Roadha Mihaaru

ސިޓީ ކައުންސިލުގެ އިހުމާލުން މާފަންނު ސަހަރާގައި ހުރި ފެން ހިންދާ ޕަމްޕް ސްޓޭޝަން ހަލާކުވެއްޖެ: މުއްތަލިބް

މާފަންނު ސަހަރާގައި ހުންނަ ފެން ހިންދާ ޕަމްޕް ސްޓޭޝަން، މާލޭ ސިޓީ ކައުންސިލުން އެތަން ހުސްކުރަން ހަވާލުކޮށްފައިވާ ކޮންޓްރެކްޓަރުގެ އިހުމާލުން ހަލާކުވެފައިވާ ކަމަށާއި އެއީ ގަސްދުގައި ކޮށްފައިވާ ކަމެއް ކަމަށް ބެލެވޭ ކަމަށް ކޮންސްޓްރަކްޝަން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބް މިއަދު ވިދާޅުވެއްޖެ އެވެ.

މާފަންނުން ފެން ހިންދާ ޕަމްޕް ސްޓޭޝަން ހަލާކުވެއްޖެ
އިފްރާޒް އަލީ
އިފްރާޒް އަލީ

11 ޖެނުއަރީ 2025

މާފަންނު ސަހަރާގައި ހުންނަ ފެން ހިންދާ ޕަމްޕް ސްޓޭޝަން، މާލޭ ސިޓީ ކައުންސިލުން އެތަން ހުސްކުރަން ހަވާލުކޮށްފައިވާ ކޮންޓްރެކްޓަރުގެ އިހުމާލުން ހަލާކުވެފައިވާ ކަމަށާއި އެއީ ގަސްދުގައި ކޮށްފައިވާ ކަމެއް ކަމަށް ބެލެވޭ ކަމަށް ކޮންސްޓްރަކްޝަން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބް މިއަދު ވިދާޅުވެއްޖެ އެވެ.

މުއްތަލިބް "މިހާރު" އަށް ވިދާޅުވީ ސިޓީ ކައުންސިލުން ކޮންޓްރެކްޓަރަކާ ހަވާލުކޮށްގެން މާފަންނު ސަހަރާގެ ބިން ހުސްކުރުމުގެ މަސައްކަތް ކުރަމުން އަންނައިރު، އެ ފަރާތުން ވަރަށް ޒިންމާދާރުކަން ކުޑަކޮށް މަސައްކަތް ކޮށްފައިވާ ކަމަށެވެ. މާފަންނު ސަރަހައްދުން ފެން ހިންދުމަށް އެ ސަހަރާގެ ތެރޭގައި ހަދާފައި ހުރި ސްޓޯމް ވޯޓާ ޕަމްޕް ސްޓޭޝަނަށް ގުޅާފައިވާ ހޮޅިތައް ނައްޓާލައި ގެއްލުން ދީފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

މި މަހުގެ ތިންވަނަ ދުވަހު މާލޭގައި ވަރަށް ބޮޑަށް ފެންބޮޑުވި އިރު ވެސް އެ ޕަމްޕް ސްޓޭޝަން މަސައްކަތްކުރި ކަމަށް މުއްތަލިބް ވިދާޅުވި އެވެ.

މާފަންނު ސަހަރާގައި ހުންނަ ސްޓޯމްވޯޓާ ޕަމްޕް ސްޓޭޝަނަކީ މާލޭގައި ފެންބޮޑުވާ މައްސަލަ ހައްލުކުރުމަށް އެމްޑަބްލިއުއެސްސީން 2014 އާއި 2018 އަހަރާ ދެމެދު މާލޭގެ އެކި ތަންތަނުގައި ބެހެއްޓި ސްޓޭޝަންތަކުގެ ތެރެއިން އެއް ސްޓޭޝަނެވެ. އެއީ މާފަންނު ސަރަހައްދުން ފެން ހިންދަން ބޭނުންކުރާ މައިގަނޑު ސްޓޭޝަނެވެ.

މުއްތަލިބް ވިދާޅުވީ، އޭރު އެ މަސައްކަތްކުރީ އެ ތަނުގައި ހުރި މިނިކަށިތައް ނަގައި، އެތަން ރަނގަޅަށް ސާފު ވެސް ކުރުމަށް ފަހު ކަމަށެވެ.

އަޅުގަނޑުމެންނަށް މިހާރު ގަބޫލުކުރެވެނީ ގަސްތުގައި ކޮށްފައި އޮތް ކަމެއް ކަމަށް: މިނިސްޓަރު މުއްތަލިބް

"އަޅުގަނޑުމެންނަށް މިހާރު ގަބޫލުކުރެވެނީ ގަސްދުގައި ކޮށްފައި އޮތް ކަމެއް ކަމަށް،" އޭނާ ވިދާޅުވި އެވެ.

"އެހެން ދަންނަވަން މި ޖެހޭ ސަބަބަކީ އެ ބޭފުޅުން ސިޓީއެއް ފޮނުވަނީ މެއިންޓެނަންސް ކަންތަކާ ގުޅޭ ގޮތުން މީޓިންއެއް ބާއްވަން. އަޅުގަނޑު ދަންނަވާފައި އޮންނާނެ މިނިސްޓްރީން ޕަމްޕް ސްޓޭޝަންތައް ބަލަހައްޓަމުން ކުރިއަށް ގެންދަމޭ މިހާރު ވެސް."

