Roadha Mihaaru
މިދިޔަ ދެ މަހު، ރޯގާގެ 60،000 ކޭސް ރިޕޯޓުކުރި

މިދިޔަ ދެ މަހު، އަރިދަފުސް ރޯގާގެ 60،000 ކޭސް ރިޕޯޓުކުރި

12 އޯގަސްޓް 2024

މި ދުވަސްވަރު ރާއްޖޭގައި އަރިދަފުސް ރޯގާ ޖެހިގެން ރިޕޯޓުކުރި މިންވަރު އިތުރުވެފައިވާ ކަމަށް ހެލްތު ޕްރޮޓެކްޝަންސް އެޖެންސީ (އެޗްޕީއޭ) ގެ ތަފާސްހިސާބުތަކުން ދައްކައިފި އެވެ.

މާއިދާ މުހައްމަދު ރަޝާދު މާއިދާ މުހައްމަދު ރަޝާދު

މި ދުވަސްވަރު ރާއްޖޭގައި އަރިދަފުސް ރޯގާ ޖެހިގެން ރިޕޯޓުކުރި މިންވަރު އިތުރުވެފައިވާ ކަމަށް ހެލްތު ޕްރޮޓެކްޝަންސް އެޖެންސީ (އެޗްޕީއޭ) ގެ ތަފާސްހިސާބުތަކުން ދައްކައިފި އެވެ.

އެޗްޕީއޭ އިން އާންމުކޮށްފައިވާ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި މިދިޔަ ޖޫން މަހާއި ޖުލައި މަހުގެ ތެރޭގައި 60،000 މީހަކަށް ރޯގާ ޖެހިގެން ރިޕޯޓުކޮށްފައިވެ އެވެ. އެއީ ޖޫން މަހުގެ ތެރޭގައި، 32،738 މީހުންނާއި ޖުލައި މަހުގެ ތެރޭގައި 30،293 މީހެކެވެ.

އެޗްޕީއޭ އިން ބުނި ގޮތުގައި އޮގަސްޓް މަހުގެ ފުރަތަމަ ހަފްތާގެ ތެރޭގައި ވެސް 2،627 މީހުންނަށް ރޯގާ ޖެހިގެން ރިޕޯޓުކުރި އެވެ.

މިއީ މިދިޔަ އަހަރުގެ މިހާތަނުގައި އަރިދަފުސް ރޯގާ ޖެހިގެން ރިޕޯޓުކުރި މިންވަރާ އަޅާބަލާއިރު އިތުރު އަދަދެކެވެ.

އެޗްޕީއޭ އިން ބުނީ މި އަހަރުގެ ޖޫން މަހާ އަޅާބަލާ އިރު ޖުލައި މަހުގައި އިންފުލުއެންޒާގެ އަލާމާތްތައް ހުރެގެން ޓެސްޓް ކުރި މީހުންގެ އަދަދު ވެސް އިތުރު ކަމަށެވެ. މި އަހަރުގެ މިހާތަނަށް 1943 ޓެސްޓް ކުރިއިރު އޭގެ ތެރެއިން 394 ސާމްޕަލް ޕޮޒިޓިވް ކަމަށް އެޗްޕީއޭ އިން ބުނެ އެވެ.

ޑެންގީ ހުމުގެ ތަފާސްހިސާބަށް ބަލާއިރު ޖޫން މަހަށް ވުރެ ޖުލައި މަހު ޑެންގޫ ޖެހުނު މީހުންގެ އަދަދު ދަށެވެ. ޖޫން މަހުގެ ތެރޭގައި 798 ޑެންގޫ ކޭސް ރިޕޯޓުކޮށްފައިވާ އިރު ޖުލައި މަހުގެ ތެރޭގައި 556 ކޭސް ރިޕޯޓްކުރި އެވެ. އެކަމަކު މިއީ މިދިޔަ އަހަރުގެ މިހާތަނާ އަޅާބަލާއިރު އިތުރު އަދަދެކެވެ.

ބޭރަށް ހިންގާ ރޯގާއެއް ވެސް މިދުވަސްވަރު ފެތުރެމުންދާއިރު މިދިޔަ ޖޫން މަހުގެ ތެރޭގައި 5،179 އަދި ޖުލައި މަހުގެ ތެރޭގައި 5،053 ކޭސް ރިޕޯޓުކޮށްފައިވާ ކަމަށް އެޗްޕީއޭ އިން ބުންޏެވެ.

އާންމު ބަލިތައް ފެތުރޭ މިންވަރު މި ދުވަސްވަރު އިތުރުވަމުންދާތީ އެޗްޕީއޭ އިން ވަނީ ބަލިތަކުން ރައްކާތެރިވުމަށް ފިޔަވަޅުތައް އަޅަން ވެސް އިލްތިމާސްކޮށްފަ އެވެ.