Roadha Mihaaru

ކާރިސާއިން އަރައިގަންނަން ލަންކާ އަށް 6.5 މިލިއަން ޑޮލަރު، އެންމެ ބޮޑު އެހީއެއް ރާއްޖެއިން

ސްރީ ލަންކާ އަށް މިދިޔަ ހަފުތާގައި ކުރި ވިއްސާރައިގެ ފެންބޮޑުވެ، ލިބުނު ގެއްލުންތަކުން އަރައިގަތުމަށް ބޭރުގެ އެހީގެ ގޮތުގައި 6.5 މިލިއަން ޑޮލަރު ލިބިފައިވާ ކަމަށާއި އޭގެ ތެރެއިން އެންމެ ބޮޑު އެހީއެއް ދީފައިވަނީ ރާއްޖެ އިން ކަމަށް އެ ގައުމުގެ ނޫސްތަކުގައި ރިޕޯޓުކޮށްފި އެވެ.

ލަންކާއަށް އެންމެ ބޮޑު އެހީއެއް ދިނީ ރާއްޖެ އިން
އާސިމާ ނިޒާރު
އާސިމާ ނިޒާރު

06 ޑިސެމްބަރ 2025

ސްރީ ލަންކާ އަށް މިދިޔަ ހަފުތާގައި ކުރި ވިއްސާރައިގެ ފެންބޮޑުވެ، ލިބުނު ގެއްލުންތަކުން އަރައިގަތުމަށް ބޭރުގެ އެހީގެ ގޮތުގައި 6.5 މިލިއަން ޑޮލަރު ލިބިފައިވާ ކަމަށާއި އޭގެ ތެރެއިން އެންމެ ބޮޑު އެހީއެއް ދީފައިވަނީ ރާއްޖެ އިން ކަމަށް އެ ގައުމުގެ ނޫސްތަކުގައި ރިޕޯޓުކޮށްފި އެވެ.

ތޫފާން ދީތުވާގައި 600 އަށް ވުރެ ގިނަ މީހުން މަރުވެ އަދި 200 އާ ގާތްކުރާ އަދަދަކަށް މީހުން ގެއްލުމުގެ އިތުރުން އެތައް ލައްކަ ބަޔަކު ވަނީ ހާލުގައި ޖެހިފަ އެވެ. އެއީ 2004 ގެ ސުނާމީގެ ފަހުން އެ ގައުމަށް ކުރިމަތިވި އެންމެ ގެއްލުން ބޮޑު ކާރިސާ އެވެ.

ލަންކާގެ ރައްޔިތުންނަށް އެހީވާން ދިވެހި ސަރުކާރުން ވަނީ 50،000 ޑޮލަރާއި 25،000 މަސްދަޅު ކޭސް (1.2 މިލިއަން މަސްދަޅު) އެ ގައުމުގެ ސަރުކާރާ އިއްޔެ ހަވާލުކޮށްފަ އެވެ. އޭގެ އިތުރުން ޕީއެސްއެމުން އިސްވެ ރާއްޖޭގެ ގިނަ މީޑިއާތަކާ ގުޅިގެން ބޭއްވި ޓެލެތޯނަށް ލިބުނު 800،352 ޑޮލަރު (12.3 މިލިއަން ރުފިޔާ) އާއެކު، ޖުމްލަ 850،352 ޑޮލަރު ވެސް ލަންކާ ސަރުކާރާ ހަވާލުކުރި އެވެ.

އޭގެ ފަހުން ރާއްޖޭގެ ބައެއް ވިޔަފާރިވެރިން ވެސް ވަނީ ލަންކާ އަށް މާލީ އެހީ ދީފަ އެވެ. އޭގެ ތެރޭގައި ސަން ކުންފުންޏާއި ވިލާ ގްރޫޕުްގެ އިތުރުން މެދުފަންތީގެ ބައެއް ވިޔަފާރިވެރިން ވެސް ހިމެނެ އެވެ.

ލަންކާގެ ބައެއް ނޫސްތަކުގައި މިއަދު ރިޕޯޓުކުރި ގޮތުގައި ތޫފާނުގެ ސަބަބުން ލިބުނު ގެއްލުންތަކުން އަރައިގަތުމަށް ބޭރު ގައުމުތަކާއި އެޖެންސީތަކުން މިހާތަނަށް 6.5 މިލިއަން ޑޮލަރު ލިބިފައިވެ އެވެ. އޭގެ ތެރެއިން އެއް ގައުމަކުން އެންމެ ބޮޑު އެހީއެއް ދިނީ ރާއްޖެ އިން ކަމަށް ނޫސްތަކުގައި ވެ އެވެ. އެއީ ދިވެހި ސަރުކާރާއި ޓެލެތޯން އަދި އަމިއްލަ މީހުން ހަދިޔާކުރި ފައިސާއާ އެކު ޖުމްލަ 2.4 މިލިއަން ޑޮލަރު (37 މިލިއަން ރުފިޔާ) އެވެ.

އެމެރިކާއިން ވެސް ވަނީ ލަންކާ އާރާސްތުކުރުމަށް އެ ސަރުކާރުން ކުރާ މަސައްކަތަށް އެއްބާރުލުން ދިނުމަށް ދެ މިލިއަން ޑޮލަރު ދޭނެ ކަމަށް ބުނެފަ އެވެ.

ނޫސްތަކުން ރިޕޯޓުކުރިގޮތުގައި ޗައިނާ އިން 1.1 މިލިއަން ޑޮލަރުގެ އެހީއެއް ދީފައިވެ އެވެ. އޭގެ ތެރޭގައި ހިމެނެނީ ޗައިނާ ސަރުކާރާއި ރެޑް ކްރޮސް މެދުވެރިކޮށް ލަންކާ ރެޑް ކްރޮސްއަށް ދިން 100،000 ޑޮލަރާއި ޗައިނާގެ ވިޔަފާރިވެރިން އެއްކުރި 32،500 ޑޮލަރުގެ އިތުރުން އިތުރު އިމަޖެންސީ އެހީގެ ގޮތުގައި ދިން އެއް މިލިއަން ޑޮލަރު ކަމަށެވެ.

އިނގިރޭސި ވިލާތުން 675،000 ޔޫރޯ އަދި އޮސްޓްރޭލިއާ އިން ވެސް އެއް މިލިއަން ޑޮލަރުގެ އެހީ ދީފައިވެ އެވެ.

ލަންކާގެ ސަރުކާރުން ވަނީ ތޫފާނުގައި ލިބުނު ގެއްލުންތަކުން އަރައިގަތުމަށް ހަތް ބިލިއަން ޑޮލަރު ބޭނުންވާނެ ކަމަށް ބުނެފަ އެވެ.