Roadha Mihaaru
ފީފާ އިން ނޯމަލައިޒޭޝަން ކޮމިޓީ އެކުލަވާލައިފި

ފީފާ އިން ނޯމަލައިޒޭޝަން ކޮމިޓީ އެކުލަވާލައިފި، މި ހަފުތާގައި އިއުލާންކުރާނެ

12 އޯގަސްޓް 2024

އެފްއޭއެމް ހިންގަން ފީފާއިން އެކުލާވާލާ ނޯމަލައިޒޭޝަން ކޮމިޓީ އަށް އައްޔަންކުރާ މެންބަރުންނާ އެކު އިންޓަވިއުކޮށް، ނަންތައް ފައިނަލް ކޮށްފި އެވެ.

ހުސެއިން ހަބީބް ހުސެއިން ހަބީބް

އެފްއޭއެމް ހިންގަން ފީފާއިން އެކުލާވާލާ ނޯމަލައިޒޭޝަން ކޮމިޓީ އަށް އައްޔަންކުރާ މެންބަރުންނާ އެކު އިންޓަވިއުކޮށް، ނަންތައް ފައިނަލް ކޮށްފި އެވެ.

"މިހާރު" އަށް އެނގިފައިވާ ގޮތުގައި މި އެ ކޮމިޓީ އަށް އައްޔަންކުރާ މެންބަރުންނަކީ ކޮބައިކަން ފީފާއިން މި ހަފުތާގައި އިއުލާން ކުރާނެ އެވެ.

ރާއްޖޭގެ އިތުރުން ޓިއުނީޝިއާގެ އެފްއޭ ވެސް ނޯމަލައިޒޭޝަނަކަށް ގެންދަން ހަމަޖެހިފައިވާކަން ފީފާއިން އިއުލާން ކުރި އެއް ދުވަހެއްގަ އެވެ.

ދެ ގައުމުގެ ފުޓްބޯޅަ އިދާރާގެ ހިންގުމާ ވަގުތީގޮތުން ހާވާލުވާ ދެ ކޮމިޓީ އަށް ވެސް އައްޔަންކުރާ މެންބަރުންނާ އެކު އިންޓަވިއު މަރުހަލާ ފީފާއިން މިހާރު ވަނީ ފުރިހަމަކޮށްފަ އެވެ.

ކުރިއަށް 48 ގަޑިއިރުގެ ތެރޭގައި ނުވަތަ ލަސްވެގެން މި ހަފުތާގެ ނިޔަލަށް ރާއްޖެ އާއި ޓިއުނީޝިއާގެ ނޯމަލައިޒޭޝަން ކޮމިޓީ ވެސް ފީފާއިން އައްޔަން ކުރާނެ ކަމަށް "މިހާރު" އަށް ލިބުނު މަސްދަރުން ބުނެ އެވެ.

ނޯމަލައިޒޭޝަން ކޮމިޓީގެ މެންބަރުންނަށް މުސާރައިގެ ގޮތުގައި މަހަކު 4000 ޑޮލަރާއި 8000 ޑޮލަރާ ދެމެދުގެ މުސާރައެއް ވެސް ފީފާއިން ދޭނެ ކަމަށް "މިހާރު" އަށް މައުލޫމާތުދިން މަސްދަރުން ބުންޏެވެ.

ރާއްޖޭގެ ނޯމަލައިޒޭޝަން ކޮމިޓީގެ މަސައްކަތްތަކުގައި ކުރީގެ ޕްރޮސިކިއުޓާ ޖެނަރަލް އަހްމަދު މުއިއްޒު ޝާމިލުވާ ކަމުގެ އަޑިތަކެއް ވަނީ ފެތުރިފަ އެވެ. އެކަމާ ބެހޭގޮތުން "މިހާރު" އިން ގުޅުމުން މުއިއްޒު ވިދާޅުވީ ކޮމެންޓެއް ކުރަން ބޭނުން ނުވާކަމަށެވެ.

އެފްއޭއެމްގެ ނޯމަލައިޒޭޝަން ކޮމިޓީގެ ޒިންމާއަކަށް ވާނީ ހިންގުން ބޮއްސުންލާފައިވާ އެސޯސިއޭޝަން ހަމަޔަކަށް އަޅުވައި އަސާސީ ގަވާއިދު އިސްލާކޮށް އާ އިންތިހާބެއް ބޭއްވުމެވެ.

މީގެ އިތުރުން އެތަނުގެ އޮޑިޓެއް ކުރުވައި، ފައިސާގެ މުއާމަލާތްތަކާއި، ލިބިފައިވާ ފަންޑުތަކުގެ ބޭނުން ހިފާފައިވާ ގޮތް ވެސް ބަލާނެ ކަމަށް ބެލެވެ އެވެ. އެފްއޭއެމްގެ އެންމެ ފަހުގެ ރައީސް ބައްސާމް އަދީލް ޖަލީލް މިވަގުތު ހުންނެވީ އެފަދަ ތުހުމަތުތަކާ ގުޅިގެން ސަސްޕެންޑްކޮށްފަ އެވެ.

ނޯމަލައިޒޭޝަން ކޮމިޓީގެ ދައުރު ހަމަވާނީ އަންނަ އަހަރު ޖުލައި 31 ގެ ނިޔަލަށެވެ. ނަމަވެސް އެ މުއްދަތަކަށް މަސައްކަތް ނުނިމޭ ނަމަ ފީފާ އިން ދައުރު އިތުރުކޮށްދޭނެ އެވެ.