Roadha Mihaaru
ޑްރަގް އެތެރެކޮށްފިނަމަ މަރުގެ އަދަބުދޭން ހުށަހަޅަނީ

މަސްތުވާތަކެތި އެތެރެކުރާ މީހުންނަށް މަރުގެ އަދަބު ދޭން ސަރުކާރުން ގާނޫނު އިސްލާހު ކުރަނީ

14 އޯގަސްޓް 2024

ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރާ މީހުންނަށް މަރުގެ އަދަބު ދެވޭ ގޮތަށް މަސްތުވާތަކެތީގެ ގާނޫނު އިސްލާހު ކުރަން ނިންމައި އެ އަދަބު ދޭން ޑްރާފްޓް ބިލްގައި ހިމަނައިފި އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރާ މީހުންނަށް މަރުގެ އަދަބު ދެވޭ ގޮތަށް މަސްތުވާތަކެތީގެ ގާނޫނު އިސްލާހު ކުރަން ނިންމައި އެ އަދަބު ދޭން ޑްރާފްޓް ބިލްގައި ހިމަނައިފި އެވެ.

މަސްތުވާތަކެއްޗާބެހޭ ގާނޫނުގެ ދަށުން، މަސްތުވާތަކެތި އެތެރެކުރާ މީހުންނަށް މިހާރު ދެވޭ އަދަބަކީ އުމުރަށް ޖަލަށްލުމާ އެކު 100،000ރ. އިން ފެށިގެން 10 މިލިއަން ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރުމެވެ. އެހެންވެ، މިއީ ރާއްޖޭގައި ޑްރަގް މައްސަލަތަކުގައި މަރުގެ އަދަބު ދޭން ހުށަހެޅި ފުރަތަމަ ފަހަރެވެ.

މަސްތުވާތަކެއްޗާބެހޭ ގާނޫނަށް އިސްލާހު ގެންނަން ހޯމް ލޭންޑް ސެކިއުރިޓީ މިނިސްޓްރީން އެކުލަވާލި ބިލުގައި ހިމަނާފައިވަނީ ޖަދުވަލު 1 ގައިވާ މަސްތުވާއެއްޗެއް ވަކި އަދަދަކަށް ވުރެ ގިނައިން އެތެރެކޮށްފި ނަމަ މަރުގެ އަދަބު ދެވޭ ގޮތަށެވެ.

އެ އިސްލާހުގެ ޑްރާފްޓް އެޓާނީ ޖެނެރަލްގެ އޮފީހަށް ފޮނުވަން ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓްރީން އަންނަނީ ތައްޔާރު ވަމުންނެވެ.

މިހާރު ރާއްޖޭގެ ގާނޫނު އޮންނަ ގޮތުން މަރުގެ އަދަބު ކަނޑައެޅެނީ ގަސްދުގައި މީހުން މެރުމުގެ މައްސަލަތަކުގައި އެކަންޏެވެ. މަރުގެ މައްސަލަތަކުގައި މަރަން ހުކުމް ކޮށްފައިވާ ބައެއް މީހުން މިހާރު ވެސް ރާއްޖޭގެ ޖަލުތަކުގައި އެބަތިއްބެވެ.

ނަމަވެސް 1953 ވަނަ އަހަރު ފަހުން ރާއްޖޭގައި މަރުގެ އަދަބެއް ތަންފީޒު ކޮށްފައެއް ނުވެ އެވެ.

މަސްތުވާތަކެތި އެތެރެކުރާ މީހުންނަށް ސިންގަޕޫރުގައި މިހާރު ވެސް މަރުގެ އަދަބު ދެ އެވެ. އެހެންވެ، ރާއްޖޭގައި އެ އަދަބު ތަންފީޒުކޮށްފި ނަމަ ރާއްޖެ ވެގެން ދަނީ ދެކުނު އޭޝިއާގައި ޑްރަގް މައްސަލަތަކުގައި މަރުގެ އަދަބު ދޭނެ ދެވަނަ ގައުމަށެވެ. ދެކުނު އޭޝިއާގެ ގައުމުތަކުގެ ތެރެއިން ސްރީލަންކާގެ ގާނޫނުގައި ޑްރަގް އެތެރެކުރުމުގެ ކުށަށް މަރުގެ އަދަބު އޮންނަ ނަމަވެސް އެ ގައުމުގައި މަރުގެ އަދަބު ތަންފީޒުކުރުން އޮންނަނީ ނުރަސްމީ ގޮތެއްގައި ހުއްޓާލައިފަ އެވެ.

މަސްތުވާތަކެތި އެތެރެކުރާ މީހުންނަށް މަރުގެ އަދަބު ދިނުމަށް ޑްރާފްޓް ބިލްގައި ހިމެނިއިރު، ސަރުކާރުގެ ވިސްނުމުގައި ބޮޑަށް ހުރީ ސިންގަޕޫރުގައި އަމަލުކުރާ މޮޑެލްއާ އެއްގޮތަށް ކުރިއަށް ދިއުމަށް ކަމަށް އެނގިފައި ވެ އެވެ.

ރާއްޖެއަކީ މަސްތުވާތަކެތީގެ މައްސަލަތައް އިންތިހާއަށް އޮތް ގައުމަކަށް ވުމުން އެ ކަމުން ދިވެހިން ސަލާމަތް ކުރުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސިޔާސަތުގައި އެންމެ މުހިންމު އެއް ކަންތައް ކަމަށް ވަނީ ހައްދަވައިފަ އެވެ.