މުއްތަލިބް މި މައްސަލަ އެކްސްގައި ހިއްސާކުރުމުން މާލޭގެ މޭޔަރު އާދަމް އާޒިމް އެއަށް ރައްދު ދެއްވައި ވިދާޅުވީ އެ ޕަމްޕް ސްޓޭޝަންގެ ބައިތައް ރޫޅާލި އިރު، އެ ސްޓޭޝަން މަސައްކަތް ނުކުރާތާ ފަސް ވަރަކަށް މަސްދުވަސް ވެއްޖެ ކަމަށެވެ. އެ ސްޓޭޝަންގައި ހުރި ކަރަންޓު ބޯޑަށް ބަޔަކު ގެއްލުން ދީފައި ހުރި ކަމަށް އާޒިމް ވިދާޅުވި އެވެ.

ނަމަވެސް، އާޒިމްގެ މި ވާހަކަތައް ދޮގުކުރައްވައި މުއްތަލިބް ވިދާޅުވީ މި މަހުގެ ތިންވަނަ ދުވަހު މާލެއަށް ވިއްސާރަކުރި އިރު ވެސް އެ ސްޓޭޝަން މަސައްކަތްކުރި ކަމަށާއި އެއްވެސް މައްސަލައެއް އޭރު ފާހަގަކުރެވިފައި ނުވާ ކަމަށެވެ. މާލެ އަށް ވިއްސާރަކުރާ ކޮންމެ ފަހަރަކު މިނިސްޓްރީގެ މުވައްޒަފުން މާލޭގެ އެކި ތަންތަނުގައި ހުރި ޕަމްޕް ސްޓޭޝަންތަކުގެ ހާލަތު ބަލާ ކަމަށް އޭނާ ވިދާޅުވި އެވެ.

"އެންމެ ފަހުން ވާރޭވެހުނު [މި މަހުގެ ތިންވަނަ ދުވަހު]، އެންމެ ބޮޑަށް ފެންބޮޑުވި އިރު ވެސް އެ ޕަމްޕު ވޯކް ކުރި. އޭރު ވެސް، ކުރިން ވެސް ހުރިހާ ޕަމްޕް ސްޓޭޝަންތަކެއް ބަރާބަރަށް، ކޮންމެ ފަހަރަކު މިނިސްޓްރީން، ހަމަ ހާއްސަ ޓީމެއް އޮންނާނެ ހުރިހާ ޕަމްޕެއް ވޯކް ކުރޭތޯ ބަލަން،" މުއްތަލިބް ވިދާޅުވި އެވެ.

"އޭގެ ފަހުން މިއަދު ޕަމްޕް ސްޓޭޝަންތައް ވޯކް ކުރޭތޯ ބެލިބެލުމުގައި، އަޅުގަނޑުމެންނަށް ފާހަގަކުރެވުނީ [މާފަންނު ސަހަރާގެ ޕަމްޕުން] އެ ބައިތައް ރިމޫކޮށްފައި ހުރިކަން."

މުއްތަލިބް ވަނީ އެތަނުގެ ބައެއް ފޮޓޯތައް ވެސް އެކްސްގައި ހިއްސާ ކުރައްވައިފަ އެވެ. ފޮޓޯތަކުން ފެންނަ ގޮތުގައި އެ ޕަމްޕް ސްޓޭޝަންގެ ވަޅާ ގުޅާފައި ހުރި ހޮޅިތައް ނައްޓުވައި، ކޮންކްރީޓުގަނޑު ވެސް އޮތީ ތަޅާލައިފަ އެވެ. އަދި ކަރަންޓު ބޯޑު ވެސް ވަނީ އެތަނުން ނަގައިފަ އެވެ.

"އެހެންވުމުގެ ސަބަބުން މުޅި ސަރަހައްދުގައި ބޮޑުވާ ފެންގަނޑު ހިނދުން ދަނީ ކުރިއަށް ވުރެ މާ ބޮޑަށް ލަސްވަމުން،" މުއްތަލިބް ވިދާޅުވި އެވެ.

މުއްތަލިބް ވިދާޅުވީ ސިޓީ ކައުންސިލުން އެކަން ކުރީ މިނިސްޓްރީ އަށް ނުވެސް އަންގާ ކަމަށެވެ.

މާލޭ ސިޓީ ކައުންސިލުން މާފަންނު ސަހަރާގެ ބިން ހުސްކުރަނީ އެތަނުގައި ޕާކިން ބިލްޑިންއެއް އެޅުމުގެ މަސައްކަތަށެވެ. އަމިއްލަ ފަރާތަކާ ހަވާލުކޮށްގެން އެ ބިން ހުސްކުރުމުގެ މަސައްކަތް ފެށީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހު އެވެ.

މި މަހުގެ ތިންވަނަ ދުވަހާއި ރޭ މާލެއަށް ކުރި ވިއްސާރާގައި ވެސް މާފަންނުގައި ވަރަށް ބޮޑަށް ފެންބޮޑުވެ، ވަރަށް ގިނަ ގެތަކަށް ފެންވަދެ ވަނީ އެކި ވަރުގެ ގެއްލުން ލިބިފަ އެވެ. ރޭ ވެހުނު ވާރޭގައި ވެސް މަގުތަކުގައި ފެންބޮޑުވެ، ބައެއް ގޭގޭގެ ފާހާނަތަކުން ނަޖިސް ލީކުވެ، ދިރިނޫޅެވޭ ވަރު ވަނީ ވެފަ އެވެ.

އެންޑީއެމްއޭ އިން ކުރިން ބުނި ގޮތުގައި، މި މަހުގެ ތިންވަނަ ދުވަހު މާލެއަށް ކުރި ވިއްސާރާއަކީ ގެއްލުން އެންމެ ބޮޑުވި ފަހަރެވެ. އެ ފަހަރު 2.2 މިލިއަން ރުފިޔާގެ ގެއްލުން ލިބިފައިވެ އެވެ.