Roadha Mihaaru
ހަންޏާމީދޫގެ ގެއެއްގައި ރޯވެ، އަނދައި އަޅިއަށް

ހަންޏާމީދޫގެ ގެއެއްގައި ރޯވެ، އަނދައި އަޅިއަށް

10 އޯގަސްޓް 2024

އދ. ހަންޏާމީދޫގެ ގެއެއްގައި ރޭ އަލިފާން ރޯވެ، އެއްކޮށް އަނދައި ބިމާހަމަވެެއްޖެ އެވެ.

އދ. ހަންޏާމީދޫގެ ގެއެއްގައި ރޭ އަލިފާން ރޯވެ، އެއްކޮށް އަނދައި ބިމާހަމަވެެއްޖެ އެވެ.

އެ ގޭގައި ދިރިއުޅެމުން އަންނަނީ އުމުރުން 38 އަހަރުގެ ފިރިހެނަކު ކަމަށާއި އަލިފާން ރޯވި ވަގުތު އޭނާ ގޭގައި ނޫޅޭ ކަމަށް ހަންޏާމީދޫ ކައުންސިލް އިދާރާގެ މުވައްޒަފަކު ބުންޏެވެ.

ކައުންސިލްގެ މުވައްޒަފު "މިހާރު" އަށް ބުނީ އެ ގޭގައި ރޯވެފައި ހުއްޓާ ފެނުނީ ރޭ ނުވައެއް ޖަހާކަންހާއިރު އެވެ. އަލިފާންގަނޑު އެއްކޮށް ނިންވާލެވުނީ ދެ ގަޑިއެއްހާއިރު ފަހުންނެވެ.

އެ ރަށުގެ ގިނަ މީހުން ލަފާކުރަނީ އެ ހާދިސާ ހިނގީ ކަރަންޓު ޝޯޓެއްގެ ސަބަބުން ކަމަށެވެ

ހަންޏާމީދޫގެ ގެއެއްގައި އަލިފާން ރޯވެ އަނދަނީ.،-- ފޮޓޯ: އެންޑީއެމްއޭ

ހަންޏާމީދޫގެ ގެއެއްގައި އަލިފާން ރޯވެ އަނދަނީ.،-- ފޮޓޯ: އެންޑީއެމްއޭ

"އަޅުގަނޑުމެން ބެލީ އަލިފާންގަނޑު އެހެން ގެއަކަށް ފެތުރުނަ ނުދީ ކޮންޓްރޯލް ކުރަން. އެހެން ގެ އަކަށް ގެއްލުމެއް ނުލިބޭ. އެކަމަކު އެ ގެ އެއްކޮށް އަނދާ ހުލިވެފައި ހުރީ އަލިފާން ނިއްވާލެވުނުއިރު،" ކައުންސިލްގެ މުވައްޒަފު ބުންޏެވެ.

އަލިފާން ނިއްވީ ރަށު ރައްޔިތުންގެ ޕަމްޕުތަކުންކަން ފާހަގަކޮށް، އޭނާ ކަންބޮޑުވުން ފާޅުކުރީ އަލިފާން ނިއްވުމުގެ ތަމްރީނު ހަދާފައިވާ މީހުން ހަންޏާމީދޫގައި ތިއްބަސް އެކަމަށް ބޭނުންވާ އެއްވެސް އާލާތެއް ރަށުގައި ނެތުމުންނެވެ.

ނެޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން ކޮށްފައިވާ ޕޯސްޓެއްގައި ބުނީ، ހަންޏާމީދޫގައި ރޭ އަލިފާނުގެ ހާދިސާއެއް ހިނގައި ދިރިނޫޅެވޭ ވަރަށް އެ ތަނަށް ގެއްލުން ލިބިފައިވާ ކަމަށެވެ.

ހަންޏާމީދޫގެ ގެއެއްގައި އަލިފާން ރޯވެ، އެއްކޮށް އަނދާ ހުލިވެ، ބިމާހަމަވެފައި.،-- ފޮޓޯ: އެންޑީއެމްއޭ

ހަންޏާމީދޫގެ ގެއެއްގައި އަލިފާން ރޯވެ، އެއްކޮށް އަނދާ ހުލިވެ، ބިމާހަމަވެފައި.،-- ފޮޓޯ: އެންޑީއެމްއޭ

ހާލުގައި ޖެހުނު މީހާ އަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ މަސައްކަތް ކައުންސިލާ ގުޅިގެން އެ އޮތޯރިޓީން ކުރަމުން އަންނަ ކަމަށް ވެސް ބުންޏެވެ.

އެކަމަކު، ކައުންސިލްގެ މުވައްޒަފު ބުނީ، އެ މީހާ އަށް ބޭނުންވާ ބޯހިޔާ ވަހިކަން ފޯރުކޮށްދޭން އެދުމުން އެކަން އޭނާ ބޭނުން ނުވި ކަމަށެވެ.

"އެއީ އެ ގެ ބަހާފައި އޭނައަށް ލިބިފައި ހުރި ބައި، ވަރަ ދުވަސްވެފައި ހުރި ގެ އެއް އެއީ. ހަމައެކަނި ނިދާނީ އެ ގޭގައި، ކައްކައި ކައި ނުހަދާނެ. ކާން ދާނީ އޭނަގެ ދައްތައެއްގެ ގެ އަށް. އަޅުގަނޑުމެން އެހީތެރިކަން ފޯރުކޮށްދޭން އެދުނިން. ބުނީ އެ ބަޔާ ޖެހިގެން ހުރި ބައިގައި އުޅެން އާއިލާ އެހެން ބޭފުޅުން ދީފި ކަމަށް، އެހެންވެ ބޭނުން ނުވާ ކަމަށް،" އޭނާ ބުންޏެވެ.

ހަންޏާމީދޫގެ ގެއެއްގައި އަލިފާން ރޯވެ، އެއްކޮށް އަނދާ ހުލިވެ، ބިމާހަމަވެފައި.،-- ފޮޓޯ: އެންޑީއެމްއޭ

ހަންޏާމީދޫގެ ގެއެއްގައި އަލިފާން ރޯވެ، އެއްކޮށް އަނދާ ހުލިވެ، ބިމާހަމަވެފައި.،-- ފޮޓޯ: އެންޑީއެމްއޭ

ނަމަވެސް އެހީތެރިކަމެއް ބޭނުންވެއްޖެ ނަމަ ކައުންސިލުން އެކަން ކޮށްދޭނެ ކަމަށް އެ މުވައްޒަފު ބުންޏެވެ. ލިބުނު ގެއްލުމުގެ ބަދަލު އެނގޭނީ ހުރިހާ ކަމެއް ބަލައި ނިމުމުން ކަމަށް ވެސް ބުންޏެވެ.