Roadha Mihaaru

ސިޓީ ކައުންސިލުން ކުރި ކަމަކުން ދެން ފެންގަނޑު ހެދޭނީ ވަށައިގެން ހުރި މަގުތަކުގައި: މުއްތަލިބް

މާލޭ ސިޓީ ކައުންސިލުން މަޖީދީ މަގުގެ މާލެ ގްރޭންޑް ކުރިމަތިން އޮތް ބައި މަރާމާތުކޮށް، އެ ސަރަހައްދު އުސްކުރުމުގެ ސަބަބުން ވަށައިގެން ހުރި މަގުތަކުގައި ފެންބޮޑުވުމުގެ ފުރުސަތު ވަރަށް ބޮޑު ކަމަށް ކޮންސްޓްރަކްޝަން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބް ވިދާޅުވެއްޖެ އެވެ.

ސިޓީކައުންސިލުގެ މަސައްކަތުން ހައްލު ނުލިބޭނެ:މުއްތަލިބް
އިފްރާޒް އަލީ
އިފްރާޒް އަލީ

13 ޖެނުއަރީ 2025

މާލޭ ސިޓީ ކައުންސިލުން މަޖީދީ މަގުގެ މާލެ ގްރޭންޑް ކުރިމަތިން އޮތް ބައި މަރާމާތުކޮށް، އެ ސަރަހައްދު އުސްކުރުމުގެ ސަބަބުން ވަށައިގެން ހުރި މަގުތަކުގައި ފެންބޮޑުވުމުގެ ފުރުސަތު ވަރަށް ބޮޑު ކަމަށް ކޮންސްޓްރަކްޝަން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބް ވިދާޅުވެއްޖެ އެވެ.

މުއްތަލިބް "މިހާރު" އަށް ވިދާޅުވީ މަޖީދީ މަގުގައި އެންމެ ބޮޑަށް ފެންބޮޑުވާ ސަރަހައްދު މަރާމާތު ކުރުމަށް ސިޓީ ކައުންސިލުން ކޮށްފައިވާ މަސައްކަތުގެ ސަބަބުން، ގަދައަށް ވިއްސާރަކުރާ ދުވަސްތަކުގައި އެ ހިސާބުގެ އެހެން މަގުތަކަށް އިތުރު މައްސަލަތައް ދިމާވުން އެކަށީގެންވާ ކަމަށެވެ.

މާލޭގެ ރަށް މެދަށް ވާ އެ ހިސާބުގައި ވާރޭ ފެން ހިންދާނެ ޕަމްޕް ސްޓޭޝަނެއް ނުހުރެ އެވެ. އެ ހިސާބުގެ މަގުތަކުގައި ހެދޭ ފެންގަނޑު ހިންދަން ޖެހެނީ ކާނުތަކުންނެވެ.

މާލޭ ސިޓީ ކައުންސިލުން މަޖީދީ މަގުން މިފަހުން މަރާމާތުކޮށްފައިވާ ސަރަހައްދު.-- ފޮޓޯ: ނިޝާން އަލީ | މިހާރު

މާލޭ ސިޓީ ކައުންސިލުން މަޖީދީ މަގުން މިފަހުން މަރާމާތުކޮށްފައިވާ ސަރަހައްދު.-- ފޮޓޯ: ނިޝާން އަލީ | މިހާރު

ސިޓީ ކައުންސިލުން މި މަހު ކުރީކޮޅު ވަނީ މަޖީދީ މަގާއި ޗާންދަނީ މަގު ގުޅޭ ކަންމަތިން ފެށިގެން މާލޭ ގްރޭންޑް ނިމޭ ހިސާބާ ދެމެދުގައި އޮތް ހުރިހާ ގަލެއް ނަގައި، ކާނުތައް ސާފުކޮށް، އަލުން ގާ އަތުރައިފަ އެވެ. އަދި އެ މަސައްކަތް ކުރީ މަގާއި ޕޭވްމަންޓް ވެސް ކުރިއަށް ވުރެ އުސްކުރުމަށް ފަހު އެވެ. މާލޭ ގްރޭންޑް ނިމޭ ހިސާބުން ފެށިގެން މަޖީދީ މަގާއި ރަށްދެބައި މަގު ގުޅޭ ހިސާބުގެ ދެމެދުގައި ހުރި ކާނުތައް ވެސް ސާފުކޮށް ޕޭވްމަންޓް އުސްކުރި އެވެ.

"ސިޓީ ކައުންސިލުން ކުރި ކަމަކީ މާލެ ގްރައުންޑް ކުރިމަތިން އޮތް ބައި އުސްކޮށްލުން. އެއީ ހައްލެއް ނޫން،" މުއްތަލިބް ވިދާޅުވި އެވެ.

