރަށް މާކެޓުތައް ދިރާސާކޮށް، ލޮޖިސްޓިކްސް ފަސޭހަ ކުރަން މަސައްކަތް ކުރަން ޖެހޭ ކަމަށް މަސްއޫދު ވިދާޅުވި އެވެ.

ޓޫރިޒަމްގެ ދާއިރާއާ ގުޅޭ ގޮތުން ސަފީރު ހުށަހެޅުއްވީ ދެ ގައުމުގެ ގުޅިގެން މާކެޓިން ކެމްޕެއިންތައް ކުރުމާއި ދަތުރުކުރުމުގެ ޕެކޭޖު ހެދުމާއި ދެ ގައުމުގެ ސަގާފީ ކަންކަން އެއް ގައުމު އަނެއް ގައުމާ ހިއްސާ ކުރުމެވެ.

އެކަން ހާސިލް ކުރުމަށްޓަކައި ގަވާއިދުން ބިޒްނަސް ފޯރަމްތައް ބާއްވައި ގުޅިގެން ރިސާޗް މަސައްކަތްތައް ކުރަން ޖެހޭ ކަމަށް މަސްއޫދު ވިދާޅުވި އެވެ.

ލަންކާގެ ޗެމްބާ އޮފް ކޮމާސްގެ ބެލުމުގެ ދަށުން ކުރިޔަށް ގެންދާ ލަންކާ މޯލްޑިވްސް ބިޒްނަސް ކައުންސިލް ފަށާފައި ވަނީ 2007 ވަނަ އަހަރެވެ. އެ ކައުންސިލްގެ ބޭނުމަކީ ދެ ގައުމުގެ ދެމެދު ވިޔަފާރި އާއި އިންވެސްޓަމަންޓުތަކާއި ފަތުރުވެރިކަމާއި ޖޮއިންޓް ވެންޗާތައް ކުރިއެރުވުމެވެ.