Roadha Mihaaru
ޕްރޮޑިއުސަރު ޖެކީ އަށް ޖިންސީ ގޯނާގެ ތުހުމަތު

ޕްރޮޑިއުސަރު ޖެކީ އަށް ޖިންސީ ގޯނާގެ ތުހުމަތު

03 ޖޫން 2021

އެކްޓަރެއްގެ ގޮތުގައި ބޮލީވުޑުން މާ ބޮޑު ކުރިއެރުމެއް ނުލިބުމުން މިހާރު ޕްރޮޑިއުސަރެއްގެ ގޮތުގައި މަސައްކަތްކުރަމުން އަންނަ ޖެކީ ބަގްނާނީގެ މައްޗަށް ޖިންސީ ގޯނާގެ ތުހުމަތުކޮށްފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

އެކްޓަރެއްގެ ގޮތުގައި ބޮލީވުޑުން މާ ބޮޑު ކުރިއެރުމެއް ނުލިބުމުން މިހާރު ޕްރޮޑިއުސަރެއްގެ ގޮތުގައި މަސައްކަތްކުރަމުން އަންނަ ޖެކީ ބަގްނާނީގެ މައްޗަށް ޖިންސީ ގޯނާގެ ތުހުމަތުކޮށްފި އެވެ.

ދެހާސް އެގާރައިގެ ފިލްމު "ފާލްތޫ" އިން ބޮލީވުޑަށް ނުކުތް ޖެކީ، 36، އަކީ މަޝްހޫރު ފިލްމު ޕްރޮޑިއުސަރު ވާޝޫ ބަގްނާނީގެ ދަރިއެކެވެ، އެ މީހުންގެ އާއިލާ ފިލްމު ކުންފުނި ޕޫޖާ އެންޓަޓައިންމަންޓް ހިންގުމާ މިހާރު އެންމެ އިސްކޮށް ޖެކީ ހަރަކާތްތެރިވާ އިރު، އެ މީހުން އެންމެ ފަހުން ގެނެސްދިން ފިލްމަކީ ވަރުން ދަވަން އާއި ސާރާ އަލީ ޚާންގެ "ކޫލީ ނަމްބަރު 1" އެވެ.

ޖެލީ ޕްރޮޑިއުސްކޮށް ގެނެސްދޭން ހުރި ފިލްމުތަކުގެ ތެރޭގައި އަކްޝޭ ކުމާރުގެ "ބެލް ބޮޓަމް" ވެސް ހިމެނެ އެވެ.

މީޑިއާތަކުން ބުނި ގޮތުގައި ޖެކީ ހިމެނޭ ގޮތަށް އަށް މީހެއްގެ މައްޗަށް ރޭޕާއި ޖިންސީ ގޯނާގެ ތުހުމަތުކޮށް މައްސަލަ ފުލުހުނަށް ރިޕޯޓްކުރީ 28 އަހަރުގެ މޮޑެލްއެކެވެ. އެކަމަކު އޭނާގެ ނަމެއް ހާމައެއްނުކުރެ އެވެ.

ހުށަހެޅި މައްސަލާގައި މޮޑެލް ބުނެފައި ވަނީ އޭނާ ރޭޕްކުރީ ފޮޓޯގްރާފަރު ކޯލްސްޓަން ޖޫލިއަން ކަމަށާއި އަނެއް ހަތް މީހުން އެކި ގޮތްގޮތަށް އެކި ފަހަރު މަތިން އޭނާ އަށް ޖިންސީ ގޯނާކޮށްފައިވާ ކަމަށެވެ. މީގެ ތެރޭގައި ޖެކީގެ އިތުރުން މަޝްހޫރު ޓެލެންޓް އެޖެންސީ ކްވާން އެންޓަޓައިންމަންޓްގެ ބާނީ އަނިރްބާން ބްލާ އާއި ޓީ ސީރީޒްގެ ކްރިޝަން ކުމާރާއި ޝީލް ގުޕްތާ އާއި އަޖިތު ތާކޫރު އާއި ނިކިލް ކަމަތު އަދި އަދި ވިޝްނޫ އިންދޫރީ ކިޔާ މީހަކު ހިމެނެ އެވެ.

ޖެކީ މައިންބަފަައިންނާ އެކު.

މޮޑެލް ބުނެފައިވާ ގޮތުގައި އެ މިސްމީހުން އޭނާ ރޭޕްކޮށް، ޖިންސީ ގޯނާކުރީ 2014-2019 އާ ދޭތެރޭގަ އެވެ. އަދި އެކަމެއް ހިނގީ ފިލްމުތަކުން ފުރުސަތުތައް ހޯދައިދޭނެ ކަމަށް ބުނެ ގެންގޮސް ކަމަށާއި އެކަމާ ހުރެ ނަފުސާނީ ގޮތުން ވެސް ގިނަ މައްސަލަތަކަކާ ކުރިމަތިލާން ޖެހުނު ކަމަށް ބުނެފައިވެ އެވެ.

ޖެކީގެ މައްޗަށް ކުރެވުނު ތުހުމަތުތަކާ ގުޅިގެން އޭނާ އަދި އެއްވެސް ވާހަކައެއް ނުދައްކަ އެވެ.

ބޮލީވުޑްގައި ޖިންސީ ފުރައްސާރަ އާއި ރޭޕްގެ ވާހަކަތައް މި ފަހުން އެންމެ ބޮޑަށް ތިލަވީ 2018 ގަ އެވެ. އޭރު ފިލްމީ ދާއިރާ އާއި މިއުޒިކް ދާއިރާގެ އެކި މީސްމީހުންގެ މައްޗަށް ބޮޑެތި ތުހުމަތުތަކެއްކޮށްފައިވެ އެވެ.