Roadha Mihaaru
އެފްއޭއެމް ނޯމަލައިޒޭޝަން ކޮމިޓީގެ ޗެއާމަނަކަށް ޒުހޫރު

އެފްއޭއެމް ނޯމަލައިޒޭޝަން ކޮމިޓީގެ ޗެއާމަނަކަށް ޒުހޫރު

14 އޯގަސްޓް 2024

ފީފާއިން އެފްއޭއެމަށް އައްޔަންކުރާ ނޯމަލައިޒޭޝަން ކޮމިޓީގެ ޗެއާމަންކަމަށް ކުރީގެ ސްޕޯޓްސް މިނިސްޓަރު އަހުމަދު ޒުހޫރު ހަމަޖައްސާގޮތަށް ނިންމާފައިވާކަން "މިހާރު" އަށް އެނގިއްޖެ އެވެ.

ހުސެއިން ހަބީބް ހުސެއިން ހަބީބް

ފީފާއިން އެފްއޭއެމަށް އައްޔަންކުރާ ނޯމަލައިޒޭޝަން ކޮމިޓީގެ ޗެއާމަންކަމަށް ކުރީގެ ސްޕޯޓްސް މިނިސްޓަރު އަހުމަދު ޒުހޫރު ހަމަޖައްސާގޮތަށް ނިންމާފައިވާކަން "މިހާރު" އަށް އެނގިއްޖެ އެވެ.

ޗެއާމަންކަމަށް ޒުހޫރު ވަޑައިގަތުމަށް އޭއެފްސީ އާއި ފީފާގެ މަންދޫބުން ހިމެނޭ ކޮމިޓީއަކުން ހުށަހަޅާފައިވާކަން "މިހާރު" އަށް ވަނީ އެނގިފަ އެވެ.

އެކަމަކު ޒުހޫރު "މިހާރު" އަށް ވިދާޅުވީ ނޯމަލައިޒޭޝަން ކޮމިޓީއަށް އައްޔަން ކުރިކަން އެނގިވަޑައިނުގަންނަވާ ކަމަށެވެ.

ނަމަވެސް ބޭރުގެ ޕެނަލަކުން އޭނާ އާ އިންޓަވިއު ކުރިކަމަށް، ޕަބްލިކް އެޑްމިނިސްޓްރޭޝަންގެ ދާއިރާގެ ތަޖުރިބާކާރު ވިދާޅުވި އެވެ.

ނޯމަލައިޒޭޝަން ކޮމިޓީ އަށް ވަޑައިގަތުމަށް ފުރުސަތު ލިބިވަޑައިގެންފިނަމަ އެ ފުރުސަތުގެ ބޭނުން ހިއްޕަވާނަންތޯ "މިހާރު" އިން ސުވާލު ކުރުމުން ޒުހޫރު ވިދާޅުވީ ރާއްޖެ އަށް ހިދުމަތްކުރަން ލިބޭ ކޮންމެ ފަހަރަކު ވެސް އެކަން ގަބޫލުކުރަނީ އުފަލާ އެކު ކަމަށެވެ.

"އެކަމަކު އެއްވެސް ކަމަކަށް އެޕޮއިންޓް ކުރި ކަމެއް އަޅުގަނޑަކަށް އެނގިފަކައެއް ނެތް. އެކަމާ ގުޅޭ އެއްވެސް ކަހަލަ ކޮންފަމޭޝަނެއް ނެތް،" ޒުހޫރު ވިދާޅުވި އެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ޒުހޫރު ވަނީ ސްޕޯޓްސް މިނިސްޓަރުކަން ގާތްގަނޑަކަށް ދެ އަހަރުގެ މުއްދަތަކަށް ކުރައްވައިފަ އެވެ. އެ މުއްދަތުގައި އެފްއޭއެމް އިސްލާހު ކުރުމަށް ގިނަ ކަންތަތަކެއް އޭނާ ކުރެއްވި އެވެ.

އެފްއޭއެމުން އޭރު ކަންތައް ކުރަމުންދާ ގޮތުން ކަންބޮޑުވުން ފާޅުކޮށް ފީފާ އަށް ވެސް ޒުހޫރު ވަނީ ސިޓީއެއް ފޮނުވައިފަ އެވެ.

އަންނަ އަހަރު ޖުލައި 31 ގެ ނިޔަލަށް ދައުރު ހަމަވާ ކޮމިޓީ އަށް ފީފައިން އައްޔަން ކުރަނީ ފަސް މެންބަރުންނެވެ. ޗެއާމަންގެ އިތުރުން އާންމު ހަތަރު މެންބަރުން ވެސް ކޮމިޓީގައި ހިމެނެ އެވެ. އޭގެ ތެރޭގައި އަންހެން މެންބަރަކު ވެސް ހިމެނެ އެވެ.

އެފްއޭއެމްގެ ނޯމަލައިޒޭޝަން ކޮމިޓީގެ ޒިންމާއަކަށް ވާނީ ހިންގުން ބޮއްސުންލާފައިވާ އެސޯސިއޭޝަން ހަމަޔަކަށް އަޅުވައި އަސާސީ ގަވާއިދު އިސްލާކޮށް އާ އިންތިހާބެއް ބޭއްވުމެވެ.

މީގެ އިތުރުން އެތަނުގެ އޮޑިޓެއް ކުރުވައި، ފައިސާގެ މުއާމަލާތްތަކާއި، ލިބިފައިވާ ފަންޑުތަކުގެ ބޭނުން ހިފާފައިވާ ގޮތް ވެސް ބަލާނެ ކަމަށް ބެލެވެ އެވެ. އެފްއޭއެމްގެ އެންމެ ފަހުގެ ރައީސް ބައްސާމް އަދީލް ޖަލީލް މިވަގުތު ހުންނެވީ އެފަދަ ތުހުމަތުތަކާ ގުޅިގެން ސަސްޕެންޑްކޮށްފަ އެވެ.