Roadha Mihaaru
ނަޝީދަށް ދައުވާ ކޮށްދިނުމަށް އިދިކޮޅުން އެދިއްޖެ

ޝިޔާމަށް އަނިޔާވި މައްސަލައިގައި ނަޝީދަށް ދައުވާކޮށްދޭން އިދިކޮޅުން އެދިއްޖެ

08 ޖޫން 2020

މިދިޔަ މަހުގެ 29 ވަނަ ދުވަހުގެ ރޭ މެންދަމު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ނައިފަރު ދާއިރާގެ ޕީޕީއެމްގެ މެމްބަރު އަހުމަދު ޝިޔާމަށް އެމްޑީޕީގެ އެހެން މެމްބަރުންތަކެއް އަނިޔާކުރި ކަމަށް ބުނާ މައްސަލައިގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދާއި އެކަމުގައި ބައިވެރިވި އެހެން މީހުންގެ މައްޗަށް ދައުވާ ކޮށްދިނުމަށް ޕީޕީއެމް/ޕީއެންސީ ކޯލިޝަނުން ޕްރޮސެކިއުޓާ ޖެނެރަލް ހުސައިން ޝަމީމްގެ އަރިހުން އެދިއްޖެ އެވެ.

މުހައްމަދު ނަސީމް މުހައްމަދު ނަސީމް

މިދިޔަ މަހުގެ 29 ވަނަ ދުވަހުގެ ރޭ މެންދަމު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ނައިފަރު ދާއިރާގެ ޕީޕީއެމްގެ މެމްބަރު އަހުމަދު ޝިޔާމަށް އެމްޑީޕީގެ އެހެން މެމްބަރުންތަކެއް އަނިޔާކުރި ކަމަށް ބުނާ މައްސަލައިގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދާއި އެކަމުގައި ބައިވެރިވި އެހެން މީހުންގެ މައްޗަށް ދައުވާ ކޮށްދިނުމަށް ޕީޕީއެމް/ޕީއެންސީ ކޯލިޝަނުން ޕްރޮސެކިއުޓާ ޖެނެރަލް ހުސައިން ޝަމީމްގެ އަރިހުން އެދިއްޖެ އެވެ.

ކައުންސިލަރުންގެ އުމުރު ދަންމައިލަން ގާނޫނުއަސާސީ ބަދަލުކުރަން ބޭއްވި ޖަލްސާގައި، ޕީޕީއެމްގެ ނައިބު ރައީސް ޝިޔާމަށް އަނިޔާވީ، އިދިކޮޅު މެމްބަރުން ތުހުމަތު ކުރާ ގޮތުގައި، މަޖިލީހުގެ ރިޔާސަތުން ރައީސް މުހައްމަދު ނަޝީދު، ޝިޔާމްގެ ނަން އިއްވަވައި އޭނާ މަޖިލީހުގެ ތަޅުމުން ނުކުމެވަޑައިގަތުމަށް އެންގެވި ނަމަވެސް، އެކަމަށް އިޖާބަ ނުދެއްވުމުން، ނަޝީދުގެ އަމުރަށް ޝިޔާމް ތަޅުމުން ނެރުމަށް އެމްޑީޕީގެ މެމްބަރުން ކުރި މަސައްކަތުގެ ތެރޭގަ އެވެ.

އިދިކޮޅު ކޯލިޝަނުން ޕީޖީ ޝަމީމަށް މިއަދު ފޮނުވި ސިޓީއެއްގައި ބުނީ، މަޖިލީހުގެ ތަޅުމުން ޝިޔާމް ނެރުމުގެ ތެރޭގައި އޭނާ އަށް އަނިޔާކޮށް، މާރާމާރީ ހިންގާފައިވާ ކަމަށެވެ. ޕީޕީއެމް/ޕީއެންސީ ކޯލިޝަނުން ތުހުމަތުކުރާ ގޮތުގައި، އެ އަމަލުތައް ހިންގަން އެމްޑީޕީގެ މެމްބަރުންނަށް އެންގެވީ މަޖިލީހުގެ ރައީސް ނަޝީދެވެ. އެގޮތަށް އެ މަނިކުފާނު އަންގަވާ މަންޒަަރު، އެ ރޭގެ ޖަލްސާ އަށް ފަހު ހާމަވި ވީޑިއޯތަކުން ވެސް ފެނެ އެވެ.

