Roadha Mihaaru
ޕީޖީ ޝަމީމް ވަކިކުރަން މަޖިލީހަށް ހުށަހަޅައިފި

ޕީޖީ ޝަމީމް މަގާމުން ވަކިކުރަން މަޖިލީހަށް ހުށަހަޅައިފި

13 އޯގަސްޓް 2024

ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) ހުސައިން ޝަމީމް މަގާމުން ވަކިކުރުމަށް ހުޅުދޫ ދާއިރާގެ ޕީއެންސީގެ މެމްބަރު މުހައްމަދު ޝާހިދު ރައްޔިތުންގެ މަޖިލީހަށް މިއަދު މައްސަލައެއް ހުށަހަޅުއްވައިފި އެވެ.

މޫސާ ރަޝީދު މޫސާ ރަޝީދު

ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) ހުސައިން ޝަމީމް މަގާމުން ވަކިކުރުމަށް ހުޅުދޫ ދާއިރާގެ ޕީއެންސީގެ މެމްބަރު މުހައްމަދު ޝާހިދު ރައްޔިތުންގެ މަޖިލީހަށް މިއަދު މައްސަލައެއް ހުށަހަޅުއްވައިފި އެވެ.

ޕީޖީ ޝަމީމް މަގާމުން ވަކިކުރަން އެދިވަޑައިގެން ޝާހިދު ސިޓީއެއް ފޮނުއްވީ މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީއަށެވެ. އެހެންވެ، އެ ކޮމިޓީން މިއަދު އެ މައްސަލަ އެޖެންޑާ ކުރުމަށް ފަހު ވަނީ ޝަމީމް މަގާމުން ވަކިކުރުމުގެ މައްސަލަ ދިރާސާ ކުރަން ފާސްކޮށްފަ އެވެ.

ޝާހިދު ހުށަހެޅުއްވި މަައްސަލާގައި ވިދާޅުވީ ޕީޖީއަކީ އޭނާގެ މަސްއޫލިއްޔަތުތައް އަދާ ކުރުމުގައި އެއްވެސް ފަރާތަކުން އަންގާ ގޮތަކަށް މަސައްކަތް ކޮށްގެން ވާނެ ފަރާތެއް ނޫން ކަމަށާއި އަދި އެއްވެސް ނުފޫޒެއްގެ ދަށުގައިވާ މީހަކަށް ވެގެން ނުވާނެ ކަމަށް އެ ސިޓީގައިވެ އެވެ. އަދި ޕީޖީގެ ބާރުތައް ބޭނުން ކުރަން ވާނީ ވެސް ވަކި ފަރާތަކަށް މަންފާއެއް ހޯދައި ނުދީ، ޒާތީ ތައައްސަބުން އެއްކިބާވެ ހުރެ ބަންޑާރަ ނައިބު ކަނޑައަޅާފައިވާ މައިގަނޑު ސިޔާސަތުތަކާ އެއްގޮތަށް ކަމަށް އޭނާ ވިދާޅުވި އެވެ.

އެހެން ނަމަވެސް ޝަމީމް އޭނާގެ ދައުރުގެ ތެރޭގައި އެ މިންގަނޑާ ހިލާފަށް އެތައް ކަމެއް ކޮށްފައިވާ ކަމަށް ޝާހިދު ވިދާޅުވި އެވެ.

"ގާނޫނުއަސާސީގެ 228 ވަނަ މާއްދާގެ ހ ގެ ދަށުން [ޝާމީމް އަކީ] މަގާމުން ވަކި ކުރަން ޖެހޭ ފަރާތެއް ކަމުގައި ދެކެން،" ޝާހިދު ވިދާޅުވި އެވެ.

ޕީޖީއަށް ތުހުމަތު ކޮށްފައިވާ މައްސަލަތައް

- ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދަށް ކޮށްފައިވާ ޖިންސީ ކުށުގެ ދައުވާތައް ފައިލް ކުރުން.

- މަގާމުގައި ދެމި ހުރުމަށް ކުރީގެ ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފްގެ މައްސަލަ ފައިލް ކުރުން.

- ސަފާރީ ރޭޕް ކޭސްގެ މައްސަލާގައި އެމްޑީޕީ އާ ގުޅުން އޮންނަ ފަރާތެއް ހިމެނޭތީ އިސްތިއުނާފް ނުކުރުން.

- ނިލަންދޫ ދާއިރާގެ ކުރީގެ މެންބަރު އަލީ ރިޒާގެ މައްޗަށް ކުރި ހިއުމަން ޓްރެފިކިންގެ ދައުވާ އަނބުރާ ގެންދިޔުން.

- ޝަމީމް ވަނީ ބަނގުރާ އާ ގުޅޭ 77 މައްސަލައެއް އަނބުރާ ގެންދިޔުން.

- އެއް ޖިންސުން ގުޅުން ހިންގުމާ ގުޅޭ 13 މައްސަލައެއް އަނބުރާ ގެންދިޔުން.

- ވެންޓިލޭޓަރު މައްސަލާގައި ދައުވާ ނުކުރަން ނިންމުން.

- ޕީޖީ އޮފީހުގެ މުއައްޒަފުންނާ މެދުގައި ތަފާތު ކުރުންތައް ގެންގުޅުން.