Roadha Mihaaru
ޕީޖީ ހާޒިރުކުރާ ކޮމިޓީ ލައިވްކޮށްދޭން އެދުނަސް ސިއްރު

ޕީޖީ ހާޒިރުކުރި ކޮމިޓީ ލައިވް ކޮށްދޭން އެދިފައި ވަނިކޮށް ސިއްރު ކޮށްފި

22 އޯގަސްޓް 2024

ޕްރޮސިކިއުޓާ ޖެނެރަލް ހުސައިން ޝަމީމް މަގާމުން ވަކިކުރަން ހުށަހަޅާފައިވާ މައްސަލާގައި އޭނާ މިއަދު ހާޒިރުކުރި ޖުޑިޝަރީ ކޮމިޓީގެ ބައްދަލުވުން ސިއްރުކޮށްފި އެވެ.

މޫސާ ރަޝީދު މޫސާ ރަޝީދު

ޕްރޮސިކިއުޓާ ޖެނެރަލް ހުސައިން ޝަމީމް މަގާމުން ވަކިކުރަން ހުށަހަޅާފައިވާ މައްސަލާގައި އޭނާ މިއަދު ހާޒިރުކުރި ޖުޑިޝަރީ ކޮމިޓީގެ ބައްދަލުވުން ސިއްރުކޮށްފި އެވެ.

ހުޅުދޫ ދާއިރާގެ ޕީއެންސީ މެންބަރު މުހައްމަދު ޝާހިދު ހުށަހެޅުއްވި ޝަމީމްގެ އިތުބާރު ނެތް ކަމުގެ މައްސަލާގައި މިއަދު 10:30 އަށް ޝަމީމް ޖުޑިޝަރީ ކޮމިޓީ އަށް ހާޒިރު ކުރުމަށް ވަނީ ތާވަލުކޮށްފަ އެވެ.

އެ ބައްދަލުވުން ފެށުމާ އެކު ތުލުސްދޫ ދާއިރާގެ މެންބަރު އިބްރާހިމް ނަސީމް ވިދާޅުވީ ޕީޖީގެ އިތުބާރު ނެތް މައްސަލައަކީ "ހައްސާސް މައްސަލައެއް" ކަމަށާއި އޭގެ ތެރޭގައި ބައެއް ބޭފުޅުންގެ ޒާތީ މައުލޫމާތުތައް ހިމެނޭ ކަމަށެވެ.

އޭގެ އިތުރުން މީގެ ކުރިން ބޭއްވި ކޮމިޓީ ބައްދަލުވުމެއްގައި ޕީޖީގެ ވާހަކަތައް ސިއްރުކުރަން ޖެހޭ ކަމަށް ޝަމީމް ވިދާޅުވެފައިވާ ކަމަށް ނަސީމް ވިދާޅުވި އެވެ.

"އަޅުގަނޑުމެން އެބަ ޖެހޭ އިހްތިރާމް ކުރަން އަދި މިނިވަން މުއައްސަސާތަކުގައި ތިއްބަވާ ބޭފުޅުން އެދިަވަޑައިގަންނަވާ ގޮތަށް ފުރިހަމަ އަށް އިހްތިރާމް ކޮށްގެން އަޅުގަނޑުގެ ނަޒަރުގައި ކޮމިޓީ ސިއްރު ކުރުމަކީ އެންމެ ރަނގަޅު ގޮތް،" އޭނާ ވިދާޅުވި އެވެ.

ކޮމިޓީން އެގޮތަށް ފާސްކުރި ނަމަވެސް ޕީޖީ އޮފީހުން މިއަދު ވަނީ ޝަމީމް ހާޒިރު ކުރާ ކޮމިޓީ ބައްދަލުވުން ލައިވް ކޮށްދިނުމަށް އެދިފަ އެވެ.

ޕީޖީއަށް ތުހުމަތު ކޮށްފައިވާ މައްސަލަތައް

- ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދަށް ކޮށްފައިވާ ޖިންސީ ކުށުގެ ދައުވާތައް ފައިލް ކުރުން.

- މަގާމުގައި ދެމި ހުރުމަށް ކުރީގެ ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފްގެ މައްސަލަ ފައިލް ކުރުން.

- ސަފާރީ ރޭޕް ކޭސްގެ މައްސަލާގައި އެމްޑީޕީއާ ގުޅުން އޮންނަ ފަރާތެއް ހިމެނޭތީ އިސްތިއުނާފް ނުކުރުން.

- ނިލަންދޫ ދާއިރާގެ ކުރީގެ މެންބަރު އަލީ ރިޒާގެ މައްޗަށް ކުރި ހިއުމަން ޓްރެފިކިންގެ ދައުވާ އަނބުރާ ގެންދިޔުން.

- ބަނގުރަލާ ގުޅޭ 77 މައްސަލައެއް އަނބުރާ ގެންދިޔުން.

- އެއް ޖިންސުން ގުޅުން ހިންގުމާ ގުޅޭ 13 މައްސަލައެއް އަނބުރާ ގެންދިޔުން.

- ވެންޓިލޭޓަރު މައްސަލާގައި ދައުވާ ނުކުރަން ނިންމުން.

- ޕީޖީ އޮފީހުގެ މުއައްޒަފުންނާ މެދުގައި ތަފާތު ކުރުންތައް ގެންގުޅުން.