"...އެ އަމަލު ހިންގުމުގައި ބައިވެރިވި ފަރާތްތަކުގެ މައްސަލަ ތަހުގީގުކޮށް، ދައުވާކޮށް، ޖިނާއީ މައްސަލައެއްގެ ގޮތުގައި ފިޔަވަޅު އަޅުއްވައި ދެއްވުމަށް އެދި ކަމާ ބެހޭ މުއައްސަސާތަކަށް އަމުރު ކޮށްދެއްވުމަށް ހަވާލާ ދެވިފައިވާ މި ކޯލިޝަންގެ ސިޓީގައި ވާނީ އެދިފަ އެވެ،" ޕްރޮސެކިއުޓާ ޖެނެރަލް ޝަމީމަށް ކުރިން ފޮނުވި ސިޓީއާ ގުޅޭގޮތުން، ޕީޕީއެމް/ޕީއެންސީ ކޯލިޝަނުން މިއަދު ފޮނުވި ސިޓީގައި ވެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގެ ރިޔާސަތު ނަޝީދު ބަލަހައްޓަވަނީ: ގާނޫނުއަސާސީ އަށް ބަދަލު ގެންނަން މިދިޔަ މަހުގެ 29 ވަނަ ދުވަހުގެ ރޭ މެންދަމު ބޭއްވި ޖަލްސާގައި މެމްބަރު ޝިޔާމް މަޖިލީހުގެ ތަޅުމުން ނެރުމުގައި ނަޝީދު އަމަލުކުރެއްވީ ގަވައިދާ ޚިލާފަށް ކަމަށް އެހެން މެމްބަރުން ވެސް ވިދާޅުވޭ.---ފޮޓޯ: މަޖިލިހުގެ އިދާރާ

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގެ ރިޔާސަތު ނަޝީދު ބަލަހައްޓަވަނީ: ގާނޫނުއަސާސީ އަށް ބަދަލު ގެންނަން މިދިޔަ މަހުގެ 29 ވަނަ ދުވަހުގެ ރޭ މެންދަމު ބޭއްވި ޖަލްސާގައި މެމްބަރު ޝިޔާމް މަޖިލީހުގެ ތަޅުމުން ނެރުމުގައި ނަޝީދު އަމަލުކުރެއްވީ ގަވައިދާ ޚިލާފަށް ކަމަށް އެހެން މެމްބަރުން ވެސް ވިދާޅުވޭ.---ފޮޓޯ: މަޖިލިހުގެ އިދާރާ

ގާނޫނުއަސާސީ އިސްލާހުކުރުމުގެ ޖަލްސާގައި ޝިޔާމްގެ ނަން މަޖިލީހުގެ ރިޔާސަތުން އިއްވެވީ ވެސް މަޖިލީހުގެ ގަވައިދުގައި ބުނާ ކަންކަން ފުރިހަމަ ނުކޮށް ކަމަށް ބައެއް އެހެން މެމްބަރުން ވެސް ގެންދަވަނީ ވިދާޅުވަމުންނެވެ. ޚާއްސަކޮށް، މަޖިލީހުގެ މެމްބަރުންތަކެއް މެދުވެރިކޮށް، އެހެން މެމްބަރަކު މަޖިލީހުގެ ތަޅުމުން ނެރުމަކީ ގަވައިދު ހުއްދަ ކުރާ ކަމެއް ނޫނެވެ.

ޕީޖީ ޝަމީމަށް އިދިކޮޅު ކޯލިޝަނުން މިއަދު ފޮނުވި ސިޓީގައި މައިގަނޑު ގޮތެއްގައި އެދިފައި ވަނީ ޝިޔާމަށް އަނިޔާވި މައްސަލައިގެ ތަހުގީގު ފުލުހުން ކުރިއަށް ގެންދާ ގޮތް ގާތުން ބަލައިދިނުމަށެވެ.

މަޖިލީހުގައި ހިންގި ކަންކަން ފުލުހުން ތަހުގީގު ކުރަމުން އަންނަ ކަމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވުމުން، އެމްޑީޕީގެ ލީޑަޝިޕުން ވަނީ އިމްރާނާ ދެކޮޅަށް ތެދުވެ، ހޫނު ރައްދުތަކެއް ވެސް މިދިޔަ ހަފުތާގައި ދީފަ އެވެ.

"...އެހެންކަމުން މޯލްޑިވްސް ޕޮލިސް ސާވިސްގެ ފަރާތުން ކުރިއަށް ގެންދަވާ ތަހުގީގަކީ ނުފޫޒުތަކުން އެއްކިބާވެފައިވާ މިނިވަން އިންސާފުވެރި ތަހުގީގެއްކަން ކަށަވަރުކުރުމުގެ ގޮތުން އެ ތަހުގީގު ކުރިއަށްދާ ގޮތް ވީހާވެސް ގާތުން މަނިކުފާނު ބައްލަވަމުން ގެންދެވުމަކީ މި ކޯލިޝަންގެ ވަރަށް ބޮޑު އެދުމަކަށް ވާތީ އެކަން އެގޮތަށް ކޮށްދެއްވުމަށް އެދި ދެންނެވީމެވެ،" --- ޕީޕީއެމް/ޕީއެންސީ

