Roadha Mihaaru
އޮކްސިޖަން ސިލިންޑަަރު މައްސަލަ އަވަހަށް ބަލަން އަންގަނީ

އޮކްސިޖަން ސިލިންޑަރުތަކުގެ މައްސަލަ އަވަސްކުރަން އޭސީީސީ އަށް އަންގަނީ

06 އެޕްރީލް 2021

އެސްޓީއޯގެ ސަބްސިޑަރީ ކުންފުނި، މޯލްޑިވް ގޭހުން ކޮވިޑް-19 އަށް ހާއްސަ ކޮށްގެން އޮކްސިޖަން ސިލިންޑަރުތަކެއް ގެނައުމުގައި ކޮރަޕްޝަން އެކުލެވޭ ކަމަށް ތުހުމަތު ކުރެވޭތީ އެ މައްސަލަ ބެލުން އަވަސްކުރުމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށް އަންގަން ރައްޔިތުންގެ މަޖިލީހުގެ ކަމާ ބެހޭ ކޮމިޓީން ނިންމައިފި އެވެ.

މުހައްމަދު ނަސީމް މުހައްމަދު ނަސީމް

އެސްޓީއޯގެ ސަބްސިޑަރީ ކުންފުނި، މޯލްޑިވް ގޭހުން ކޮވިޑް-19 އަށް ހާއްސަ ކޮށްގެން އޮކްސިޖަން ސިލިންޑަރުތަކެއް ގެނައުމުގައި ކޮރަޕްޝަން އެކުލެވޭ ކަމަށް ތުހުމަތު ކުރެވޭތީ އެ މައްސަލަ ބެލުން އަވަސްކުރުމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށް އަންގަން ރައްޔިތުންގެ މަޖިލީހުގެ ކަމާ ބެހޭ ކޮމިޓީން ނިންމައިފި އެވެ.

އޮކްސިޖަން ސިލިންޑަރުތައް ގެނައުމުގައި މޯލްޑިވް ގޭހުން ހިންގާފައިވާ ކަމަށް ތުހުމަތުކުރެވޭ ކޮރަޕްޝަނުގެ މައްސަލަ ބެލުމަށް ފަހު ސްޓޭޓް އޯންޑް އެންޓަޕްރައިޒް ކޮމިޓީ (އެސްއޯއީ ކޮމިޓީ) އިން އެކުލަވަލައިލި ރިޕޯޓުގައި ދައުލަތުގެ ކަމާ ބެހޭ އިދާރާތަކުން ގިނަ ފިޔަވަޅުތަކެއް އަޅަން ލަފާދީފައި ވެ އެވެ. ރިޕޯޓުގައި ކޮމިޓީގެ ނިންމުމެއްގެ ގޮތުގައި އޮތް އެެއް ކަމަކީ މެޑިކަލް ސިލިންޑަރުތައް ގެނައުމުގައި މޯލްޑިވް ގޭހުގެ އެކްޓިން މެނޭޖިން ޑިރެކްޓަރަށް ކުރެވޭ ކޮރަޕްޝަނުގެ ތުހުމަތުގެ މައްސަލައިގައި އަވަހަށް ގޮތެއް ނިންމަން އޭސީސީ އަށް ދެންނެވުމެވެ. އެކްޓިން އެމްޑީ ހިމެނޭ ގޮތުން އެ މައްސަލައިގައި އިހުމާލުވެފައިވާ ފަރާތްތަކަށް ފިޔަވަޅު އެޅުން އަވަސް ކުރުމަށް އޭސީސީ އަށް ދަންނަވަން ވެސް ކޮމިޓީން ނިންމާފައި ވެ އެވެ.

ކޮމިޓީއަށް ފާހަގަވި ބައެއް ކަންތައްތައް

އެސްއޯއީ ކޮމިޓީގެ ރިޕޯޓުގައި ބުނެފައިވާ ގޮޮތުގައި މޯލްޑިވް ގޭހުން އޯޑަރުދިނީ އާ ސިލިންޑަރުތަކެއް ގެންނަން ކަމަށް ވިޔަސް އެކަން ހަވާލުކުރި އޭ އެންޑް ޖީ އިންޑަސްޓްރިއަލް ގޭސް ޕްރައިވެޓް ލިމިޓެޑާއި ޕްރޯ އިމްޕެކްސް ޕްރައިވެޓް ލިމިޓެޑުން ގެނެސްފައި ވަނީ ބާ (ރިފާބިޝް) ސިލިންޑަރުތަކެއްކަން އެ ކޮމިޓީ އަށް ވަނީ ކަށަވަރުކުރެވިފަ އެެވެ. އެކަން ކަށަވަރުކުރެވުނީ ކޮމިޓީއަށް ލިބުނު ލިޔެކިއުންތަކުންނެވެ.

ހައިޑްރޮސްޓޭޓިކް ޓެސްޓް ހަަދައިގެން ނޫނީ ސިލިންޑަރުތައް ބޭނުންކުރެވެން ނެތުމުން، އެކަމަށް ބޮޑު ހޭދައެއް ކުރަން ޖެހޭނެ ކަމަށާއި އެެއީ ކުންފުންޏަށް ބޮޑު ގެއްލުމެއް ވާނެ ކަމަށް ކަމަށް ވެސް ރިޕޯޓުގައި ބުންޏެވެ. އެެހެންވެ އެކަމުގެ ބަދަލު ސިލިންޑަރު ގެނައުމާ ހަވާލުވި ދެ ކުންފުނިން ހޯދަން ހުށަހަޅަން ރިޕޯޓުގައި ވެ އެވެ.

ގެންނަަން އޯޑަރުކުރާ އެއްޗެއް ލިބުމުގެ ކުރިން އޭގެ އަގުގެ 100 ޕަސެންޓް ދެއްކޭ ގޮތަށް މޯލްޑިވްސް ގޭހުގެ ޕްރޮކިއުމެންޓް ޕޮލިސީ އޮންނާތީ އެކަން ބަދަލުކުރަން ވެސް ކޮމިޓީގެ ރިޕޯޓުގައި ބުނެފައި ވެ އެވެ.

އެސްއޯއީ ކޮމިޓީގެ އެ ރިޕޯޓު މިހާރު ވަނީ މަޖިލީހުގެ ތަޅުމުގައި ބަހުސްކޮށް ފާސްކުރުމަށް ފޮނުވައިފައެވެ. ރިޕޯޓް ފާސްކުރުމާއި މެދު ގޮތެއް ނިންމާނީ ތަޅުމުގައި ބަހުސްކުރުމަށް ފަހުގައެވެ.

ކޮވިޑް-19އާ ގުޅިގެން މޯލްޑިވްސް ގޭހުން 4،128 ސިލިންޑަރު ގެނައީ 40 މިލިއަން ރުފިޔާ އަށެވެ. ދެ ކުންފުންޏަކާ ހަވާލުކޮށްގެން މިދިޔަ މަހު އެ ސިލިންޑަރުތައް ގެނެސްފައިވާއިރު އޭގެ ތެރޭގައި ވަރަށް ބާ ސިލިންޑަރުތަކެއް ހިމެނޭ ކަމަށް ބުނެ ސޯޝަލް މީޑިއާގައި ފޮޓޯތަކެއް ވަނީ ދައުރުވެފަ އެވެ.