Roadha Mihaaru
ބަންގްލާދޭޝަށް އައީ ދަރިވަރުންގެ އިންގިލާބެއް: ޔޫނުސް

ބަންގްލާދޭޝް މި ދެކެނީ ދަރިވަރުންގެ އިންގިލާބެއް: ޔޫނުސް

13 އޯގަސްޓް 2024

ޝައިޚް ހަސީނާގެ ވެރިކަން ވައްޓާލުމަށް ފަހު ބަންގްލާދޭޝް މިހާރު ދެކެމުން މި ދަނީ ދަރިވަރުންގެ އިންގިލާބީ ބަދަލެއް ކަމަށް ވަގުތީ ސަރުކާރުގެ ލީޑަރު މުހައްމަދު ޔޫނުސް އިއްޔެ ވިދާޅުވެއްޖެ އެވެ.

ޝައިޚް ހަސީނާގެ ވެރިކަން ވައްޓާލުމަށް ފަހު ބަންގްލާދޭޝް މިހާރު ދެކެމުން މި ދަނީ ދަރިވަރުންގެ އިންގިލާބީ ބަދަލެއް ކަމަށް ވަގުތީ ސަރުކާރުގެ ލީޑަރު މުހައްމަދު ޔޫނުސް އިއްޔެ ވިދާޅުވެއްޖެ އެވެ.

"މިއީ އިންގިލާބެއް. ދަރިވަރުން ގެނައި އިންގިލާބެއް،" ނޯބެލްގެ އިނާމު ލިބިވަޑައިގެންފައިވާ ޔޫނުސް، ނޫސްވެރިންގެ ބައްދަލުވުމެއްގައި ވިދާޅުވި އެވެ.

"އެކަމުގައި އެއްވެސް ޝައްކެއް ނެތް. އެއީ އެކަމުގެ ސަބަބުން މުޅި ސަރުކާރު ހުއްޓުމަކަށް ގެނައީތީ."

ވަޒީފާއާ ބެހޭ ގާނޫނާ ހިލާފުވި ކަމަށް ނިންމައި، ހަސީނާގެ ވެރިކަމުގައި ހަ މަސް ދުވަހުގެ ޖަލު ހުކުމެއް އިއްވުމާ އެކު ޔޫރަޕަށް ވަޑައިގެން އުޅުއްވުމަށް ފަހު، އުމުރުން 84 އަހަރުގެ ޔޫނުސް އެނބުރި ވަޑައިގަތީ ހަސީނާގެ ވެރިކަން ވައްޓާލުމަށް ކުރި މުޒާހަރާތަކުގެ ދަރިވަރުންގެ ލީޑަރުން، ވަގުތީ ސަރުކާރު ހިންގައިދިނުމަށް ޔޫނުސްގެ ކިބައިން އެދުމުންނެވެ.

"އަޅުގަނޑު ދެންނެވިން ދަރިވަރުންނަށް އިހްތިރާމް ކުރަން ކަމަށް. ދަރިވަރުން މަސައްކަތްކުރި ގޮތް ޝައުގުވެރިއޭ، ތިޔައީ ވަރަށް އާދަޔާ ހިލާފް ކަމެކޭ،" އޭނާ ވިދާޅުވި އެވެ.

"ސަބަބަކީ ދަރިވަރުން އަޅުގަނޑަށް މި އަންގަނީ ވަކި ކަމެއް ކޮށްދިނުމަށް. އެ އަމުރަށް އަޅުގަނޑު ތަބާވާން ޖެހުނީ."

މީގެ ހަފުތާއެއް ކުރިން ހަސީނާ ކުއްލި ގޮތަކަށް އިސްތިއުފާ ދެއްވައި އަވަށްޓެރި އިންޑިއާއަށް ފުރާވަޑައިގަތް އިރު ހަސީނާގެ ސަރުކާރުގެ އިސް ބައެއް ބޭފުޅުން ގެންދަވަނީ މަގާމުތަކުން އިސްތިއުފާ ދެއްވަމުންނެވެ. އޭގެ ތެރޭގައި އުއްތަމަ ފަނޑިޔާރާއި މަރުކަޒީ ބޭންކުގެ ގަވަރުނަރު ހިމެނެ އެވެ.

މިބޭފުުޅުން އިސްތިއުފާ ދެއްވީ ދަރިވަރުންގެ ލީޑަރުން އެ ބޭފުޅުން އިސްތިއުފާ ދިނުމަށް މުހުލަތެއް ދިނުމާ އެކުގަ އެވެ. އެކަމަކު ޔޫނުސް ވިދާޅުވީ އެ ބޭފުޅުންގެ އިސްތިއުފާގެ ކަންކަން ކުރިއަށް ދިޔައީ ގާނޫނާ އެއްގޮތަށް ކަމަށެވެ.

"އެ ކުދިން ބޭނުންވަނީ އާ ކޯޓެއް އެކުލަވާލަން،" ދަރިވަރުންނާ ބެހޭ ގޮތުން އޭނާ ވިދާޅުވި އެވެ. "އެހެންވެ އެތަނަށް ގޮސް، އުއްތަމަ ފަނޑިޔާރު އިސްތިއުފާ ދެއްވުމަށް އެދި ޕްރެޝަރުކުރީ."

"އަޅުގަނޑަށް ޔަގީން، އެ ކުދިން މި ހުރިހާ ކަމެއް ދިފާއު ކުރެވޭނެ ގާނޫނީ މަގެއް ހޯދާނެ. ސަބަބަކީ ގާނޫނީ ގޮތުން... ހުރިހާ ފިޔަވަޅެއް ވެސް އަޅަމުން ދިޔަ،" އޭނާ ވިދާޅުވި އެވެ.

ބަންގްލާދޭޝްގެ ދަރިވަރުން މިދިޔަ މަހު މުޒާހަރާތައް ފެށީ ސިވިލް ސާވިސް ވަޒީފާތަކަށް މީހުން ނެގުމަށް ގެންގުޅޭ އުސޫލު އުވާލުމަށް އެދި އެވެ. އެކަމަކު އެކަން ނުކޮށް ބާރުގެ ބޭނުންކޮށްގެން މުޒާހަރާތައް ރޫޅާލުމުގެ ތެރޭ އެތައް ދަރިވަރުންނެއް މަރުވުމާ އެކު މުޒާހަރާ މެދުކަނޑާލައި މި މަހު އަލުން ފެށީ ހަސީނާގެ ވެރިކަން ވައްޓާލަން އަމާޒު ހިފައިގެންނެވެ. ހަސީނާ އިސްތިއުފާ ދެއްވީ ދަރިވަރުންގެ މުޒާހަރާގައި އެތައް މިލިއަން ބަޔަކު ބައިވެރިވެ ހަސީނާގެ ރަސްމީ ގެކޮޅު ކައިރިއަށް ޖަމާވާން ފެށުމާ އެކުގަ އެވެ.