Roadha Mihaaru
ސްޓެލްކޯގެ ކުރީގެ އެމްޑީޝަރީފްގެ މައްސަލައެއް އޭސީސީއަށް

ސްޓެލްކޯއަށް ހަތް މިލިއަން ޑޮލަރު ގެއްލުންވާ ގޮތަށް ކުރީގެ މެނޭޖުމަންޓު ސޮއިކުރި މައްސަލައެއް އޭސީސީއަށް!

12 އޯގަސްޓް 2024

ސްޓެލްކޯ އަށް ހަތް މިލިއަން ޑޮލަރުގެ ގެއްލުންވާ ގޮތަށް އެ ކުންފުނީގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ޝަރީފް ސެޓުލްމަންޓް އެގްރީމަންޓެއްގައި ސޮއިކުރެއްވި މައްސަލައެއް އޭސީސީ އަށް ހުށަހަޅައިފި އެވެ.

އިފްރާޒް އަލީ އިފްރާޒް އަލީ

ސްޓެލްކޯ އަށް ހަތް މިލިއަން ޑޮލަރުގެ ގެއްލުންވާ ގޮތަށް އެ ކުންފުނީގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ޝަރީފް ސެޓުލްމަންޓް އެގްރީމަންޓެއްގައި ސޮއިކުރެއްވި މައްސަލައެއް އޭސީސީ އަށް ހުށަހަޅައިފި އެވެ.

"މިހާރު" އަށް އެނގިފައިވާ ގޮތުގައި، ސްޓެލްކޯގެ ކުރީގެ މެނޭޖުމަންޓުން ޗައިނާގެ ޑޮންގްފަންގް އިލެކްޓްރިކް އިންޓަނޭޝަނަލް ކޯޕަރޭޝަން (ޑީއީސީ) އަށް ބަދަލުގެ ގޮތުގައި 7.8 މިލިއަން ޑޮލަރު (120 މިލިއަން ރުފިޔާ) ދިނުމަށް މިދިޔަ އަހަރު ސެޕްޓެމްބަރު 14 ގައި އެއްބަސްވުމެއްގައި ސޮއިކުރެއްވި މައްސަލަ ރައްޔިތުންގެ މަޖިލިހުގެ ސަމާލުކަމަށް ވެސް މިދިޔަ މަހުގެ ފަހުކޮޅު ވަނީ ގެނެސްފަ އެވެ.

ސެޓްލްމަންޓު އެއްބަސްވުމުގައި ޝަރީފު ސޮއިކުރެއްވީ، ސަރުކާރުގެ ކުންފުނިތަކުގެ ބެލެނިވެރި ފަރާތް ކަމަށްވާ ޕްރައިވެޓައިޒޭޝަން ބޯޑުން އަންގާފައިވާ އެންގުމާ ހިލާފަށް އަދި ސްޓެލްކޯ އަށް ގެއްލުންވާ ގޮތަށް ކަމަށް ވެސް މަޖިލިހަށް ފޮނުވި ސިޓީގައި ވެ އެވެ.

އެކަން ކޮށްފައި ވަނީ ކުންފުނީގެ ބޯޑުގެ ޑިރެކްޓަރުންނަށް އޮޅުވާލައިގެން ކަމަށް ގަބޫލުކުރެވޭތީ، އެ މައްސަލަ ތަހުގީގު ކޮށްދިނުމަށް ސްޓެލްކޯ އިން މިދިޔަ މަހު އޭސީސީގައި އެދިފައިވާ ކަން ވެސް ވަނީ އެނގިފަ އެވެ.

އެނގިފައިވާ ގޮތުގައި، މި ސެޓުލްމަންޓް އެގްރީމަންޓުގައި ސޮއިކޮށްފައި އޮތުމުން މި ފައިސާ ނުދީ ވާނެ ގޮތެއް ނެތެވެ. އެ ފައިސާ ދޭން ޖެހޭނެ ކަމަށް ބުނެ ސެޓްލްމަންޓް އެއްބަސްވުމުގައި ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގެ ފަހު ދުވަސްކޮޅު ސްޓެލްކޯގެ މެނޭޖުމަންޓު އޭރުގެ އެމްޑީ ޝަރީފު ސޮއިކުރެއްވީ ކޮވިޑް-19 ގެ ދުވަސްވަރުގެ ގެއްލުންތަކުގެ ބަދަލަށް ކަމަށް ބުނެ ކަމަށް އެނގިފައި ވެ އެވެ.

މި މައްސަލައާ ގުޅިގެން ސްޓެލްކޯގެ ބަހެއް އަދި ނުލިބެ އެވެ.