Roadha Mihaaru
މާލެ ނައިސް ވިލިމާލެ/ހުޅުމާލެއިން ހިދުމަތް ފޯރުކޮށްދެނީ

މާލެ ނައިސް ވިލިމާލެ އާއި ހުޅުމާލެއިން ސަރުކާރުގެ ހިދުމަތްތައް ލިބޭ ގޮތް ހަދަނީ

11 އޯގަސްޓް 2024

ސަރުކާރުން ދޭ ހިދުމަތްތައް، ވިލިމާލެ އާއި ހުޅުމާލެއިން އާންމުންނަށް ލިބޭނެ އިންތިޒާމު ހަމަޖައްސަވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

އިފްރާޒް އަލީ އިފްރާޒް އަލީ

ސަރުކާރުން ދޭ ހިދުމަތްތައް، ވިލިމާލެ އާއި ހުޅުމާލެއިން އާންމުންނަށް ލިބޭނެ އިންތިޒާމު ހަމަޖައްސަވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

މާލޭ ސިޓީ ކައުންސިލްގެ މެމްބަރުންނާ ބައްދަލުކުރެއްވުމަށް ކައުންސިލްގެ އިދާރާއަށް ވަޑައިގެން އެތަނުގައި ބޭއްވި ބައްދަލުވުމުގައި ރައީސް ވިދާޅުވީ، މާލެ ނައިސް ވިލިމާލެ އާއި ހުޅުމާލެއިން އައިޑީކާޑާއި ޕާސްޕޯޓާއި ސަރުކާރުން ދޭ އެހެން ހިދުމަތްތައް ލިބޭނެ އިންތިޒާމު ހަމަޖައްސަވާނެ ކަމަށެވެ.

މިކަން ކުރުމަށްޓަކައި އިމާރާތެއް ހެދުމަށް މިހާރު ވެސް ވިލިމާލެއިން ބިމެއް ސިޓީ ކައުންސިލަށް ހަމަޖައްސާފައިވާ ކަމަށް ރައީސް ވިދާޅުވި އެވެ. ކައުންސިލްގެ ބަޖެޓުގެ ތެރެއިން އެކަން ކުރެވެން ނެތް ނަމަ، ސިޓީސް އެންޑް ލޯކަލް ގަވަނެންސް މިނިސްޓްރީއާ މަޝްވަރާކޮށްގެން އެކަން ކުރިއަށް ގެންދެވޭނެ ކަމަށް ރައީސް ވިދާޅުވި އެވެ.

އޭރުން އެއް ފުރާޅުގެ ދަށަށް ގެނެވޭނެއޭ މާލެ ނައިސް ހޯދަން ޖެހޭ ހުރިހާ ހިދުމަތެއް، ހުރިހާ ކައުންޓަރުތަކެއް. ހަމަ އެގޮތަށް ހުޅުމާލޭގައި ވެސް ކައުންޓަރުތައް ގާއިމްކުރަން އަޅުގަނޑު ގަސްތުކުރަން: ރައީސް

"އޭރުން އެއް ފުރާޅުގެ ދަށަށް ގެނެވޭނެއޭ މާލެ ނައިސް ހޯދަން ޖެހޭ ހުރިހާ ހިދުމަތެއް، ހުރިހާ ކައުންޓަރުތަކެއް. ހަމަ އެގޮތަށް ހުޅުމާލޭގައި ވެސް ކައުންޓަރުތައް ގާއިމްކުރަން އަޅުގަނޑު ގަސްތުކުރަން،" ރައީސް ވިދާޅުވި އެވެ.

"ހުޅުމާލެއިން މާލެއަށް ވަރަށް ގިނަ ރައްޔިތުން މި އަންނަނީ، ވިލިމާލެއަށް ވުރެ މާ ގިނަ ރައްޔިތުން، ކޮންމެ ދުވަހަކު އެކިއެކި ހިދުމަތް ހޯދަން. ޕާސްޕޯޓު ވިޔަސް، އައިޑީކާޑު ވިޔަސް، ވަރަށް ގިނަ ހިދުމަތްތައް ހޯދަން. މި ހުރިހާ ހިދުމަތްތަކެއް އެއް ފުރާޅެއްގެ ދަށުން ލިބޭ ކައުންޓާ ސާވިސް ސެންޓަރެއް އިރާދަކުރެއްވިއްޔާ ހުޅުމާލޭގައި ވެސް ގާއިމްކުރެވޭނެ."

މާލޭ ސިޓީ ކައުންސިލްގެ މެމްބަރުންނާ ބައްދަލުކުރެއްވުމަށް ކައުންސިލްގެ އިދާރާގައި ބޭއްވި ޖަލްސާގައި ރައީސް ޑރ. މުހައްމަދު މުއިއްޒު.-- ފޮޓޯ: ރައީސް އޮފީސް

މާލޭ ސިޓީ ކައުންސިލްގެ މެމްބަރުންނާ ބައްދަލުކުރެއްވުމަށް ކައުންސިލްގެ އިދާރާގައި ބޭއްވި ޖަލްސާގައި ރައީސް ޑރ. މުހައްމަދު މުއިއްޒު.-- ފޮޓޯ: ރައީސް އޮފީސް

ރައީސް ވިދާޅުވި ގޮތުގައި، އެ އިންތިޒާމު ހަމަޖައްސަނީ ހިދުމަތްތައް ހޯދަން މާލެ އަންނަން ޖެހުމުން އާންމުންނަށް އުފުލަން ޖެހޭ ބުރަ ކުޑަކޮށްދިނުމުގެ އިތުރުން، ސަރުކާރުގެ ރަސްމީ ގަޑީގައި މާލޭގެ ޓްރެފިކް ބާރުބޮޑުވާ މައްސަލަ ވެސް ހައްލުކުރުމުގެ ގޮތުންނެވެ.

"އެކަން ވެގެންދާނެ ޓްރެފިކް މޫވްމަންޓަށް ވަރަށް ބޮޑު ލުޔަކަށް... ބްރިޖު ބޭނުންކުރާ ޖެހޭ ސަބަބުތައް މަދުވާނެ. ހުޅުމާލޭގައި ހުރެގެން، ހުޅުމާލޭގައި ދިރިއުޅޭ ރައްޔިތުންނަށް އެތަނުން މި ހުރިހާ ހިދުމަތެއް ލިބުނީމަ،" އެކަމަށް ސިޓީ ކައުންސިލްގެ އެއްބާރުލުން ވަރަށް ބޮޑަށް ބޭނުންވާނެ ކަމަށް ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ މާލެއަށް ޓްރެފިކް ބާރުބޮޑުވުން ކުޑަކުރުމަށްޓަކައި ހުޅުމާލޭގައި އިތުރު ސްކޫލްތައް ވެސް އިމާރާތްކުރަން ފަށާނެ ކަމަށެވެ. މި ވަގުތު ހުޅުމާލޭގައި ހުރި ސްކޫލްތަކާ އެކު އެތަނަށް އިތުރުވަމުން އަންނަ އާބާދީއަށް ޖުމްލަ 22 ސްކޫލް ބޭނުންވާ ކަމަށް ރައީސް ވިދާޅުވި އެވެ.

ކުރިއަށް އޮތް ހަތަރު އަހަރު ދުވަހުގެ ތެރޭގައި ހުޅުމާލޭގައި މަދުވެގެން ހަތް ސްކޫލް އިމާރާތްކުރާނެ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.