Roadha Mihaaru
މާލެއިން ތިން މިލިއަން ލީޓަރުގެ ފެން ހިންދައިފި

މާލެއިން ތިން މިލިއަން ލީޓަރުގެ ފެން ހިންދައިފި

13 އޯގަސްޓް 2024

މާލޭގެ މަގުތަކުން ތިން މިލިއަން ލީޓަރުގެ ފެން ހިންދާފައިވާ ކަމަށް އެމްއެންޑީއެފުން މިރޭ ބުނެފި އެވެ.

މޫސާ ރަޝީދު މޫސާ ރަޝީދު

މާލޭގެ މަގުތަކުން ތިން މިލިއަން ލީޓަރުގެ ފެން ހިންދާފައިވާ ކަމަށް އެމްއެންޑީއެފުން މިރޭ ބުނެފި އެވެ.

މިއަދު ހެނދުނުން ފެށިގެން ހުއްޓާ ނުލައި މާލެ އަށް ބޯކޮށް ވާރޭ ވެހި މަގުތަކުގައި ފެންބޮޑުވުމާ ގުޅިގެން ސިފައިން ނުކުމެ ފެން ހިންދުމުގެ މަސައްކަތް އަންނަނީ ކުރަމުންނެވެ.

އެމްއެންޑީއެފުން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ ފެން ހިންދަން ފަޔާ އެންޑް ރެސްކިއު އިން ކުރާ މަސައްކަތުގައި މާލޭގެ 10 ސަރަހައްދަކުން މިހާތަނަށް ޕަންޕުން 3،284،600 ލީޓަރުގެ ފެން ބޭރުކޮށްފައިވާ ކަމަށެވެ.

ފެން ބޮޑުވެގެން މިހާތަނަށް މާލޭގެ 200 އަށް ވުރެ ގިނަ ގެއިން ވަނީ ޑިޒާސްޓަ މެނޭޖްމަންޓް އޮތޯރިޓީއަށް ރިޕޯޓްކޮށްފަ އެވެ. އެ ގެތަކަށް، އެހީތެރިކަން ފޯރުކޮށްދީ ވެލި ބަސްތާތައް ޖެހުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް އެމްއެންޑީއެފުން ބުންޏެވެ.

ފެން ބޮޑުވެ ވަރަށް ބޮޑަށް ގެއްލުންވި ގެތަކުން މީހުން ބަދަލުކުރުމުގެ މަަސައްކަތް ވެސް އަންނަނީ ކުރަމުންނެވެ.

މާލޭގެ އިތުރުން ބައެއް ރަށްރަށުގައި ފެންބޮޑުވެފައިވާ އިރު އެ ރަށްތަކުން ވެސް ފެން ހިންދުމުގެ މަސައްކަތް އެމްއެންޑީއެފުން އަންނަނީ ކުރަމުންނެވެ.

މެޓް އޮފީހުން ލަފާކޮށްފައިވާ ގޮތުގައި ކުރިއަށް އޮތް ފަސް ދުވަހު ވެސް ރާއްޖޭގެ ބޮޑު ބަޔަކަށް މޫސުން ގޯސްވާނެ އެވެ.