"އެ ތަންކޮޅުގައި ފެން ބޮޑު ނުވިޔަސް މާލެ ސިޓީ ކައުންސިލުން ކުރި ކަމަކުން ދެން ފެންގަނޑު ހެދޭނީ ވަށައިގެން އެ ފެންނަ އެހެން މަގުތަކުގައި. މާލެ ގްރޭންޑް ކައިރި އާއި އަގޯރާ ކައިރީގައި ފެންގަނޑު ގިނައިރު ވަންދެން ނޯވެދާނެ. އެކަމަކު، އެ ފެންގަނޑު ދެން ދާނީ ޗާންދަނީ މަގާ ދިމާލަށް. ވަށައިގެން ހުރި އެހެން މަގުތަކަށް. އަޅުގަނޑު ބުނާނީ އެއީ ސްޓަންޓެކޭ."

މާލޭ ސިޓީ ކައުންސިލުން މަޖީދީ މަގުން މިފަހުން މަރާމާތުކޮށްފައިވާ ސަރަހައްދު.-- ފޮޓޯ: ނިޝާން އަލީ | މިހާރު

މާލޭ ސިޓީ ކައުންސިލުން މަޖީދީ މަގުން މިފަހުން މަރާމާތުކޮށްފައިވާ ސަރަހައްދު.-- ފޮޓޯ: ނިޝާން އަލީ | މިހާރު

މުއްތަލިބް ކުރިން ވެސް ވިދާޅުވި ގޮތުގައި، ކޮންމެ ފަހަރަކު ވަކިވަކި ތަންކޮޅު ހަދައިގެން މާލޭގައި ފެންބޮޑުވާ މައްސަލަ ހައްލު ނުކުރެވޭނެ އެވެ. މާލޭގެ މި މައްސަލައަށް ދާއިމީ ހައްލެއް ލިބޭނީ ހުރިހާ މަގެއް އަލުން ޑިޒައިންކޮށް، ހުރިހާ މަގުތައް އަލުން ރަނގަޅު ފެންވަރެއްގައި ހެދިގެން ކަމަށް އޭނާ ވިދާޅުވި އެވެ.

"މިހާރު މި ދިމާވާ މައްސަލައަކީ މި އަންނަ ފްލެޝް ފްލަޑާ އެކު، މީހުންގެ ގެތަކަށް ފެން ވަދެ، ގެއްލުން ލިބޭ މައްސަލަ. މާނައަކީ ފެން ހެދިފައި މާ ގިނައިރު އޮންނަ މައްސަލަ އަށް ވުރެ ބޮޑަށް، ފްލަޑާ އެކު މީހުންނަށް ގެއްލުންވުން. އެކަން ހައްލުކުރަން މިހާރު މި އިންނަ ސްޓޯމް ވޯޓާ ސިސްޓަމަށް ވުރެ، ފްލެޝް ފްލަޑުގައި ވަގުތުން ވަގުތައް ފެންގަނޑު ޕަމްޕް އައުޓް ކުރެވޭނެ ކަހަލަ ކެޕޭސިޓީއެއް ބިލްޑުކުރަން ޖެހޭނީ،" މުއްތަލިބް ވިދާޅުވެފައިވެ އެވެ.

މާލޭގެ މަގުތައް ހަދާފައި ވަނީ މަގު ހުރަހަށް ބޭނުންވާ ލެޓަރަލް ކަނެކްޝަން ނެތި އެވެ. މަގު ހުރަހަށް ބޭނުންވާ ކޭބަލާއި އެހެނިހެން ސާވިސް ކޭބަލްތަކަށް މަގުން ގާ ނަގައި، އެކިއެކި މަސައްކަތަށް ކޮނުމުގެ ސަބަބުން ގިނަ ސަރަހައްދުތަކުން ވަނީ އަޑިގުޑަންތައް ހެދިފަ އެވެ. މަގުތައް ރަނގަޅަށް މަރާމާތު ނުކުރެވި، ގިނަ ދުވަސްވުމާއި ފެން ހިންދުމަށް ދާއިމީ ހައްލެއް ނުލިބި އޮތުމަކީ އެންމެ ބޮޑު މައްސަލަ އެވެ.

މާލެ އާއި ވިލިމާލޭގެ ހުރިހާ މަގެއް އަލުން ހެދުމުގެ ބޮޑު ޕްރޮޖެކްޓެއް ޗައިނާ ސަރުކާރުގެ ހިލޭ އެހީގެ ދަށުން ފަށަން އަންނަނީ ތައްޔާރުވަމުންނެވެ. އެ މަސައްކަތް ފެށުމަށް މިދިޔަ އަހަރުގެ ނޮވެމްބަރު މަހު ޗައިނާގެ ކޮންސަލްޓަންޓުންގެ ޓީމެއް ރާއްޖެ އައިސް ވަނީ މާލެ އާއި ވިލިމާލޭގެ މަގުތަކުގެ ހާލަތު ބަލައި، ފީސިބިލިޓީ މަރުހަލާ ފަށައިފަ އެވެ.