Roadha Mihaaru
އާސަންދަ ދޭނީ އިތުރު އިންޝުއަރެންސުން ކަނޑާފައި: ހީނާ

އޮކްޓޫބަރު މަހުން ފެށިގެން އާސަންދަ ލިބޭނީ އިތުރު އިންޝުއަރެންސެއް ނަގާފައިވާ ނަމަ އެ އަށް ކަނޑާފައި!

12 އޯގަސްޓް 2024

އާސަންދަ ނިޒާމު ރިފޯމުކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތުގެ ދަށުން އަންނަ އޮކްޓޫބަރު މަހުން ފެށިގެން އާސަންދައިގެ ދަށުން ހިލޭ ބޭސްފަރުވާ ކޮށްދޭނީ އިތުރު އިންޝުއަރެންސް ސްކީމެއްގައި އެ މީހަކު ބައިވެރިވެފައިވާ ނަމަ އެ އިންޝުއަރެންސަށް ކެނޑުމަށް ފަހު ކަމަަށް އެންސްޕާގެ ސީއީއޯ ހީނާ ވަލީދު މިއަދު ވިދާޅުވެއްޖެ އެވެ.

މާއިދާ މުހައްމަދު ރަޝާދު މާއިދާ މުހައްމަދު ރަޝާދު

އާސަންދަ ނިޒާމު ރިފޯމުކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތުގެ ދަށުން އަންނަ އޮކްޓޫބަރު މަހުން ފެށިގެން އާސަންދައިގެ ދަށުން ހިލޭ ބޭސްފަރުވާ ކޮށްދޭނީ އިތުރު އިންޝުއަރެންސް ސްކީމެއްގައި އެ މީހަކު ބައިވެރިވެފައިވާ ނަމަ އެ އިންޝުއަރެންސަށް ކެނޑުމަށް ފަހު ކަމަަށް އެންސްޕާގެ ސީއީއޯ ހީނާ ވަލީދު މިއަދު ވިދާޅުވެއްޖެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ އިޖުތިމާއީ ކޮމިޓީގައި ހީނާ އެހެން ވިދާޅުވީ، އެހެން އިންޝުއަރެންސް ސްކީމުތަކުގައި ބައިވެރިވެފައިވާ މީހުންނަށް ވެސް އާސަންދަ ލިބޭތީ އެކަމާ ގުޅިގެން މެމްބަރަކު ކުރެއްވި ސުވާލަކަށް ދެއްވި ޖަވާބުގަ އެވެ.

ހީނާ ވިދާޅުވީ އަންނަ އޮކްޓޫބަރުގައި އާސަންދަ ނިޒާމު ރިފޯމުކޮށް، ތަންފީޒު ކުރަން ފެށުމުން ޑަބަލް އިންޝުއަރެންސަސް ކަނޑާ މައްސަލަ އަށް ހައްލެއް އަންނާނެ ކަމަށެވެ. އޭރުން ދެން އާސަންދައިގެ ބަދަލުގައި އެންމެ ފުރަތަމަ ކަނޑާނީ އެ މީހުންގެ އަތުގައި ހުންނަ އިތުރު އިންޝުއަރެންސް ތަކުންނެވެ.

"ވެލްފެއާ ޕޮލިސީ އާއި އާސަންދައިގެ ޕޮލިސީއަށް ބައެއް ކަހަލަ ބަދަލުތައް ގެންނަން އެބަ މަސައްކަތް ކުރަން. އޭގެ ޑްރާފްޓްތަކެއް މިހާރު އެކުލަވާލެވި ވަރަށް އަވަހަށް ކެބިނެޓަށް އެ ޕޭޕާ ހުށަހަޅާނަން، އެ އަށް ގެންނަ އިސްލާހުތަކާ އެކީގައި،" ހީނާ ވިދާޅުވި އެވެ.

އެއީ ހީނާ ވިދާޅުވި ގޮތުގައި އެންމެ ބޮޑަށް ބޭނުންވާ މީހުންނަށް އެންމެ ބޮޑު އެހީތެރިކަމެއް ދެވޭނެ ގޮތަކަށް ނިޒާމު ބަދަލުކުރުމަށް ކުރާ މަސައްކަތުގެ ދަށުންނެވެ.

ހީނާ ވިދާޅުވީ އެންސްޕާ އިން އަންނަނީ ސޯޝަލް ރަޖިސްޓްރީއެއް ގާއިމުކުރުމުގެ މަސައްކަތް ވެސް ކުރަމުން ކަމަށެވެ. މިއީ ގޭބިސީތަކުގެ މައުލޫމާތާއި އެ މީހުންގެ ދިރިއުޅުމުގެ ފެންވަރު ދަނެގަނެ، އެއްކުރުމަށް ކުރާ މަސައްކަތެކެވެ.

ހީނާ ވިދާޅުވި ގޮތުގައި އެއާ އެކު، އެހީ ދޭންޖެހޭ ބަޔަކީ ކޮބައިކަން ވަރަށް ރަނގަޅަށް އެންސްޕާ އަށް އެނގޭނެ އެވެ. އެކަމާ ގުޅޭ ގަވައިދުތައް ހަދައި އެހީތެރިކަން ފޯރުކޮށްދިނުމުގައި އެންސްޕާއިން ދެން ބަރޯސާވާނީ އެ ނިޒާމަށް ކަމަށް ހީނާ ވިދާޅުވި އެވެ.

އިތުރު އިންޝުއަރެންސް ސްކީމުތައް ބޭނުންކުރާ މީހުންނަށް އާސަންދަ ދިނުމުގައި ވަކި އުސޫލެއް އެކުލަވައިލާއިރު، އާސަންދަ ސްކީމުގެ ތެރެއިން ދައުލަތަށްވާ އިސްރާފުތައް ކުޑަ ކުރުމަށް އިސްލާހީ ގިނަ ފިޔަވަޅުތަކެއް އެޅުމަށް ސަރުކާރުން އަންނަނީ ތައްޔާރުވަމުންނެވެ. ބަލްކް ޕްރޮކިއުމަންޓްގެ ދަށުން ހެޔޮ އަގުގައި ބޭސް ގެންނަން ޔޫއެންޑީޕީއާ އެކު ވެސް ވަނީ އެއްބަސްވެފަ އެވެ.

ފިނޭންސް މިނިސްޓްރީގެ އެންމެ ފަހުގެ ތަފާސްހިސާބުތައް ދައްކާ ގޮތުން މި އަހަރުގެ ޖެނުއަރީ އިން ޖޫން މަހުގެ ނިޔަލަށް އާސަންދަ ސްކީމަށް ވަނީ 918 މިލިއަން ރުފިޔާ ހޭދަކޮށްފަ އެވެ. މިއީ އަހަރަށް ކަނޑައަޅާފައިވާ ބަޖެޓުގެ ގާތްގަނޑަކަށް 50 ޕަސެންޓެވެ. އާސަންދައަށް ހޭދަކުރަން 1.9 ބިލިއަން ރުފިޔާ ބަޖެޓުގައި ހިމަނާފައިވެ އެވެ.