Roadha Mihaaru

ޕޮލްކޯގެ ކޮރަޕްޝަން: މަޖިލީހާއި އޭސީސީ ގުޅިގެން މައްސަލަ ބަލަނީ

ފުލުހުންގެ ކޯޕަރޭޓިވް ސޮސައިޓީ (ޕޮލްކޯ) އާ ގުޅޭ ގޮތުން ފެންމަތިވެފައިވާ ކޮރަޕްޝަންގެ މައްސަލަތަކުގައި ރައްޔިތުންގެ މަޖިލިހާއި އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން މައުލޫމާތު ހިއްސާ ކުރުމަށް މިއަދު އެއްބަސްވެއްޖެ އެވެ.

މަޖިލިހާއި އޭސީސީ ގުޅިގެން ޕޮލްކޯގެ މައްސަލަ ބަލަނީ
ފާތިމަތު ޝަނާ މުހައްމަދު
ފާތިމަތު ޝަނާ މުހައްމަދު

20 ފެބުރުއަރީ 2025

ފުލުހުންގެ ކޯޕަރޭޓިވް ސޮސައިޓީ (ޕޮލްކޯ) އާ ގުޅޭ ގޮތުން ފެންމަތިވެފައިވާ ކޮރަޕްޝަންގެ މައްސަލަތަކުގައި ރައްޔިތުންގެ މަޖިލިހާއި އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން މައުލޫމާތު ހިއްސާ ކުރުމަށް މިއަދު އެއްބަސްވެއްޖެ އެވެ.

"މިހާރު" އަށް އެނގިފައިވާ ގޮތުގައި، އެ ދެ އިދާރާ އިން އެއްބަސްވީ ޕޮލްކޯ މެދުވެރިވެގެން ހިންގި ފުލުހުންގެ ހައުސިން މަޝްރޫއާ ގުޅޭ ކޮރަޕްޝަނާ ގުޅުން ހުރި ޑޮކިއުމަންޓްތައް ހިއްސާކޮށް މައުލޫމާތު ހޯދުމަށެވެ.

އޭގެ ތެރޭގައި މަޖިލީހަށް ލިބޭ ބައެއް ޑޮކިއުމެންޓްތައް ވެސް އޭސީސީއާ ހިއްސާ ކުރާނެ އެވެ.

މަޖިލީހުން މިދިޔަ އަންގާރަ ދުވަހު ވަނީ ބްލޫސް ހައުސިން ޕްރޮޖެކްޓުގެ މަސައްކަތްތަކަށް 2014-2017 އަށް ރާއްޖެއަށް އެތެރެކުރި އުޅަނދުތަކެއްގެ މައުލޫމާތުތައް، އަންނަ އަންގާރަ ދުވަހުގެ ކުރިން އެ އިދާރާއާ ހިއްސާކުރަން އެދިފަ އެވެ.

އޭގެ ތެރޭގައި 2014 ވަނަ އަހަރު އެތެރެކުރި ކްރޭނަކާއި ދެ ވައްތަރެއްގެ ދެ ވޭނަކާއި ޖެހިގެން އައި އަހަރު އެތެރެކުރި ދެ ސައިކަލު އަދި 2016 ވަނަ އަހަރު ގެނައި ކާރުގެ ތަފްސީލު ހިމެނެ އެވެ. އަދި 2017 ވަނަ އަހަރު އެތެރެކުރި ސައިކަލަކާއި ތިން ޓަވަރު ކްރޭން އަދި 14 ކްރޭން ލޮރީގެ މައުލޫމާތުތައް ވެސް ހޯދަން އެދިފައިވެ އެވެ.

އޮޑިޓް އޮފީހުން އާންމު ކުރި ރިޕޯޓެއްގައި ވެސް ފުލުހުން ފްލެޓް އިމާރާތް ކުރުމުގައި ކޮރަޕްޝަންގެ ބޮޑެތި އަމަލުތައް ހުރިކަން ފާހަގަކޮށްފަ އެވެ. އެ ރިޕޯޓުގައިވާ ގޮތުން ފްލެޓްތަކުގެ މަޝްރޫއުގެ އެގްރީމެންޓް ތިން ފަހަރެއްގެ މަތިން ބަދަލުކޮށް، މަސައްކަތުގެ އަގަށް 122 މިލިއަން ރުފިޔާ އިތުރުކޮށް މަސައްކަތް ނިންމަން ކަނޑައެޅި ތާރީހު 54 މަހަށް ދިގު ދަންމާފައިވެ އެވެ. އެ ޕްރޮޖެކްޓް އެންމެ ފުރަތަމަ ހަވާލުކުރީ 580 މިލިއަން ރުފިޔާ އަށް ދެ އަހަރު ތެރޭ ނިންމަން، ނޫމަޑި ކުންފުންޏާ އެވެ. އެކަމަކު މަސައްކަތް ނިމުނު އިރު އެ ޕްރޮޖެކްޓަށް އެއް ބިލިއަން ރުފިޔާ ވަނީ ހަރަދުވެފަ އެވެ.

ޖޫން، 23، 2013 ގައި ފެށި ފުލުހުންގެ ހައުސިން ޕްރޮޖެކްޓް، ބްލޫސް ހައުސިންއާ ގުޅިގެން ހަދައި އާއްމުކޮށްފައިވާ އޮޑިޓުގައި ބުނެފައިވާ ގޮތުގައި އެ މަޝްރޫއުއަށް މިހާތަނަށް 1.06 ބިލިއަން ރުފިޔާ ހަރަދުކޮށްފައިވެ އެވެ. އަކަފޫޓަކަށް 1،851 ރުފިޔާގެ ރޭޓުން ހަރަދުކޮށްފައިވާ އިރު މިހާތަނަށް ކުރި ހަރަދަކީ މަޝްރޫއުގެ ދެގުނަ އަގު ކަމަށް އޮޑިޓުގައިވެ އެވެ.