ޕީޕީއެމް-ޕީއެންސީން ޕީޖީ އަށް މިއަދު ފޮނުވި ސިޓީގައި ބުނީ އެ މައްސަލައިގެ ތަހުގީގު ފުލުހުން ފަށާފައިވާއިރު، އެ ތަހުގީގު ކުރިއަށް ގެންދާ ގޮތް ޕީޖީ ބައްލަވައި ދެއްވަން އެދުނީ އެއީ، ނުފޫޒުތަކުން އެއްކިބާވެފައިވާ މިނިވަން ތަަހުގީގެއްކަން ކަށަވަރު ކުރުމަށް ކަމަށެވެ. އެހެންވެ، ތަހުގީގު ކުރިއަށް ގެންދާ ގޮތް ވީހާ ވެސް ގާތުން ބައްލަވައިދެއްވަން އެދޭ ކަަމަށް ޕީޕީއެމް-ޕީއެންސީ ކޯލިޝަނުން ޝަމީމަށް ފޮނުވި ސިޓީގައި ވެ އެވެ. މަޖިލީހުގެ ތަޅުމުން ޝިޔާމް ނެރުމުގައި އަމަލުކުރި ގޮތް ފުލުހުން ތަހުގީގު ކުރާކަން އަންގާފައިވާ ކަމަށް ވެސް އިދިކޮޅުގެ ސިޓީގައި ބުންޏެވެ.

"...އެހެންކަމުން މޯލްޑިވްސް ޕޮލިސް ސާވިސްގެ ފަރާތުން ކުރިއަށް ގެންދަވާ ތަހުގީގަކީ ނުފޫޒުތަކުން އެއްކިބާވެފައިވާ މިނިވަން އިންސާފުވެރި ތަހުގީގެއްކަން ކަށަވަރުކުރުމުގެ ގޮތުން އެ ތަހުގީގު ކުރިއަށްދާ ގޮތް ވީހާވެސް ގާތުން މަނިކުފާނު ބައްލަވަމުން ގެންދެވުމަކީ މި ކޯލިޝަންގެ ވަރަށް ބޮޑު އެދުމަކަށް ވާތީ އެކަން އެގޮތަށް ކޮށްދެއްވުމަށް އެދި ދެންނެވީމެވެ،" ޕީއެންސީގެ ރައީސް އަަބްދުއްރަހީމް އަބްދުﷲ ސޮއިކުރައްވާފައިވާ ސިޓީގައި ވެ އެވެ.

ޝިޔާމް މަޖިލީހުގެ ތަޅުުމުން ނެރުނު އިރު، އެމްޑީޕީގެ މެމްބަރުން މާރާމާރީ ހިންގި ކަމަށް އިދިކޮޅުން ކުރިއްސުރެ ކުރަމުން އަންނަ ތުހުމަތު އެ ސިޓީގައި ވެސް ތަކުރާރުކޮށްފައި ވެ އެވެ.

މަޖިލީހުގައި ހިންގި މާރާމާރީއާ ގުޅިގެންނާއި ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ނުވާތީ އިދިކޮޅު މެމްބަރުން މިހާރު ވަނީ މަޖިލީހުގެ ޖަލްސާތައް ބޮއިކޮޓް ކުރަން ނިންމައިފަ އެވެ. އެގޮތުން މިއަދުގެ ޖަލްސާ ވެސް ކުރިއަށް ގެންދިޔައީ އިދިކޮޅު މެމްބަރުންނާ ނުލަ އެވެ. މާދަމާގެ ޖަލްސާ އަށް ވެސް އެ މެމްބަރުން ވަޑައެއް ނުގަންނަވާނެ އެވެ.

މެމްބަރު ޝިޔާމް ކުރިން ނެރުއްވި ބަޔާނެއްގައި ވިދާޅުވީ، މެމްބަރުން އޭނާގެ ގަޔަށް އަތްލައި، މަޖިލީހުގެ ތަޅުމުން ނެރުމުގެ ތެރޭގައި އޭނާގެ މައިބަދައިގެ ތިރީ ބަދައެއް، ކޮންމެވެސް ވަރަކަށް އެތެރެއަށް ޖެހި އަދި ބަދައިގައި ރެނދުލުމުގެ އިތުރުން މޭކަށިގަނޑަށް ވެސް އަނިޔާ ލިބިފައިވާ ޓެސްޓްތަކުން ހާމަވާ ކަމަށެވެ. އެހެންވެ، ހިނގައިބިނގާވެ އުޅުމަށް މިހާރު ދަތިވާ ކަމަށާއި އެހެން ސިއްހީ މައްސަލަތަކެއް ދިމާވާތީ އިތުރު ފަރުވާއަށް ރާއްޖެއިން ބޭރަށް ވަޑައިގަންނަވަން ޖެހިދާނެ ކަމުގެ އިޝާރާތެއް ޑޮކްޓަރުންގެ ފަރާތުން ލިބިވަޑައިގެންފައިވާ ކަމަށް އެ ބަޔާނުގައިވެ އެވެ.