Roadha Mihaaru
ފެން ބޮޑުވުން ޗައިނާގެ މަޝްރޫއުން ހައްލުވާނެ: ރައީސް

ޗައިނާ އިން މަގު ހެދުމުގެ މަޝްރޫއު ނިމޭއިރު ފެންބޮޑުވުމަށް ދާއިމީ ހައްލެއް ލިބޭނެ: ރައީސް

13 އޯގަސްޓް 2024

ޗައިނާ ސަރުކާރުގެ ހިލޭ އެހީގެ ދަށުން މާލޭގެ ހުރިހާ މަގުތައް ރަނގަޅު ފެންވަރަށް ހަދައި ނިމުމުން، ފެންބޮޑުވުމުގެ މައްސަލައަށް ދާއިމީ ހައްލެއް ލިބޭނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.

މާއިދާ މުހައްމަދު ރަޝާދު މާއިދާ މުހައްމަދު ރަޝާދު

ޗައިނާ ސަރުކާރުގެ ހިލޭ އެހީގެ ދަށުން މާލޭގެ ހުރިހާ މަގުތައް ރަނގަޅު ފެންވަރަށް ހަދައި ނިމުމުން، ފެންބޮޑުވުމުގެ މައްސަލައަށް ދާއިމީ ހައްލެއް ލިބޭނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.

މިއަދު ހެނދުނުން ފެށިގެން މާލެއަށް ބޯކޮށް ވާރޭވެހި، މަގުތަކުގައި ވަނީ ފެންބޮޑުވެފަ އެވެ. ހިނގާބިނގާވުމަށާއި ދުއްވާ އެއްޗިއްސަށް ދަތިވާ ވަރަށް މަގުތަކުގައި ފެން ހެދިފައިވާތީ، ސިފައިން ނުކުމެ ފެން ހިންދުމުގެ މަސައްކަތް އަންނަނީ ކުރަމުންނެވެ.

ރައީސް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވަނީ، ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރާއާ ގުޅިގެން އާންމުންނަށް އެހީތެރިކަން ފޯރުކޮށްދިނުމަށްޓަކައި ސަރުކާރުން ހާއްސަ އިސްކަމެއް ދީގެން މަސައްކަތް ކުރާނެ ކަމުގެ ޔަގީންކަން ދެއްވައިފަ އެވެ.

ރައީސް ވިދާޅުވީ މި ކަހަލަ ހާދިސާތަކުގައި އާއްމު ދިރިއުޅުމަށާއި ގެދޮރާއި މުދަލަށް ލިބޭ ގެއްލުން ކުޑަކުރުމަށްޓަކައި ކުރަން ޖެހޭ މުހިއްމު މަސައްކަތްތައް، އެންމެންގެ އެއްބާރުލުމާ އެކު ކުރެވިއްޖެ ނަމަ ނަތީޖާ ނެރެވޭނެ ކަމަށެވެ.

"މާލޭގެ ހުރިހާ މަގުތައް ރަނގަޅު ފެންވަރަކަށް ހެދުމަށް ފަށާ މަޝްރޫއުގެ އެންމެ މުހިއްމު އެއް އަމާޒަކީ މާލޭގައި ފެން ބޮޑުވުން ހައްލުކުރުން. އެ މަޝްރޫއު ނިމިގެން ދާއިރު މާލޭގައި ޒަމާނުއްސުރެ ބޮޑުވެފައިވާ، ފެެންބޮޑުވުމުގެ މައްސަލައަށް ދާއިމީ ހައްލެއް ލިބިގެންދާނެ،" ރައީސް ވިދާޅުވި އެވެ.

"ހަމަ އެފަދައިން ރާއްޖޭގެ ގިނަ ރަށްތަކެއްގެ މަގު ހެދުމުގެ މަޝްރޫއު ކޮންމެ އަހަރަކު ވެސް ޕްލޭން ކޮށްފައިވާ ގޮތަށް، އިސްކަންދީގެން ކުރިއަށް ގެންދެވުމުން އެ ރަށްރަށުގައި ވެސް އެ ހައްލު ލިބިގެންދާނެ."

ކޮންސްޓްރަކްޝަން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު ވެސް ވަނީ، މަގުތަކުގައި ފެންބޮޑުވުން ހައްލުކުރަން ސަރުކާރުން މަސައްކަތް ކުރަމުން އަންނަ ކަމަށް ވިދާޅުވެފަ އެވެ.

މުއްތަލިބް ވިދާޅުވީ މާލޭގެ ފެންބޮޑުވުމުގެ މައްސަލަ ހައްލުކުރުމަށް ދިމާވެފައިވާ އެންމެ ބޮޑު ގޮންޖެހުމަކީ މާލޭގެ މަގުތައް ހެދުމުގައި ބިމަށް ފެން ހިންދޭ ގޮތަށް ކޮށްފައިވާ ޑިޒައިނާ އެއްގޮތަށް މަސައްކަތް ނުކުރުން ކަމަށެވެ.

އެހެންވެ، ޗައިނާގެ އެހީގައި މާލޭގެ މަގުތައް ތަރައްގީކުރުމަށް ކުރާ މަސައްކަތުގެ ތެރެއިން އެންމެ ބޮޑު އިސްކަމެއް ދޭނީ މާލޭގެ ހުރިހާ މަގެއް ރަނގަޅު ފެންވަރަށް ހަދައި، މާލެއަށް ދިމާވެފައިވާ ފެންބޮޑުވުމުގެ މައްސަލައަށް ހައްލެއް ގެނައުމަށް ކަމަށް މުއްތަލިބު ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި އެކަމަށް ދާއިމީ ހައްލެއް ގެނައުމަށް އެކަށޭނެ ސްޓޯމްވޯޓާ މެނޭޖްމަންތް ސިސްޓަމެއް ގާއިމުކުރާނެ އެވެ. އަދި އެ މަޝްރުއޫއަކީ މުޅި މާލެ ސާވޭކުރެވި ޑިޒައިން ކުރެވިގެން ކުރިއަށް ގެންދާނެ މަޝްރޫއުއެއް ކަމަށާއި އެއާ އެކު ފެންބޮޑުވުމުގެ މައްސަލަ އެއްކޮށް ހައްލުވާނެ ކަމަށް މުއްތަލިބު ވިދާޅުވި އެވެ.

މާލޭގެ މަގުތައް ހެދުމަށް ކުރަންޖެހޭ ފަންނީ މަސައްކަތްތައް ކުރުމަށް މިދިޔަ މާޗު މަހުގެ ހިސާބުގައި ވަނީ ޗައިނާގެ ޓީމެއް ވެސް ރާއްޖެ އައިސްފަ އެވެ.

ޗައިނާ އިން މާލޭގެ މަގުތައް ހަަދައިދޭން ނިންމީ މިދިޔަ ޑިސެމްބަރު މަހުގެ ތެރޭގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ޗައިނާއަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިން ކުރެއްވި މަޝްވަރާއަށް ފަހުގަ އެވެ. އެއީ 130 މިލިއަން ޑޮލަރުގެ ހިލޭ އެހީގެ މަޝްރޫއެކެވެ.