Roadha Mihaaru
އިތުބާރު ނެތްކަމުގެ މައްސަލަ:ކޮމެޓީއަށް ޕީޖީ ގެންދަނީ

އިތުބާރު ނެތްކަމުގެ މައްސަލާގައި ޖަވާބުދާރީވާން ޝަމީމް ކޮމިޓީއަށް ހާޒިރުކުރަނީ

14 އޯގަސްޓް 2024

ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) ހުސައިން ޝަމީމް މަގާމުން ވަކިކުރުމަށް ހުށަހަޅާފައިވާ މައްސަލާގައި ޖަވާބުދާރީވާން ޖުޑިޝަރީ ކޮމިޓީއަށް އޭނާ ހާޒިރުކުރަން އެ ކޮމެޓީން މިއަދު ފާސްކޮށްފި އެވެ.

ނާޒިމް ހަސަން ނާޒިމް ހަސަން

ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) ހުސައިން ޝަމީމް މަގާމުން ވަކިކުރުމަށް ހުށަހަޅާފައިވާ މައްސަލާގައި ޖަވާބުދާރީވާން ޖުޑިޝަރީ ކޮމިޓީއަށް އޭނާ ހާޒިރުކުރަން އެ ކޮމެޓީން މިއަދު ފާސްކޮށްފި އެވެ.

ސަރުކާރަށް ނިސްބަތްވާ ހުޅުދޫ ދާއިރާގެ މެމްބަރު މުހައްމަދު ޝާހިދު ހުށަހެޅުއްވި އެ މައްސަލާގައި މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީގެ މިއަދުގެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި މެންބަރުން އިއްތިފާގުން ފާސްކުރީ ތުހުމަތު ކުރެވޭ މައްސަލަތަކުގައި ޖަވާބުދާރީވާން ޝަމީމަށް ފުރުސަތު ދިނުމަށެވެ. އެހެންވެ، އެކަމަށް ފަސް ދުވަހުގެ ނޯޓިސްއެއް ދިނުމަށްފަހު، އެ މައްސަލަ އެޖެންޑާކުރަން މިއަދު ވަނީ ނިންމައިފަ އެވެ.

މެންބަރު ޝާހިދު ހުށަހެޅުއްވި މަައްސަލާގައި ބުނެފައިވަނީ ޕީޖީއަކީ އޭނާގެ މަސްއޫލިއްޔަތުތައް އަދާ ކުރުމުގައި އެއްވެސް ފަރާތަކުން އަންގާ ގޮތަކަށް މަސައްކަތް ކޮށްގެން ވާނެ ފަރާތެއް ނޫން ކަމަށް ވިޔަސް، ޝަމީމް އޭނާގެ ދައުރުގެ ތެރޭގައި އެ މިންގަނޑާ ހިލާފަށް އެތައް ކަމެއް ކޮށްފައިވާ ކަމަށެވެ. އެހެންވެ، ގާނޫނުއަސާސީގެ 228 ވަނަ މާއްދާގެ ހ. ގެ ދަށުން ޝަމީމަކީ މަގާމުން ވަކި ކުރަން ޖެހޭ ފަރާތެއް ކަމަށް ދެކޭ ކަމަޑް އެ މައްސަލާގައި ބުނެފައިވެ އެވެ. ޕީޖީއަށް ތުހުމަތު ކޮށްފައިވާ މައްސަލަތައް

- ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދަށް ކޮށްފައިވާ ޖިންސީ ކުށުގެ ދައުވާތައް ފައިލް ކުރުން

- މަގާމުގައި ދެމި ހުރުމަށް ކުރީގެ ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފްގެ މައްސަލަ ފައިލް ކުރުން

- ސަފާރީ ރޭޕް ކޭސްގެ މައްސަލާގައި އެމްޑީޕީ އާ ގުޅުން އޮންނަ ފަރާތެއް ހިމެނޭތީ އިސްތިއުނާފް ނުކުރުން

- ނިލަންދޫ ދާއިރާގެ ކުރީގެ މެންބަރު އަލީ ރިޒާގެ މައްޗަށް ކުރި ހިއުމަން ޓްރެފިކިންގެ ދައުވާ އަނބުރާ ގެންދިޔުން

- ޝަމީމް ވަނީ ބަނގުރާ އާ ގުޅޭ 77 މައްސަލައެއް އަނބުރާ ގެންދިޔުން

- އެއް ޖިންސުން ގުޅުން ހިންގުމާ ގުޅޭ 13 މައްސަލައެއް އަނބުރާ ގެންދިޔުން

- ވެންޓިލޭޓަރު މައްސަލާގައި ދައުވާ ނުކުރަން ނިންމުން

- ޕީޖީ އޮފީހުގެ މުއައްޒަފުންނާ މެދުގައި ތަފާތު ކުރުންތައް ގެންގުޅުން.

ޕީޖީގެ މަގާމަށް ޝަމީމް އައްޔަން ކުރެއްވީ ޑިސެމްބަރު، 2019 ގަ އެވެ. އޭނާގެ ދައުރު އަންނަ ޑިސެމްބަރު މަހު ހަމަވާނެ އެވެ.