Roadha Mihaaru
މަންމަ އަކީ އަދިވެސް ބޮޑުވަޒީރު: ހަސީނާގެ ދަރިކަލުން

މަންމަ އިސްތިއުފާއެއް ނުދެއްވާ، ގާނޫނީ ގޮތުން އަދިވެސް އެއީ ބޮޑުވަޒީރު: ހަސީނާގެ ދަރިކަލުން

11 އޯގަސްޓް 2024

ޝައިޚް ހަސީނާ ބަންގްލާދޭޝްގެ ބޮޑުވަޒީރުކަމުން އިސްތިއުފާ ނުދެއްވާ ކަމަށާއި ގާނޫނުއަސާސީއަށް ބަލާ ނަމަ އަދިވެސް އެއީ ބޮޑުވަޒީރު ކަމަށް އޭނާގެ ދަރިކަލުން ސަޖީބް ވާޒިދު ވިދާޅުވެއްޖެ އެވެ.

ޝައިޚް ހަސީނާ ބަންގްލާދޭޝްގެ ބޮޑުވަޒީރުކަމުން އިސްތިއުފާ ނުދެއްވާ ކަމަށާއި ގާނޫނުއަސާސީއަށް ބަލާ ނަމަ އަދިވެސް އެއީ ބޮޑުވަޒީރު ކަމަށް އޭނާގެ ދަރިކަލުން ސަޖީބް ވާޒިދު ވިދާޅުވެއްޖެ އެވެ.

ހަސީނާގެ އެޑްވައިޒަރެއްގެ ގޮތުގައި ވެސް މަސައްކަތްކުރައްވާ ސަޖީބް ރޮއިޓާސް އަށް ވިދާޅުވީ، 15 އަހަރު ވެރިކަން ކުރެއްވި މަންމާފުޅު އިސްތިއުފާ ދެއްވަން ނިންމަވައި އެކަން އިއުލާނުކުރެއްވުމަށް ތައްޔާރުވެ ވަޑައިގެންނެވި ކަމަށެވެ. އެމެރިކާގައި އުޅުއްވާ ސަޖީބް ވިދާޅުވި ގޮތުގައި ރަސްމީކޮށް އިސްތިއުފާ އިއުލާނުކުރުމުގެ ކުރިން މުޒާހަރާގެ ބައިވެރިން ގެޔާ ދިމާލަށް މިސްރާބުޖެހުމާ އެކު އަވަހަށް ރައްކާތެރިކަން ހޯދަންޖެހުނީ އެވެ.

"މަންމަ އިސްތިއުފާއެއް ނުދެއްވާ. މަންމައަށް އެކަމަށް ވަގުތެއް ނުލިބުނު،" ސަޖީބް ވިދާޅުވި އެވެ.

ދަރިވަރުންގެ އިސްވެ ކުރި މުޒާހަރާގެ ބައިވެރިން ހަސީނާގެ ރަސްމީ ގެކޮޅަށް މިސްރާބުޖެހުމާ އެކު ހެލިކޮޕްޓަރެއްގައި އިންޑިއާ އަށް ވަޑައިގެން މިހާރު ހުންނެވީ ވެރިރަށް ނިއު ދިއްލީގަ އެވެ. ހަސީނާ އިސްތިއުފާ ދެއްވި ކަމަށް އިއުލާނުކުރީ އަސްކަރިއްޔާގެ ވެރިޔާ އެވެ.

"މަންމަ ނިންމަވައިގެން ހުންނެވީ ބަޔާނެއް ދެއްވުމަށް ފަހު ރަސްމީކޮށް އިސްތިއުފާ ދެއްވުމަށް. އެކަމަކު ބޮޑުވަޒީރުގެ ރަސްމީ ގެކޮޅާ ދިމާލަށް މުޒާހަރާގެ ބައިވެރިން އަންނަން ފެށީ. މަންމައަށް އެއްވެސް ވަގުތެއް ނުލިބުނު. މަންމަގެ ތަކެތި ވެސް ގެންދަން ވަގުތެއް ނުވި. ގާނޫނުއަސާސީއަށް ބަލާ ނަމަ މަންމަ އަކީ އަދިވެސް ބަންގްލާދޭޝްގެ ބޮޑުވަޒީރު."

ސަޖީބް ވިދާޅުވި ގޮތުގައި ރައީސް، ގާނޫނު ހަދާ މަޖިލިސް އުވާލެއްވީ އަސްކަރިއްޔާ އާއި އިދިކޮޅު ޕާޓީތަކާ މަޝްވަރާކުރެއްވުމަށް ފަހުގަ އެވެ. އަދި އޭނާ ވިދާޅުވި ގޮތުގައި ބޮޑުވަޒީރު އިސްތިއުފާ ނުދެއްވަނީސް ވަގުތީ ސަރުކާރެއް އެކުލަވައިލުމަކީ ކޯޓަށް ހުށަހެޅިދާނެ މައްސަލައެކެވެ.

ވަގުތީ ސަރުކާރުގެ ބެލުމުގެ ދަށުން 90 ދުވަސް ތެރޭ އާ އިންތިހާބެއް ބާއްވަން ޖެހޭއިރު ސަޖީބު ވިދާޅުވީ އޭނާގެ މަންމަގެ އަވާމީ ލީގު ޕާޓީން އެ އިންތިހާބުގައި ވާދަކުރާނެ އެވެ.

"އަވާމީ ލީގަށް އިންތިހާބު ކާމިޔާބުވާނެ. އަޅުގަނޑުމެން އިދިކޮޅު ޕާޓީއަކަށް ނުވާނެ،" ޔަގީންކަމާ އެކު އޭނާ ވިދާޅުވި އެވެ.

ހައްޔަރުކޮށްފާނެ ކަމަށް މަންމަ ބިރުން މަންމަ އެއްވެސް އިރަކު ނޫޅުއްވާ ކަމަށާއި މަންމަ ކުރި ކުށެއް ނޯންނާނެ ކަމަށް ވެސް ސަޖީބް ވިދާޅުވި އެވެ.

"ސަރުކާރުގެ ތެރޭގައި ތިބި ބަޔަކު ގާނޫނާ ހިލާފް ކަމެއް ކުރުމުގެ މާނަ އަކީ މަންމަ އެކަމަށް ޒިންމާވާން ޖެހުމެއް ނޫން،" ގާނޫނާ ހިލާފް ކަންކަން ކުރި ބައެއްގެ ވާހަކަ ނުގެނެސް ސަޖީބް ވިދާޅުވި އެވެ.

އެކި މީޑިއާތަކަށް ސަޖީބް ވިދާޅުވެފައިވާ ގޮތުގައި އިންތިހާބަށް އިއުލާނުކުރުމާ އެކު މަންމަ އަލުން ބަންގްލާދޭޝް އަށް ވަޑައިގަންނަވާނެ އެވެ.